މާ ދުރު ނޫން މާޒީއެއްގައި ދެމަފިރިން އެކަކު އަނެކަކަށް ހަދާ މަކަރު ފަޅާ އަރާނީ ގިރުވާނުގައި ހޭކިފައި ހުންނަ ކުޑަކުޑަ ލިޕްސްޓިކް މާކަކުންނެވެ. ނޫނީ އަންނައުނު ދޮންނަ ދުވަހެއްގައި ފިރިމީހާގެ ފަޓުލޫނުގެ ޖީބައިން ފެންނަ ގޮތްނޭނގޭ ރެސްޓޯރަންޓް ބިލް ކޮޅަކުންނެވެ. އެހެން ނޫންނަމަ ބައިވެރިޔާގެ ހެދުމުގައި ހުންނަ ތަފާތު ސެންޓެއްގެ މީރު ވަހަކުންނެވެ. ނުވަދިހައިގެ އަހަރުތަކާއެކު ސެންޓުގެ ވަހާއި ލިޕްސްޓިކްގެ ވަހުން މި ތަހުގީގު ކުރެވޭ ވަރަށްވުރެ އުކުޅުތައް ޒަމާނީ ވެގެން އައީ ސޯޝަލް މީޑިއާގެ ތައާރަފާއެކު އެވެ. ނަމަވެސް މި ދައުރެއް ފެށިގެން އައި އިރުވެސް މަކަރު ދެނެގަނެވުނު ނިޝާންތަކެއް ހުއްޓެވެ. ވިސްނާ ނުލެވި ރައްޓެއްސަކު އަޕްލޯޑްކޮށްލާ ޕާޓީ ނުވަތަ އޮފީސް ފޮޓޯއެއްގައި ހިލޭ މީހަކާ މާ ގައިގޯޅިކޮށް ހުރުމާއި ޗެކިން ނުވާންޖެހޭ ތަނަކަށް ޗެކިން ކޮށްލެވިއްޖެނަމަ ޝައްކާއި، ޝަކުވާގެ ސިލްސިލާ ފެށުނީ އެވެ.
އެކަމަކު މިހާރު މިކަމެއް އަދި މާ އުނދަގުލެވެ. ތަފާތު ޑޭޓިން އެޕްތަކާއި ބޭނުން ގޮތަކަށް ސިއްރުކޮށްގެން މުށުތެރޭގައި ގެންގުޅެލެވޭ މެސެންޖާ އެޕްތަކާއެކު ބޭވަފާތެރިކަމުގެ އިން ފަހަނައަޅާއިދާ ހިސާބަކީ ކޮބައިކަން ދެނެގަންނަން ވެސް އުނދަގުލެވެ.
ދިރިއުޅުމެއް ފަށައިގެން އުޅޭއިރު، ނަފްސާނީ ގޮތުންނާ ޖިސްމާނީގޮތުން ތިން ވަނަ ފަރާތަކަށް ދައުވަތު ދޭ ދިނުމަށް ތަޖުރިބާކާރުން ދީފައިވާ ނަމަކީ "މައިކްރޯ ޗީޓިން" އެވެ. މިއީ މިފަދަ ކަމެއްގެ ބާވަތާއި ސިފައަށް ބަލާއިރު ހަމަ އެންމެ ފުދޭ ނަމެކެވެ. މައިކްރޯ ޗީޓިން އަކީ ކުދި ކުދި މަކަރު ހަދުމުގެ ވޮށުފިލައެެވެ. ކުދި މަކަރޭ ބުނުމުން ފަހަރުގައި ރުޅި އަންނަ ގޮތް ވެދާނެ އެވެ. ކުޑަ މަކަރެކޭ ބުނާ ވަރުގެ މަކަރެއް އޮވެދާނެ ހެއްޔެވެ؟
