ބޮލީވުޑް

ސަލްމާން، އިތުރު ތަރިއަކު ބޮލީވުޑަށް ނެރެނީ

ސަލްމާން ޚާން ވަނީ ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުުން މަޝްހޫރު ގިނަ ތަރިންތަކެއް ވެސް އޭނާގެ ބެލުުމުގެ ދަށުން ބޮލީވުޑަށް ނެރެފަ އެވެ. ސަލްމާން ބޮލީވުޑަށް ނެރުނު ތަރިންގެ ތެރޭގައި "ދަބަންގް" އިން ސޮނާކްޝީ ސިންހާ، "ވީރް" އިން ޒަރީން ޚާން އާއި "ޖެއި ހޯ" އިން ޑެއިޒީ ޝާހް އަދި "ހީރޯ"އިން އަރްޖުން ޕަންޗޯލީ އަދި އާތިޔާ ޝެޓީގެ އިތުރުން އޭނާ އަންނަނީ ޅިޔަނު އާޔުޝް ޝަރްމާ އާއި ވަރީނާ ހުސެއިން ވެސް ބޮލީވުޑަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

އީދުގައި ސަލްމާންގެ "ރޭސް 3" ރިލީޒްވާއިރު، އޭނާ މިހާރު ވަނީ އިތުރު ކުއްޖަކު ބޮލީވުޑަށް ނެރުމުގެ މަސައްކަތް ފަށާފަ އެވެ. ސަލްމާން ކުރި ޓްވީޓެއްގައި ވަނީ އެނާ ދެން އެންމެ އަވަހަށް ބޮލީވުޑަށް ނެރޭ ކުދިންގެ ތެރެއިން މުޅިން އާ ތަރިއަކަށް ނެރެނީ ޒަހީރް އިގްބާލް ނަމަކަށް ކިޔާ ޒުވާނެއް ކަމަށް ބުނެފަ އެވެ.

ޒަހީރް އަކީ ސަލްމާންގެ ފުވާރު ދުވަސްވަރު އޭނާގެ އެންމެ ގާތް އެކުވެރިއަކަށް އުޅުނު އިގްބާލްގެ ފިރިހެން ދަރިފުޅެވެ. ޒަހީރް ވަރަށް ކުޑައިރު ސަލްމާން އޭނާ އުރައިގެން ހުރި ފޮޓޯ އަކާއި މިފަހުން އޭނާއާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

އެ ފޮޓޯތައް އާންމުކޮށް، ޒަހީރް އޭނާގެ ބެލުމުގެ ދަށުން ބޮލީވުޑަށް ނިިކުންނަކަން އިއުލާން ކުރަމުން ސަލްމާން ވަނީ ޒަހީރަށް ނަސޭހަތެއް ވެސް ދީފަ އެވެ. ސަލްމާން ވަނީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު އެއްޗަކީ އެހެން މީހުންނަށް އިހްތިރާމް ކުރުމާއި އިހްލާސްތެރިވުން ކަމަށް ބުނެފަ އެވެ. އަދި އަބަދުވެސް ތިމާ ދެކެ ލޯބިވާ މީހުންނާއި ތިމާ ލޯބިވާ މީހުންނާއެކު ވުމަށް ވެސް ސަލްމާން ވަނީ ނަސޭހަތް ދީފަ އެވެ.

ސަލްމާންގެ ރާޑަރަށް ޒަހީރް އަރައި، އޭނާ ބޮލީވުޑަށް ނެރުމުގެ ހިޔާލު އައިސްފައިވަނީ ކޮއްކޮ އަރްޕިތާ ޚާންގެ ކައިވެނީގެ ހަފްލާގެ ތެރޭގައި އޭނާގެ ނެށުމުގެ ހަރަކާތްތައް ފެނިފަ އެވެ. އަދި އެއިރުން ފެށިގެން ސަލްމާން އައީ ޒަހީރް ބޮލީވުޑަށް ނެރެން ތައްޔާރު ކުރަމުންނެވެ.

ޒަހީރް ބޮލީވުޑަށް ނިކުންނަ ފިލްމު ޕްރޮޑިއުސް ކުރަނީ ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ސަލްމާން ޚާން ފިލްމްސް އިންނެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާ އެ ފިލްމު ސަލްމާނާ ގުޅިގެން މުރާދް ކެތަނީ އަދި އަޝްވިން ވަރްދޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ "ފިލްމިސްތާން" ޑައިރެކްޓްކުރި ނިތިން ކައްކަރް އެވެ. އަދި ޒަހީރް އާއެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ މުޅިން އާ ބަތަލާ އެކެވެ.