ހަބަރު

އެމްޑީޕީގެ ވޯޓުލުން: އެއްބަޔަކަށް މޮޅެއް އަނެއް ބަޔަކަށް ޖޯކެއް!

ރާއްޖޭގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ ނިމިފައިވާއިރު މި ޕްރައިމަރީގައި ހިނގައިދިޔަ ކަންތައްތަކަކީ ގިނަ ބަޔެއްގެ ލޯ އަމާޒުވެގެންދިޔަ ކަންތައްތަކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ބައިވެރިވެވަޑައިގެންނެވި މި ޕްރައިމަރީއަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެތެރޭގެ އިންތިޚާބަކަށް އެންމެ ގިނަ ފިއްތުންތައް ކުރިމަތިވެގެން ކުރިޔަށްގެންދިޔަ އިންތިހާބުވެސް މެއެވެ. ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީ ތައްޔާރުވާން ފެށުމާއެކު ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަނުންވަނީ ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިވާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އެއިންޒާރުތަކަށް ބީރުކަންފަތެއް ދެމުން އެމްޑީޕީން ބުނަމުން އައީ ރިޔާސީ ޕްރައިމަރީ ބާއްވާނެކަމަށާއި އެއީ ޕާޓީގެ އެތެރޭގެ ކަމެއްކަމަށެވެ. އެހެންކަމުން މެއި 30 ވަނަ ދުވަހު އެމްޑީޕީން ރިޔާސީ ޕްރައިމަރީ ގައި ވޯޓުލުން ކުރިޔަށްގެންދާއިރު އެކަމަށް ހުރަސްތަކެއް އަންނާނެކަން އެއީ ކުރިންވެސް ގިނަބަޔަކަށް ޔަގީންވެފައި އޮތްކަމެކެވެ. ކަންވީވެސް އެހެންނެވެ. ވޯޓުލުމުގެ ކަންކަން ފެށުމާއެކު ކޯޓުއަމުރެއްގެ ދަށުން ވޯޓުލުމުގެ ކަންކަން ހުއްޓާލުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ. އެއާއެކު ފުލުހުން މި ރިޔާސީ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތްފެށިއެވެ.

ނިހާން ކުރެއްވި ޓްވީޓް

ފުލުހުން މި ރިޔާސީ ޕްރައިމަރީ ހުއްޓުވަން ކުރިކަންތައްތަކާއި އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވޯޓުލަމުން ދިޔަގޮތް އެއީ އެތައް ބަޔެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔަ ކަންކަމެވެ. ފުލުހުން ވޯޓުފޮށިތައް ގެންދިޔަ ނަމަވެސް އެމްޑީޕީގެ މެމްބަރުން ގެންދިޔައީ ވޯޓުލަމުންނެވެ. ފުލުހުން އައިސް ވޯޓުފޮށި ގެންދާއިރަށް އަނެއްކޮޅުން ވޯޓުފޮށި ބަަހައްޓައެވެ. މީގެއިތުރުން ޑަބިޔާތަކާއި، ކޮތަޅު ތަކާއި، ސިމެންތިގަށާ މެޝިނާއި ވަޅުތަކަށް ވެސް ވޯޓުލަމުން ގެންދިޔަތަން ވަނީ ފެނިގެންގޮސްފައެވެ. އެއްބަޔަކަށް މިގޮތަށް ވޯޓުލުން ވީ ބޮޑު ޖޯކަކަށެެވެ. އަނެއް ބަޔަކަށް ފުލުހުން ވޯޓު ފޮށިތައް ގެންދިޔުމަށް ކުރި މަސައްކަތް ވީ ޖޯކަކަށެވެ. އެމްޑީޕީއަށް މަރުދޭ ވަކިން ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުދޭ މީހުންނަށް އެމްޑީޕީ މީހުން ވޯޓުލަމުން ގެންދިޔަ ގޮތަކީ ހިތްވަރުގަދަ ކަމެއްގެ ގޮތުގައި ސިފަވެގެންދިޔައިރު އަނެއް ބަޔަކަށް މިކަން ސިފަވީ އަބަދުވެސް އެމްޑީޕީން ގަދަބާރުން ކަންކަން ކުރަންއުޅޭގޮތަށް އިތުރުވެގެންދިޔަ ބޮޅެއްގެ ގޮތުގައެވެ.

