ހަބަރު

ޖޭޕީ ކޮންގްރެސް ބާއްވާ ތާރީހު އަވަސްކޮށްފި

ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ބާއްވާ ތާރީހު އަވަސް ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، އެޕާޓީގެ ހިންގާ ކޮމިޓީގެ 112 ވަނަ ބައްދަލުވުމުގައި ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ އަންނަ ޖޫން މަހުގެ 21 އަދި 22 ވަނަ ދުވަހު ކަމަށެވެ. މީގެ ކުރިން ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހު 28 އަދި 29 ވަނަ ދުވަހު އެވެ.

ކޮންގްރެސް ބާއްވާ ތަނަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ ޕެރެޑައިސް އައިލޭންޑް ރިސޯޓްގައި އެވެ.

ސަމީރު މީގެ ކުރިން ވިދާޅުވީ، މާލޭގައި ކޮންގްރެސް ބާއްވާނެ ތަނެއް ހޯދުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތައް ހޯދުމަށް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ތަނެއް ހަމަނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންޖެހޭ ފައިސާ ނުދީ އޮތުމުގެ ސަބަބުން ކޮންގްރެސް ބޭއްވުމަށް ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށެވެ. އަދި ކޮންގްރެސް ބާއްވާއިރު ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ނެތުމުގެ ފަޅުކަން ދިމާވާނެ ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.