ޖުމްހޫރީ މޭވާއަކީ ރާއްޖޭގައި ފަސޭހައިން ހެދޭ ގިނައިން އަޅާ މޭވާއެކެވެ. ރާއްޖޭގެ ހުރިހާ ހިސާބެގައި ވެސް ޖުމްހޫރީ މޭވާ ރަނގަޅަށް ހެދެ އެވެ. ޖުމްހޫރީ މޭވޭގެ ފަންޏަކީ ދިވެހިން ނަށް މީރު ފަންޏެއް ވެސް މެއެވެ. ހުހަށް ވެސް މި މޭވާ ދިވެހިން ކައެވެ.
މިއީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި މީރު މޭވާ އެކެވެ. ވިޓަމިން އޭ ވަރަށް ގިނަ އަދަދަކަށް ހުރެ އެވެ. އެ މާއްދާގެ ސަބަބުން ހަމާއި އެތެރެހަށީގެ ޓިޝޫތަކުގައި ހުންނަ ތެތް ދުލިފަށަލަތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރި ވެދެ އެވެ.
ވިޓަމިން އޭ އާއި ތަފާތު ކެރޮޓިނޮއިޑްތައް އަދި ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓްގެ ތެރޭގައި ހިމެނޭ ބީޓާ ކެރޮޓީން އަދި ކްރިޕްޓޯޒެންތިން ބީ ހުރެ އެވެ. މި މާއްދާތައް ހުރުމަކީ މި މޭވާ ބޭނުންކުރުމުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ހާއްސަކޮށް، ރޭގަނޑު ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މޭވާއެއްގެ ގޮތުގައި ޖުމްހޫރީ މޭވާ ފާހަގަ ކުރެވެ އެވެ. މީގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ ވިޓަމިން އޭ އަށް ބަދަލުވާ އެއްޗެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ އަލިދުލީ ގެ ތެރޭގައި ރޭގަނޑުގެ ފެނުމަށް ބޭނުންވާ ޕިގްމެންޓް "ރޮޑަޕްސިން" އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ.