ހަބަރު

ހުޅުލެ-ހުޅުމާލެ ލިންކް ރޯޑްގައި ތާރު އަޅަން ތައްޔާރު ވެއްޖެ

ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ތާރު އެޅުމައް ތައްޔާރުވެއްޖެ އެވެ. ހުޅެލެއާ ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑަކީ ހަތަރު ކިލޯމީޓަރުގެ މަގެކެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން ބުނީ، ލިންކް ރޯޑްގެ މަސައްކަތް ހުއްޓުމެއްނެތި ހަލުވި ކަމާއެކު ކުރިއަށްދަ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ މިހާރު ކުރިއަށްދަނީ އެސަރަހައްދުގައި ތޮށިލުމުގެ މަސައްކަތާއި ތާރު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެމަގުގައި ހިނގަން ކަނޑައަޅާފައިވާ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ. އެ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދެއްވެސް އެމަގުގައި ދުއްވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުލެ ހުޅުމާލެ ލިންކު ރޯޑަކީ 370 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއެވެ.

އެޗްޑީސީން ބުނީ ލިންކް ރޯޑާއެކު ހުޅުމާލޭގެ ބައެއް މަގުތަކަށްވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން ލިންކް ރޯޑާއި ގުޅޭ ބައެއް ދެ ލޭން މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނާނެ ކަމަށެވެ.

"މަގުތަކަށް ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑަށް ފަސޭހަ ގޮތަކަށް ބައްޓަންވެގެންދާނެ. އެހެންވީމަ މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލައި، ޔަގީންކަން އެބައޮތް ބްރިޖް ނިމުމުގެ ކުރިން މިމަގުގެ މަސައްކަތް ނިންމާފައި، ބްރިޖާއެކު ލިންކް ރޯޑްގެ ބޭނުންވެސް ހިފިގެންދާނެކަމަށް،" އެޗްޑީސީން ބުންޏެވެ.

ބްރިޖްގެ މަސައްކަތްތައް ނިމެންވާއިރަށް ލިންކްރޯޑް ނިންމާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ސަރުކާރުން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަސް ހާތާނގައި ބްރިޖްގެ މަސައްކަތް މުޅިން ނިންމާނެ ކަމަށް ބުނެފަ އެވެ.