މިހާރު އެންމެންގެ ދުލު ކުރީގައި ޖަޒީރާ ރައީސްގެ ނަމުގައި މަޝްހޫރުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ގިނަ ގޮންޖެހުންތަކާއެކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ އެ ކަންކަމުން އެންމެފަހު ވަގުތު އަރައިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެކުރިން ދެ ފަހަރެއްގައި ރިޔާސީ އިންތިހާބުގައި ބައިވެރިވަޑައިގެންނެވިއިރު ވެސް ކެންޑިޑެސީގެ މައްސަލަ އެމަނިކުފާނުގެ މަގަށް ހުރަސް އެޅި އެވެ. މިފަހަރު ވެސް މިއޮތީ އެ ހުރަސް ކުރިމަތިވެ ވަޑައިގެންފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަލިކުރެއްވުމަށް 2008 ވަނަ އަހަރު ނަޝީދުގެ ނަން އެމްޑީޕީއިން ކުރިއަށް ނެރުމުން ނަޝީދުގެ ކެންޑިޑެންސީއާމެދު ސުވާލު އުފެއްދި އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ހުކުމް ތަންފީޒުކޮށް މުއްދަތު ހަމަނުވާ ކަމުގެ ޝަކުވާއާއެކު މައްސަލަތައް ފެންމަތިކުރުވި އެވެ. އެކަމަކު ފަހު ވަގުތު ނަޝީދަށް އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ގެއްލުނެވެ. ވާދަކޮށް ކާމިޔާބު ވެސް ހޯއްދެވި އެވެ. އެކަމަށް އޭރު ފުރުސަތު ދިނީ ސުޕްރީމް ކޯޓުން އެވެ.
އެއަށްފަހު އެ މައްސަލަ ދެން ކުރިމަތިވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ. އެ އިންތިހާބަށް ނަޝީދު ކުރިމަތިލައްވަން ނިންމެވުމުން ރައީސް މައުމޫންގެ އޭރުގެ ވަކީލް މުހައްމަދު ވަހީދު، ވައްޑޭ ސުޕްރީމް ކޯޓަށް ހުށަހެޅީ މުޅި އުމުރަށް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށެވެ. އެކަން ވެސް ކާމިޔާބެއް ނުވި އެވެ. ނަޝީދު އެ އިންތިހާބުގައި ވާދަކުރައްވައި ފުރަތަމަ ބުރުގައި އެކަނިމާ އެކަނި ބޮޑު ކާމިޔާބީއެއް ހޯއްދެވި އެވެ. އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވީ އިދިކޮޅުން ބޮޑު އިއްތިހާދެއް އުފެދިގެން ދިޔުމުންނެވެ.
މިހާރު ނަޝީދު ހުންނެވީ އެހެން ފަހަރުތަކާ ހިލާފަށް ތަފާތު ހާލަތެއްގަ އެވެ. ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އިނގިރޭސިވިލާތަށް ބޭސްފަރުވާއަށް ފޮނުވުމުން އުޅުއްވަނީ އަމިއްލަފުޅަށް އެ ގައުމުގެ އެސައިލަމް ހޯއްދަވައިގެންނެވެ. މިފަހަރު އެމަނިކުފާނުގެ ކެންޑިޑެސީގެ ފަހަތުގައި އަޅައިގެންފައިވަނީ މޫސާ އަންވަރު ނުވަތަ ވައްޑޭއެއް ނޫނެވެ. އިލެކްޝަން ކޮމިޝަން، އީސީ އެވެ.
އިލެކްޝަން ކޮމިޝަން ފެނަށްވުރެ މާ މަތީގަ!
އިލެކްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގައި (ހ) އިން (ގ)އާ ހަމައަށް އެ ކޮމިޝަނަށް ލިބިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެ އެވެ. އެއިން ކޮންމެ އަކުރަކަށް ވެސް ބަލާލައި ވިސްނާލުމުން އެނގެނީ އިލެކްޝަން ކޮމިޝަނަކީ އިދާރީ މަސައްކަތްތައް ކުރަންޖެހޭ ކޮމިޝަނެއް ކަމެވެ. އިންތިހާބުތަކާ ގުޅޭ ހުރިހާ އިދާރީ މަސައްކަތެއް ކުރަންޖެހޭ ކޮމިޝަން ކަމެވެ.
އެ ހުރިހާ އަކުރެއް އޮތް އިރު ވެސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް އޮތް ތަނެއް ނުފެނެ އެވެ. އެކަމަކު އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް އިންޒާރުދީ ބުނެފައިވަނީ އިންތިހާބުގައި ވާދަކުރުމަށް ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށެވެ. ނަޝީދުގެ ޝަރުތާމެދު އިލެކްޝަން ކޮމިޝަނުން މާ ކުރިން މި އުޅެނީ ގޮތް ނިންމައިގެން އެވެ.
އެކަމަކު، ނަޝީދުގެ ޝަރުތާމެދު އިލެކްޝަން ކޮމިޝަނުން ގޮތް ކިޔުމަކީ އެ ކޮމިޝަނުން "ފެނުން މައްޗަށް އެރުން" ކަމަށް ބެލެން އެބަ އޮތެވެ. އެއީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާއިން ދޭހަކޮށްދެނީ އިލެކްޝަން ކޮމިޝަނުން މިހާރު އެ އުޅެނީ ފެނަށްވުރެ މާމަތީގަ ކަމެވެ. އެ މާއްދާގައިވެ؛
"ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާނެ ކަމަށް އިއުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ޝަރުތުތައް ފުރިހަމަވާކަމާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެ ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ގޮތުން އެ ކޯޓުން ނިންމާނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމެވެ."
މާއްދާގައި ބުނާ "ހަމައެކަނި" އެއީ އިބާރާތް ސާދާކުރުމަށް ބޭނުންކޮށްފައިވާ ލަފުޒެއް ނޫނެވެ. އެ ލަފުޒުގެ މާނަ ވަރަށް ފުނެވެ. ނަޝީދު އެވަނީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފަ އެވެ. މާއްދާގައި ބުނާ ފުރަތަމަ ހާލަތެވެ. އެމަނިކުފާނުގެ ޝަރުތާމެދު ވަނީ ހިޔާލު އުފެދިފަ އެވެ. މާއްދާގައި ބުނާ ދެވަނަ ހާލަތެވެ. އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މާއްދާގައި ބުނާ ތިންވަނަ ހާލަތެވެ. އެކަމަކު ސުޕްރީމް ކޯޓަށް ލިބިފައިވާ ހަމައެކަނި ބާރު އިލެކްޝަން ކޮމިޝަނުން އެ އޮތީ "ޖަހައިގެންފަ" އެވެ.
އެކަމަކު... ނަޝީދަކީ ގައިދީއެއް!
އިލެކްޝަން ކޮމިޝަނުން ފެނުން މައްޗަށް އެރީ، ނަޝީދަކީ ގައިދީއެއް ކަމަށް ބުނަމުންނެވެ. ނަޝީދުގެ ކިބައިގައި ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނަނީ ނަޝީދަކީ ހުކުމެއް އިއްވާފައިވާ ބޭފުޅަކަށްވާތީ އެވެ. އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއިދުކޮށްފައިވާތީ އެވެ.
ތެދެކެވެ. ނަޝީދަކީ ގައިދީއެކެވެ. ފިއްލަވައިގެން އުޅުއްވާ ގައިދީއެކެވެ. ހުކުމް ތަންފީޒު ކުރައްވަމުން ނުދާކަމީ އެއީ އެމަނިކުފާނު ގައިދީއަކަށް ނުވާނެ ސަބަބެއް ނޫނެވެ. އެ ހުކުމް މަތީ ކޯޓަކުން ބާތިލު ނުކުރާހާ ދުވަހު ހުކުމް ދެމި އޮންނާނެ އެވެ. ނަޝީދު ރާއްޖެ އެނބުރި ކޮންމެ ވަގުތެއްގައި ވަޑައިގެންނެވި ނަމަވެސް މަރުހަބާ ކިޔާނީ އެ ހުކުމެވެ. ގައިދީއަކަށްވެ، ޖަލުގެ ކުޑަ ގޮޅިއަށެވެ. މިފަދަ ހާލަތެއްގައި ހުންނެވި ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ގާނޫނު އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެމަނިކުފާނު އިންތިހާބުގައި ވާދަ ކުރެއްވުން ވެގެން ދާނީ ގާނޫނު އަސާސީއާ ވެސް ހިލާފު ކަމަކަށް ކަމަށެވެ. އާޒިމާ އެހެން ވިދާޅުވީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އޮތް ގޮތުންނެވެ. އެ މާއްދާއަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގެ (ޅ)ގައިވެ އެވެ؛
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާންޖެހެ އެވެ.
އެހެންކަމަށްވާއިރު އާޒިމާ ޝުކޫރު ވެސް އިލެކްޝަން ކޮމިޝަނުން ވެސް ނަޝީދުގެ ކުރިމައްޗަށް ވައްޓާލާ ހުރަހަކީ އެއީ އެވެ. އެ ޝަރުތު ނަޝީދުގައި ނެތުމެވެ. ނަމަވެސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. އެއީ ކުރިން ފާހަގަކުރި ގާނޫނު އަސާސީގެ މާއްދާ އެހެން އޮތީމަ އެވެ. ނަޝީދު ވަނީ ކެންޑިޑެސީގެ މައްސަލަ މިފަހަރު އަމިއްލަފުޅަށް ވެސް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފަ އެވެ. އިލެކްޝަން ކޮމިޝަނަށް ވެސް ކުރެވެން އޮތީ އެކަމެވެ. ޝަރުތާމެދު ހިޔާލު އުފެދޭނަމަ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމެވެ.
އދ.އަށް ކޮން ކަމެއް؟
އދ. އަކީ ނަޝީދުގެ އެންމެ ބޮޑު އުއްމީދެވެ. އދ.އިން ވަނީ ނަޝީދުގެ ކެންޑިޑެސީއާ ގުޅޭ ގޮތްތަކެއް މިހާރު ވެސް ނިންމާފަ އެވެ. ނަޝީދަށް ކޮށްފައިވާ ހުކުމަކީ އަދުލު އިންސާފުގެ ހަމަތަކުގެ ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް ދެ ފަހަރެއްގެ މަތިން އދ.އިން ވަނީ ނިންމާފަ އެވެ. އދ.އިން އެ ނިންމުން ނިންމީ ސަރުކާރުގެ ޖަވާބަށް ވެސް ރިޔާއަތް ކުރުމަށްފަހު އެވެ.
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއިން ނަޝީދު ހުށަހެޅުއްވި މައްސަލަ ބެއްލުމަށްފަހު ބުނެފައިވަނީ ރިޔާސީ އިންތިހާބު ހިމެނޭ ގޮތަށް އިންތިހާބުތަކުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ލިބިންޖެހޭ ކަމަށެވެ. ރާއްޖެއަކީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ސޮއިކޮށްފައިވާ ގައުމަކަށްވާތީ އެ ނިންމުން ސަރުކާރުން ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް އެ ކޮމެޓީން ބުނެފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އދ.ގެ މެންބަރެއްގެ ގޮތުގައި މުއާހަދާތަކުގައި ބައިވެރިވެގެން ރާއްޖެ މަސައްކަތްކުރައްމުންދާއިރު އދ.ގެ ނިންމުންތަކަށް ސަރުކާރުން އަމަލުނުކުރާނަމަ ދެން އޭގެ ފަހުން ބާއްވާ އިންތިހާބެއްގެ ސައްހަކަމާމެދު އދ.އިން ސުވާލު އުފައްދާނެ ކަމަށެވެ. ސަރުކާރުގެ މައްޗަށް އދ ގެ މި ނިންމުމަކީ ގާނޫނު އަސާސީން އަމަލުކުރަން ލާޒިމް އެއްޗެއްކަން ވެސް ހަސަން ފާހަގަކުރެއްވި އެވެ. ނޫންނަމަ ތަފާތު ފިޔަވަޅުތައް ރާއްޖެއަށް އެޅުން އެކަށީގެންވާ ކަމެވެ.
އެކަމަކު އާޒިމާ ޝުކޫރު ވިދާޅުވީ، އދ. އިން ނުވަތަ އެހެން ޖަމާއަތަކުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ރާއްޖޭގެ ގާނޫން އަސާސީ ހުއްދަ ނުކުރާ ކަމަށެވެ. އެއީ އެމަނިކުފާނަށް އޮތް ހުކުމް އެއްވެސް މަތީ ކޯޓަކުން މިހާތަނަށް ބާތިލުކޮށްފައިނުވާތީ އެވެ.
ކޮންމެއަކަސް މިއީ ފުޅާވަމުން ނިއުޅެމުން ކުރިއަށް އޮތްތާ ދާނެ ބަހުސެކެވެ. ނަޝީދަށް އެމްޑީޕީއިން މިހާރު ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ވެސް ދީފަ އެވެ. ބަހުސް ގޮސް ކޮޅެއްގައި ޖެހޭނީ އެމަނިކުފާނުގެ މެނޭޖަރު އަހުމަދު އަސްލަމް ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން އެ ކޯޓުން ނިންމާ ނިންމުމަކުންނެވެ.