ހަބަރު

އެމްޑީޕީގެ ޕްރައިމަރީގައި އިސްކޮށް އުޅުނު މީހުންނަށް ފިޔަވަޅު އަޅަން އެދެނީ

Jun 3, 2018
11

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގައި އިސްކޮށް އުޅުނު ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ ކިބައިން އެދެން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެމްޑީޕީ އިން ޣައިރު ގާނޫނީ ޕްރައިމަރީއެއް ބާއްވާފައިވާތީ އެކަމާ ގުޅޭ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން، "އަވަސް"އަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުވީ އެމްޑީޕީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އެހެން ނަމަވެސް، އަޅާނެ ފިޔަވަޅަކާ މެދު ގާނޫނީ ގޮތުން ދިރާސާތައް ކުރުމަށް ފަހު ދެން އޮންނަ ބައްދަލުވުމެއްގައި އަޅާނެ ފިޔަވަޅެއް ނިންމަން މިއަދުގެ ބައްދަލުވުމުގައި ނިންމުނު ކަމަށް އަކުރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަންސް އިން ތަކުރާރުކޮށް އެދުނު ނަމަވެސް، އެކަމަށް އިޖާބަ ނުދީ ގާނޫނާ ހިލާފަށް ޕްރައިމަރީ ބާއްވާފައި ވާތީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކަމުގައި އިސްކޮށް އުޅުނު ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ކޮމިޝަންގެ ފަރާތުން ފުލުހުންގެ އިދާރާގައި އެދެން ކޮމިޝަންގެ ބައްދަލުވުވުމުން މިއަދު ފާސްކުރި ކަމަށް އަކުރަމް ވިދާޅުވި އެވެ.

އެމްޑީޕީ އިން މިދިޔަ ބުދަ ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދަނިކޮށް އޭޖީ އެދިގެން ސިވިލް ކޯޓުން ވަނީ އެ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އެއާ އެކު އެ ޕްރައިމަރީ ހުއްޓުވަން ފުލުހުން ވަނީ ވޯޓްލާ މަރުކަޒުތަކަށް ގޮސް ވޯޓްފޮށިތަކާއި ވޯޓް ކަރުދާސްތައް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ވޯޓްލުން ނުހުއްޓި ކުރިއަށް ދިޔަ އެވެ. އެ އޮޕަރޭޝަންގެ ތެރޭގައި 24 މީހަކު ހައްޔަރު ކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލައި 18 މީހެއްގެ ބަންދު ވަނީ މިހާރު ޖަހައިފަ އެވެ.

އެމްޑީޕީ އިން އިއްޔެގެ ވަގުތެއްގައި ވަނީ ރަސްމީކޮށް ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހަވާލުވެސް ކޮށްފަ އެވެ.