އެމްޑީޕީގެ މެމްބަރުން މިވޯޓުލުމުން ސާބިތުކޮށްދޭން ބޭނުންވީ ގަދަބާރުން އެމީހުންގެ ވޯޓުލުން ނުހުއްޓުވޭނެކަމާއި ކޮންމެ ގޮތެއް ހަދާފައިނަމަވެސް ވޯޓުލާ އެމީހުންގެ ބަސް އިއްވާނެކަމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމީހުން ކުރަމުން އަންނަ ތާއީދު މިވޯޓުގެ ޒަރީއާއިން ދެއްކުމަށް އެމީހުންތިބީ ކެތްމަދުވެފައިކަމުގައި ދައްކަން އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތް ކިތަންމެ ރަނގަޅަކަށްވެސް ކާމިޔާބުކޮށްފިއެވެ. އަނެއްކޮޅުން މިކަމާ ދެކޮޅު ފިކުރުގެ މީހުންނަށް މިކަންވީ ގާނޫނާއި ހިލާފުކަމެއް ގަދަބާރުން ކުރަންއުޅުނުކަމެއްކަމުގައެވެ. ކޯޓުން ކުރި އަމުރަށް ކިޔަމަން ނުވެ ފުލުހުންނަށް ހުރަސްއަޅާ ކުރިކަމެއްގެ ގޮތުގައި އެމީހުން ސިފަކުރަމުންދިޔައެވެ.

އީވާ ކުރެއްވި ޓްވީޓް.

ސޯޝަލް މީޑިޔާގައި އެކި މީހުންގެ ޝުއޫރުތައް މިކަމާއި ގުޅޭގޮތުން ފާޅުކުރަމުން ދިޔައެވެ. އެގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ސިމެންތިގަށާ މެޝިނަކަށް އެމްޑީޕީ ގެ މެމްބަރުން ވޯޓުލާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބަޔަކު މީހުން ދުނިޔެއިން މޮޔަވާނީ މިވަރަށްކަމަށެެވެ. މިޓްވީޓަށް ރައްދު ދީ ބައެއް މީހުންކޮށްފައި ހުރި ޓްވީޓްތަކަށް ބަލާލާއިރު މޮޔަވަނީ އެމްޑީޕީ މީހުންނޫން ކަމާއި މޮޔަވަނީ ފުލުހުންކަމަށް ވަނީ ބުނެފައެވެ. އަނެއް ބަޔަކު ރައްދުދީފައިވަނީ މިއީ ޖޯކެއްކަމަށާއި ޑްރާމާއެއް ކަމަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރ ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އިވާ އަބްދުﷲ ވޯޓުލާން އެމްޑީޕީން ގެންގުޅުނު އެކިއެއްޗެހީގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައިވަނީ އެމްޑީޕީން ގޮތްހުސްވާނެތޯ ސުވާލުކުރައްވާފައެވެ. މިޓްވީޓްގެ ރައްދުގައި ހުރި ޓްވީޓްތަކަށް ބަލާލާއިރު އެމްޑީޕީއަށް ގޮތްހުސްނުވާނެކަމަށް މީހުން ވަނީ ބުނެފައެވެ. އަނެއްބަޔަކު ވަނީ މިއީ ޖޯކެއްކަމަށް ބުނެފައެވެ.

ކޮންމެ އަކަސް ޚިޔާލަކީ ތަފާތު އެއްޗެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ތާއީދުކުރާ މީހުން ކުރާ ކަންކަން ރަނގަޅުވާނެއެވެ. ތާއީދުނުކުރާ މީހުން ކުރާކަންކަން ގޯސްވެ ޖޯކަކަށްވާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެންދިޔަޔަސް އެމްޑީޕީން މިވަނީ އެމީހުންގެ ރިޔާސީ ޕްރައިމަރީ ބާއްވާ އިންތިޚާބުގެ ނަތީޖާވެސް އިއުލާންކޮށްފައެވެ. ވޯޓުލުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކަކީ އެއް ބަޔަކަށް މޮޅުކަންކަމެވެ. އަނެއް ބަޔަކަށް ޖޯކެކެވެ.