ހަބަރު

ކޯލިޝަންގެ ކެނޑިޑޭޓަކީ ގާސިމްއަށް ހަދަން ބޭނުން: ޖޭޕީ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރޭ އެއް ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ހެދަން ބޭނުންވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ޖޭޕީއަށް އަލަށް ވަތް ބަޔަކު ސޮއި ކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކީ ގާސިމް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެކަމަށް ކުދި ހުރަސްތަކެއް ހުރި ނަމަވެސް އެންމެ އެލިޖަބަލް ކެންޑިޑޭޓަކަށް އެމަނިކުފާނު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އިދިކޮޅު ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކަށް ވުން އަދި އެއީ ލީޑަރު ގާސިމް އިބްރާހިމްއަށް ވުން،" ސަމީރު ވިދާޅުވި އެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ވިދާޅުވީ އެއް ކެންޑިޑޭޓަކަށް ގާސިމްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި ނަމަވެސް އެމަނިކުފާނަށް ބައިވެރިވެވަޑައި ނުގަނެވުނަސް ގުޅިފައިވާ ޕާޓީތަކާއެކު ރައިސް އަބްދުﷲ ޔާމީން ބަލި ކުރުން މުހިންމު ކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ހޮވަން މުހިންމު ވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ގުޅިފައިވާ އެހެން ޕާޓީތަކާއެކުގައި މަސައްކަތް ކުރަޖެހޭ ހާލަތްތަކުގައި އެއްކޮށް މަސައްކަތް ކުރުން އަދި ވަކިން މަސައްކަތް ކުރަން ޖެހޭ ހާލަތްތަކުގައި ވަކިން މަސައްކަތް ކުރުން އަދި އަޅުގަނޑުެންގެ ޕާޓީއަކީ ވެސް މުހިންމު ވަރުގަދަ އަދި އެންމެ ބޮޑު ޕާޓީއަށް ހެދުމަށް އަޒުމު ކަނޑައަޅައި މައްކަތް ކުރުމަކީ މިކަމުގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތް،" ހުސެއިން ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓުގެ ޓިކެޓު ގާސިމްއަށް ދިނުމަށް ޖޭޕީ އިން މަސައްކަތް ކުރަމުން އަންނަ އިރު އެމްޑީޕީ އިން މިއަދު ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރާނީ ރައީސް ނަޝީދު ކަމަށް ނިންމައި ކެމްޕެއިން ފަށަން ނިންމައިފަ އެވެ. އެގޮތުން ރައީސް ނަޝީދަށް މިއަދު ވަނީ ޕާޓީގެ ޓިކެޓުވެސް ހަަވާލުކޮށްފަ އެވެ.