ހަބަރު

ކޯލިޝަން ކެނޑިޑޭޓާއެކު މި ވެރިކަން ނިންމަން ތައްޔާރު: އަލީ ވަހީދު

އިދިކޮޅު ކޯލިޝަނުން އެއް ކެނޑިޑޭޓެއް ނެރެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ނިންމުމަށް ތައްޔާރަށް ތިބި ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެން އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަން ކެނޑިޑޭޓެއްނެރެ މިކަން ނިންމަން ތައްޔާރަށް އޮތް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ އާންމު މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން މިއަދު ތަހަންމަލް ކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ރައްޔިތުންނާައި ގައުމުގެ މަސްލަހަތު އިސްކުރުމަށް ތައްޔާރަށް ކަމަށެވެ.

އަލީ ވަހީދު ވަނީ ވަރަށް ފަހުން ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ވެސް ހަމަޖައްސަވާފަ އެވެ.

އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ހައްޔަރު ކުރި ފަރާތްތައް ދޫކޮށްލުމަށާއި ކުރިންވެސް ނުހުއްޓުވުނު ބަޔަކު މިއަހަރު އަމުދުން ނުހުއްޓުވޭނެ ކަމަށެވެ. އަދި މިއީ އެންމެން އެކުގައި ރައީސް ޔާމީންގެ ވެރިކަން ނިންމާނެ އަހަރު ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު މީގެ ކުރިންވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން އެމްޑީޕީއަށް އަރުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަހަރު ކޯލިޝަން ނުހެދެންޏާ ނުހެދޭނީ އެމްޑީޕީގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދު ވަނީ އެންމެ ފަހުން ދެއްވި އިންޓަވިއުގައި އެމްޑީޕީގެ ލީޑަޝިޕަށް ގިނަ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން އޭނާ އިނގިރޭސިވިލާތަށް ވަޑައިގެން ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަން ފެށުމުން އެކަން އެމްޑީޕީގެ އިސް ބޭފުޅުންނަށް ޖޯކަކަށްވެ އޭނާ މަގާމުން ދުރުކުރުމަށް ބަހަނާއަކަށްވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ނަމަވެސް މިއަދު ބޮޑު ރިޔާސީ ކެމްޕެއިނެއް އެމްޑީޕީއިން ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދާނީ އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު މިގޮތަށް މި ހުންނަން ޖެހުނީ ކާމިޔާބީ ހޯދުމުގަ ހިޔާލު ތަފާތުވުންތައް ހުރީމަ، އެޔަކީ މައްސަލައެއް ވެސް ނޫން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު ރާއްޖެއަށް ބޭނުން ވަނީ ރާއްޖޭގައި އޮތް އިޖުތިމާއީ ބައިބައިވުން މެދަށް ގެނެސް ރާވާލެވޭނެ ވެރިއެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިހާރު ސިޔާސީ މަޝްރަހު އޮތް ގޮތުން ސިޔާސީ އިކްއޭޓާއަކީ ޖުމްހޫރީ ޕާޓީ ކަމަށާއި ގައުމަށް ހަމަޖެހުން ގެނެވޭނެ ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ގާސިމް އިބްރާހިމަށް ތައުރީފް ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނަކީ ގިނަ ބަޔަކު އެކުގައި ގޮވައިގެން އުޅެން އެނގިވަޑައިގަންނަވާ ގިނަ ބަޔަކަށް ފުރުސަތު ދެއްވާ ބޭފުޅެއް ކަމަށެވެ.

އަލީ ހަމީދު ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކުން ވެސް މިހާރު އިސްކަންދޭންވީ ކަމަކީ އަނިޔާވެރިކަން ނިންމޭނެ ގޮތެއް ހޯދުން ކަމަށެވެ. ތަޖުރިބާއަށް ބަލާއިރު ގައުމު މިއޮތް ހާލަތުން ސަލާމަތް ކުރެވޭނެ ލީޑަރަކީ ގާސިމް ކަމަށެވެ. ދިމާވެފައިވާ ކާރިސާއިން ސަލާމަތް ކުރެވޭނެ "ސަމުގާ" އަކީ ގާސިމް ކަމަށެވެ. އެމަނިކުފާނަށް ރާއްޖޭގެ އެންމެ އިސް ތާޖު ހައްގުވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދާއި ރައީސް މައުމޫނާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ ގުޅިގެން ނެރެން ޖެހޭނީ އެއް ކެނޑިޑޭޓެއް، އެއީ އަޅުގަނޑުމެން ހާއްސަ ހާލަތެއްގައި ނެރޭ ކެނޑިޑޭޓެއް، އެކަން އާންމު މެންބަރުން ވެސް ގަބޫލު ކުރާނެ، އާންމު މެންބަރުން ބޭނުން ވަނީ ކޮންމެ މީހަކު ވެރިކަމަށް އައިސްގެން ވިޔަސް މިކަން ނިންމަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެފަދަ ހިޔާލެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދު ޕާޓީގެ ތެރޭގައި މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެ ބޭފުޅުން ހުށަހެޅުންތައް ޕާޓީގެ ގައުމީ މަޖިލީހުން ބޭރުކޮށްލީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މެންބަރުން ނޭނގުމެއްގެ ތެރޭގައި ތިބެންޖެހިފައިވަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ހަތަރު ލީޑަރުންގެ ކޯލިޝަނެއް ހެދިފައިވާއިރު އެ ބޭފުޅުންގެ މެދުގައި ފުރަތަމަ މަޝްވަރާ ކުރައްވަން ޖެހޭ ކަމަށާއި އެއަށްފަހު އެއް ކެނޑިޑޭޓެއްގެ ވިސްނުން ކުރިއަށް ނެރެންޖެހޭ ކަމަށެވެ. އަލީ ވަހީދު މެލޭޝިއާގެ މިސާލު ވެސް ދައްކަވާފަ އެވެ. އަންވަރު އިބްރާހިމަކީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި އެންމެ ތާއިދު ބޮޑު އިދިކޮޅު ލީޑަރަށްވީއިރު ވެސް އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ދެއްވީ ކުރީގައި އެންމެ ދެކޮޅުވެރި މަހާތީރަށްކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ވަކި މަގުސަދެއްގައި އަނިޔާވެރި ވެރިކަމެއް ނިންމުމަށް އެ ބޭފުޅުން އިސްކުރި ގައުމީ މަސްލަހަތުކަން ވެސް ފާހަގަކުރެއްވި އެވެ.

ހަތަރު ލީޑަރުން މަޝްވަރާކުރުމަށްފަހު ކެނޑިޑޭޓަކީ ކޮންމެ ޕާޓީއެއްގެ ބޭފުޅެއް ކަމަށް ކަނޑައެޅި ނަމަވެސް އެ ބޭފުޅެއްގެ ފަހަތުގައި ޖުމްހޫރީ ޕާޓީ އޮންނާނެ ކަމަށާއި އެ ޕާޓީން ބޭނުން ވަނީ އެ ފޯމިއުލާގައި އެހެން ޕާޓީތަކުން ވެސް މަސައްކަތް ކުރުން ކަމަށެވެ. ކާމިޔާބު ލިބޭނީ އޭރަށް ކަމަށް އަލީ ވަހީދު ފާހަގަކުރެއްވި އެވެ.