ދުނިޔެ

ކަޅު ނަސްލުގެ ދެމަފިރިން މަރާލި ފުލުސް މީހާ ސަލާމަތްވުމާ އެކު އެމެރިކާގައި ހަމަނުޖެހުންތައް

ކަޅު ނަސްލުގެ ދެމަފިރިންގެ ގަޔަށް ބަޑި ޖަހާ މަރާލި އެމެރިކާގެ ދޮން ނަސްލުގެ ފުލުސް މީހާގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމުމާ އެކު ހަމަނުޖެހުންތައް ބޮޑުވެއްޖެ އެވެ.

މައިކަލް ބްލެރޯ، 31 ގެ މައްޗަށް ދައުވާކުރީ އޭނާ އާއި އިތުރު ފުލުހުންތަކެއް ގުޅިގެން 2012 ވަނަ އަހަރު ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި، އަތުގައި އެއްވެސް ހަތިޔާރެއް ނެތް ޓިމޮތީ ރަސެލް އާއި މަލިސާ ވިލިއަމްސްގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލައިގަ އެވެ. މި ހާދިސާގައި، އެ 13 ފުލުހުން ވަނީ ޓިމޮތީ އާއި މަލިސާ ތިބި ކާރުގެ ބޮނެޓް މައްޗަށް އަރައި އޭގެ ވިންޑްސްކްރީނުން ކާރުގެ ތެރެ އަށް 137 ވަޒަން ޖަހާފަ އެވެ.

އެ ކަމުގައި 13 އޮފިސަރުން ބައިވެރިވި ނަަމަވެސް ހަމައެކަނި ދައުވާ ކުރީ ކާރަށް ޖުމްލަ 49 ވަޒަން ޖެހި މައިކަލްގެ މައްޗަށެވެ. އެއީ، އެންމެ ފަހު 15 ވަޒަން ޖަހާފައި ވަނީ އޭނާ ކަމަށް ވާތީ އެވެ.

ކްލީވްލޭންޑު ފުލުހުންގެ ތަރުޖަމާނު ޖެނިފާ ސިއެސިކާ ވިދާޅުވި ގޮތުގައި އެ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައިގެން މިހާތަނަށް ވިއްސަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުން މަނާ ސަރަހައްދުތަކުގައި މުޒާހަރާކުރި މީހުންގެ އިތުރަށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް މީހުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހުރިހާ ފަރާތްތަކުން ވެސް ސުލްހަމަސަލަސްކަން އިސްކުރުމަށް އެދެން،" ޖެނިފާ ވިދާޅުވި އެވެ.

ދޮން ނަސްލުގެ ފުލުހުން ހަަމަލާދީ ކަޅު ނަސްލުގެ މީހުން މަރާ މަައްސަލަ އެމެރިކާގެ އެކި ހިސާބުތަކުގައި ވަނީ މި ފަހުން ބޮޑުވެފަ އެވެ. އޭގެ ތެރޭގައި، ކްލީވްލޭންޑުގައި 12 އަަހަރުގެ ކަޅު ނަސްލުގެ ކުޑަކުއްޖެއްގެ ގަޔަށް މިދިޔަ ނޮވެމްބަރު މަހު ބަޑި ޖެހި މައްސަލައެއް ހިމެނެ އެވެ. އަދި މިފަދަ ހާދިސާތައް ހިނގާފައިވާ ބޯލްޓިމޯ އާއި ފާގަސަންގައި ދާދި ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގެ އިތުރަށް، ކަޅު ނަސްލުގެ މީހުންނަށް ސީދާ އަމާޒުކޮށް ފުލުހުން ހިންގާ ހަރުކަށި އަމަލުތައް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އިތުރުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ހަނގުރާމަވެރި ހަތިޔާރުގެ ގޮތުގައި ބެެލވިދާނެ ބައެއް އާލަތްތައް ސްޓޭޓްތަކުގެ ފުލުހުންނަށް ފޯރުކޮށްދިނުން މަނާކުރައްވާފަ އެވެ.

މި މަހު ކުރީކޮޅު އޮބާމާ އެޅުއްވި އެ ފިޔަވަޅުގެ ދަށުން، ސްޓޭޓްތަކުގެ ފުލުހުންނަށް ދިނުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުރޮޅުގެ ބަދަލުގައި ޓްރެކް ނިޒާމުގެ އެހީގައި ދުއްވާ އާމާޑް އުޅަނދު، ބަޑި ހަރުކޮށްފައި ހުންނަ މަތިންދާބޯޓާއި މަނަވަރާއި އެ ޒާތުގެ އުޅަނދުފަހަރު، 50 ކެލިބަ އަށް ވުރެ މަތީގެ ބަޑި އާއި ވަޒަން، ގްރެނޭޑް ލޯންޗަ އަދި ކެމަފްލާޖް ޔުނީފޯމެވެ. ނަމަވެސް، އާއްމު ބޭނުންތަކަށް ބޭނުންކުރާ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި ޑްރޯން، ފުރޮޅު ހަރުކޮށްފައި ހުންނަ އާމާޑް އުޅަނދު، ކޮމާންޑްކުރަން ބޭނުންކުރާ އުޅަނދު އަދި ރަޔަޓް ގިޔަރާއި މުގުރު ފަދަ ތަކެތި އަދިވެސް ފޯރުކޮށްދެމުން ދާނެ އެވެ.