ދުނިޔެ

ދަތްތަކުން ކޮބަޑި ފިލުވިދާނެތަ؟

May 25, 2015

 

އަމިއްލައަށް ކޮބަޑި ފިލުވަން ފަސޭހައެއް ނުވާނެ އެވެ. ޑެންޓިސްޓަކަށް ވަރަށް ފަސޭހައިން ކޮބަޑި ފިލުވައިދެވިދާނެ އެވެ.

ދަތްތަކުގައި ޖަހާ ކޮބަޑިއަކީ ކޮންމެ ދުވަހަކުހެން ދަތްތަކުގައި އުފެދޭ ޕްލޭކް ހަރުވެ ތަރަވުމުން އުފެދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ކައި ނިމުމުން އަނގައިގެ ތެރޭގައި ހުންނަ ކާ އެއްޗެހީގެ ޒައްރާތަކުގައި ބެކްޓީރިއާ އަށަގަނެއެވެ. ޕްލޭކް އުފެދެނީ ބެކްޓީރިއާއި ކާއެއްޗެހި އެކުވުމުންނެވެ. މަޑު ރީނދޫ ކުލައިން ފެށިގެން އެންމެ ގަދަ މުށި ކުލަޔާއި ދެމެދުގެ ކުލައެއްގައި ކޮބަޑި ހުރެދާނެ އެވެ.

ކިތަންމެ ރަނގަޅަށް ދަތްތައް އުނގުޅައި ސާފު ކުރިޔަސް ކޮބަޑި ނުފިލަނީ ކީއްވެހެއްޔެވެ؟ ސަބަބަކީ އޭގެ ހަރުކަމާއި އޭގެ ބޯމިނެވެ. އަމިއްލަ ދަތްޕިލާގެ އެތެރޭގައި ނުވަތަ ދަތްތަކުގެ ދޭތެރެއިން ފެންނަން އެ ހުންނަ ކޮބަޑިއަކީ އެތައް ދުވަހަކުން ހަރުވެފައި ހުރި އެއްޗެކެވެ. ޢާއްމުކޮށް ބާޒާރުގައި ހުންނަ ދަތް އުނގުޅާ ބޭހާއި އަނގަ ދޮންނަ ފެނަކުން މި ފިލުވައެއް ނުލެވޭނެއެވެ.

ދަތުގެ ހާއްސަ ޑޮކްޓަރުންވެސް އެތަކެތި ފިލުވަނީ ހާއްސަ ހަތިޔާރު (ޑެންޓަލް ޕިކް) ބޭނުން ކޮށްގެން ޕްރެޝަރުގައި ފެން ޖަހަމުން އަދި ބައެއް ފަހަރު އެކަމަށް ޚާއްސަ ކެމިކަލް ބޭނުން ކޮށްގެންނެވެ. ދަތްތަކުގައި ވަރަށް ބޮޑަށް ކޮބަޑި ޖަހާފައި ހުންނަނަމަ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއްގެ އެހީގައި އެތަކެތި ނެއްޓުމެވެ.

އަމިއްލައަށް ކޮބަޑި ފިލުވަން ބޭނުންނަމަ، ދިގު މުއްދަތެއްގައި އެކަމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެގޮތުން ކޮބަޑި ޖެހިޔަ ނުދިނުމަށް ހާއްސަ މައުތުވޮޝްއެއް ބޭނުންކޮށްގެން އަނގަދޮވުން އާދަކޮށްފިނަމަ، ޖަހާފައި ހުންނަ ކޮބަޑިވެސް މަޑުވެ ފިލުވަން ފަސޭހަވާނެއެވެ.

މިކަން ކުރުމަށް ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ތަކެތިވެސް ހުރެއެވެ. ބޭކިން ސޮޑާ އާއި ލުނބޯ ހުތް އެއްކުރުމަށްފަހު އޭގެން ދަތް އުނގުޅުމުން ކޮބަޑި މަޑުވާން ފަށާނެއެވެ. އަދި ޑެންޓަލް ޕިކް އެއްގެ އެހީގައި ފަރުވާތެރިކަމާއިއެކު ކޮބަޑިތައް ނެއްޓުވިދާނެ އެވެ. ޑެންޓަލް ޕިކް އަކީ ބޭސްފިހާރަ ތަކުގައި ވިއްކަން ހުންނަ އެއްޗެކެވެ. ބޯވެފައި ހުންނަ ނަމަ، ކޮބަޑި ނެއްޓޭނީ ގަނޑުގަނޑަށެވެ.

އެއް ފަހަރުން ދަތްތަކުގެ ހުރިހާ ކޮބަޑިއެއް އަމިއްލައަށް ނުފިލުވޭނެ އެވެ. އެކަމަކު ޑެންޓަލް ޕިކެއްގެ އެހީގައި ބޮޑެތި ކޮބަޑިތައް ނެއްޓުވުމަށްފަހު ގަވައިދުން ދަތްތައް ސާފު ކުރަމުންދާނަމަ ކޮބަޑިއަކީ އަމިއްލައަށްވެސް ފިލުވައިލެވިދާނެ އެއްޗެކެވެ.

ކޮބަޑި ފިލުވަން މަސައްކަތް ކުރާނަމަ އެއްގޮތަކަށްވެސް ދުފައިގެން ނުވާނެއެވެ. ދުވާލަކު މަދުވެގެން ދެފަހަރު ފަރުވާތެރިކަމާއެކު ދަތް އުނގުޅައި، ފްލޮސްކޮށް، މައުތުވޮޝް އަކުން އަނގަ ދޮންނަންވާނެ އެވެ. ބައެއް ދިވެހީން ދުފަނީ އަނގައިން ނުބައިވަސް ދުވިޔަ ނުދިނުމަށް ކަމަށް ބުނެއެވެ. ނަމަވެސް އެކަން ޙާސިލް ކުރުމަށް ދަތްތައް ސާފުތާހިރުކަންމަތީ ބެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެއެވެ.

ކޮބަޑި ފިލުވަން ބޭނުންނުވާ އެއްވެސް މީހަކު ނުހުންނާނެކަން ޔަގީނެވެ. އެހާ ހިތްވަރު ހުރީ ކިަތއް މީހުންގެ ކަމެއް ނޭނގެއެވެ.