އެމްޑީޕީއިން ކުރިއަށް ގެންދިޔަ އެ ޕާޓީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދިން ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އާންމުކުރަން ފަށައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓަށްފަހު އިއްޔެ، ލ. ފޮނަދޫ އެސްޓީއޯ ފިހާރަގައި އުޅޭ މުވައްޒަފެއް ކަމަށްވާ އިބްރާހިމް މުހައްމަދު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެސްޓީއޯ ބަދުނާމުވާ ގޮތަށް އޭނާގެ އަމަލުތައް ހުންނަ ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުން ޕްރައިމަރީ ހުއްޓުވަން އަމުރު ނެރެފައިވަނިކޮށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ވޯޓުލުމަށް ފޭސްބުކްގައި ފޮޓޯއަކާއެކު އިބްރާހިމް ޕޯސްޓެއް ކޮށްފައިވެ އެވެ. އެ ޕޯސްޓަކީ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކޮށް އޭނާ ކުރި ޕޯސްޓެކެެވެ.
އިބްރާހިމް ބުނީ، އެސްޓީއޯ ބަދުނާމުވާ ކަހަލަ ވާހަކައެއް ވެސް އަދި އެފަދަ އެއްވެސް އަމަލެއް އޭނާ ނުކުރާ ކަމަށެވެ. ނަމަވެސް ސިޔާސީ ޕޯސްޓްތައް އޭނާ ސޯޝަލް މީޑިއާގައި ކުރާ ކަމަށެވެ. އޭނާއަކީ އެމްޑީޕީއަށް ތާއިދުކުރާ މީހެއް ކަމަށެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެފަދަ ޕޯސްޓްތައް ނުކުރުމަށް އެސްޓީއޯއިން ނަސޭހަތްދިން ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މިފަހުން އެފަދަ އެއްވެސް އިންޒާރެއް ވެސް ނަސޭހަތެއް ވެސް ދީފައިނުވާ ކަމަށާއި ވަޒީފާއިން ވަކިކުރީ ކުއްލިއަކަށް ކަމަށް އޭނާ ބުންޏެވެ. އޭނާއަކީ އެސްޓީއޯގައި 10 އަހަރާއި ހަ މަސް ވަންދެން ވަޒީފާ އަދާކުރި މުވައްޒަފެކެވެ. އޭނާ އަބަދުވެސް އެސްޓީއޯއަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކުރިން ކަމަށާއި ޕްރޮމޯޝަން ވެސް ލިބެމުން ދިޔަކަން އޭނާ ފާހަގަކުރި އެވެ.
އިބްރާހިމް މުހައްމަދުގެ އިތުރުން ކާޑެއްދޫ އެއާޕޯޓްގައި މަސައްކަތް ކުރާ ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފެއް ވެސް އިއްޔެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފަ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފުންގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ އެވެ. އެކަން ވެސް ހިނގީ އޭނާ، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލީ ފަހުން އެވެ.
ސިޔާސީ ކަންކަމާ ގުޅިގެން ވަޒީފާއިން ވަކިކުރާ ޝަކުވާއަކީ އަބަދުވެސް ފެންމަތިވާ ޝަކުވާއެކެވެ. މީގެކުރިން ވެސް އިދިކޮޅު ބައެއް މުޒާހަރާތަކުގައި ބައިވެރިވެގެން މުވައްޒަފުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިކޮށްފައިވެ އެވެ. ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގެކެވެ.
މި ޝަކުވާތަކާ ގުޅިގެން އެ އެ އިދާރާތަކުގެ ކޮމެންޓެއް ނުލިބުނެވެ.