އޮވެދާނެ އެވެ! އެމެރިކާގެ ޔުނިވަސިޓީ އޮފް ސައުތު ވޭލްސްގައި ސައިކޮލޮޖީ ކިޔަވައިދޭ ޑރ މާޓިން އޭނާގެ ވަރަށް ފަހުގެ ޖާނަލްއެއްގައި މައިކްރޯ ޗީޓިން ސިފަކޮށްދީފައިވަނީ ޒަމާނާއެކު "ބޭވަފާ"ވުމުގެ މިންގަނޑުތަކަށް އައި ކުރިއެރުން ނުވަތަ އިވޮލިއުޝަނެއްގެ ގޮތުގަ އެވެ. ޑރ މާޓިންގެ މި ސްޓޭޓްމަންޓަށް އެހެން ބައެއް ޕްރޮފެސަރުންވެސް އެއްބަސްވެފައިވެ އެވެ. ޑރ މާޓިން ގެ ޖާނަލްގައިވާ ގޮތުން މައިކްރޯ ޗީޓިން އަކީ ދިރިއުޅުމެއް ފަށައިގެން އުޅޭއިރު ހިލޭ މީހަކަށް، ދިރިއުޅުމުގެ ތެރޭގައި ހިނގާ ކަންކަން ހިއްސާކޮށް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތިމާއާ ގާތްވެވިދާނެކަން ދޭހަވާ ގޮތަށް ދެވޭ ސިގްނަލެކެވެ. މިސާލަކަށް ކުރީގެ ލޯބިވެރިއަކު ވަރަށް ކުރިން އިންސްޓާގްރާމަށް ލި ފޮޓޯއަކަށް ޖަހާލާ މާނަފުން "ލައިކް" އަކީވެސް މިފަދަ ސިގްނަލެކެވެ. މިއީ އަހަރެމެންގެ ތެރޭގައި ހަމަ އާންމު ކަމެކެވެ.
ބައެއް މީހުންގެ ނަޒަރުގައި މިފަދަ ކުދި ކަންކަމަކީ ބޭވަފާތެރިވުން ކަމަށް ނުވެދާނެ އެވެ. އެކަމަކު މިއީ ބައިވެރިޔާގެ ތެދުވެރިކަމާ މެދު ސުވާލު އުފައްދަފާނެ ކަމެކެވެ. މިއާ ވިދިގެން ދެން އޮތް ބޮޑު ސުވާލަކީ މި ކުދިކުދި އޮޅުވާލުންތައް "އަސްލު އޮޅުވާލުމަށް" ބަދަލުވާ ލައިން ނުވަތަ އިމަކީ ކޮބައިތޯ އެވެ. ބޭވަފާތެރިންގެ ޒަމާނެއްގައި މަކަރު ދެނެގަންނާނީ ކޮން ގޮތަކުން ބާވައެވެ.
އެފްބީ ފޮޓޯ އަށް ލައިކް ކުރުން؟
ބައިވެރިޔާއާ މައްސަލަޖެހޭ ދުވަސްކޮޅެއްގައި ނުވަތަ ހިތާ ސިނކުނޑީގައި ހިޔާލުގެ އޮއެވަރެއް އުފެދި ނުނިދިގެން އުޅޭ ރެއެއްގައި އިނގިލި ހިރުވައިގެންފައި އެ ނަގަނީ ފޯނެވެ. އިންސްޓަގްރާމް ހާވަނިކޮށް އަބަދުވެސް ރީތި ނޫނީ ގަޔާވާ މީހެއްގެ ފޮޓޯއަށް އެ ދެވުނީ ލައިކް އެކެވެ. ހެނދުނު އޮފީހަށް ދިޔަ މަގުމަތީގައި އެ ދެވުނީ ދެވަނަ ލައިކެވެ. މެންދުރުގެ ބްރޭކް ގަޑީގައި އެ ހަމަވީ ތިން ވަނަ ލައިކް އެވެ.
މިހާރު ތި ގުނަނީ ފިރިމީހާ ލައިކް ދީފައި ހުރި ފޮޓޯތައް ކަމުގައި ވާނަމަ މި ވާހަކަވެސް އަޑު އަހާލާށެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މާ ގިނައިން ލައިކް ދޭނަމަ އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމަކަށް ވެދާނެ އެވެ. އެކަމަކު ހަމަ އަނެއް ހަގީގަތަކީ ބައެއް މީހުންނަކީ ޕޭޖް ސްކްރޯލް ކުރަމުންދާއިރު ވަކި މީހެއްގެ ޕޯސްޓެއް، ވަކި ނިޔަތެއް ނެތި ރީތި ފޮޓޯތަކަށް ލައިކް ކުރާ މީހުންނެވެ.
އެކްސް އަށް މެސެޖް ކުރުން؟
މިއަށް ބަހުސެއް ފެއްޓިދާނެ އެވެ. ބައެއް ރިލޭޝަންޝިޕް ތަޖުރިބާކާރުންގެ ހިޔާލު މިކަމުގައި ތަފާތެވެ. ބައެއް މީހުންގެ ނަޒަރުގައި މާ ޕާސަނަލް ނުވާ ނަމަ، ހާލު ބަލާލަން، ރަހުމަތްތެރިކަމުގެ ނިޔަތުގައި ކުރީގެ ލޯބިވެރިއަކަށް މެސެޖެއް ފޮނުވާލުމަކުން މައްސަލައެއް ނެތެވެ. މީގެ އަނެއް ކޮޅަށް ވިސްނާ މީހުންގެ ނަޒަރުގައި، މިހާރު ހިތް އެދޭ ނޫނީ ލޯބިވާ މީހަކު ގެންގުޅޭއިރު ކުރީގެ މީހެއްގެ މަތިން ހަނދާންވެ، ހާލު ބަލަން މެސެޖް ފޮނުވުމަކީ ގަބޫލުކުރެވޭނެ ގޮތެއް ނޫނެވެ.
ޑޭޓަކަށް ނުކުމެ އުޅޭ ގަޑީގައި ހަނދާންވުން؟
ބައިވެރިޔާއާ އެކު ދުއްވާލަން ނިކުމެ އުޅޭ ގަޑިއެއްގައި ކުރީގެ ލޯބިވެރިއެއްގެ މަތިން ހަނދާނެއް ވެދާނެ އެވެ. އެ ކުރެވުނީ ކޮންފަދަ ކުށެއް ހެއްޔެވެ؟ މި އުޅެވެނީ ގައިމު ހަމަ އެންމެ ލޯބިވާ މީހާއާ އެކު އުފާވެރި ވަގުތުކޮޅެއްގަ އެވެ.
މީހެއްގެ މަތިން ހަނދާނެއް ވުމަކީ ދެން މައްސަލައަކަށް ނުވެދާނެ އެވެ. މި ކަމެއް ދިރާސާކުރާ މީހުންގެ ނަޒަރުގައި އެކްސްއާ ގުޅޭ ހަނދާނެއް ވުމުން އެ ހަނދާނެއްގައި ބެހި އެކްސްއަށް މެސެޖް ފޮނުވާ ހަދާނަމަ އެއީ ގޯހެކެވެ. އެހެން ނޫންނަމަ މީހެއްގެ ހިތަށް ނޭނގި ހިޔާލަށް އަންނަ އެއްޗަކާ މަކަރަކާ ކޮން ގުޅުމެއް ހެއްޔެވެ؟
އެހެންވީމާ ކަމަކަށް ނުވާދާނެ ކަމަށް ހިތާ ކުދި މަކަރުގައި އެލިގަންނަން ހެދުމަކީ ފަހުން އަސަރު ބޮޑަށް ކުރާނެ ކަމެކެވެ. މީގެ އަސްލު ހައްލެއް ހަގީގަތުގައި އެބަ އޮތެވެ. މިނީ ޗީޓިންއާ މައިކްރޯ ޗީޓިން ފަދަ ބަސްބަސް ދިރިއުޅުމަށް އަންނަންޖެހޭ ސަބަބަކީ އެކުގައި ހޭދަކުރާ ވަގުތުތައް ފޯނަށް ހަލާސްކުރުމެވެ. ފުރަތަމަ ހުއްޓަންވީ އެކަމެވެ.