ހަބަރު

ހެކި ދިން ގާޒީން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އަސާސެއް ނެތް: ހައިކޯޓު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި ހެކި ބަސް ދެއްވި ދަށުގެ ކޯޓުގެ ދެ ގާޒީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ދެ ފަނޑިޔާރުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލާގައި މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ހެކި ބަސް ދެއްވި ގާޒީންނަކީ އެ ގާޒީންގެ ހުވައާ ހިލާފުވެފައިވާ ގާޒީން ނޫން ކަމަށާއި ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ކޮށްފައިވާ ބައެއް ވެސް ނޫން ކަމަށެވެ.

ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އެ ގާޒީން އުފުލަން ޖެހޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ވެސް ކަނޑައަޅާފައިނުވާ ކަމަށާއި އެފަދައިން އެ ގަޒިއްޔާގެ ތެރޭގައި ކަނޑައެޅޭނެފަދަ އަސާސެއް ނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބަޔާންކޮށްފަ އެވެ.

މައްސަލާގައި ހެކި ބަސް ދިން ދެ ގާޒީންގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދާފައިވާތީ ހައިކޯޓުގެ ހުކުމްގައި ބުނީ، އެ ދެ ހެކިވެރިންނަކީ އަދުލުވެރި ހެއްކެއް ނޫން ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށެވެ. އަދުލުވެރި ހެއްކެއް ނޫން ކަމަށް ބެލޭނެ ހަމައަކީ ހުރިހާ އިލްމްވެރިން ވެސް އެއްބަސްވާ ގޮތުގައި އެމީހެއްގެ މައްޗަށް ބޮޑު ކުށެއް ސާބިތުވެފަ އޮތްނަމަ ކަމަށާއި ހެކި ބަސް ދިން ދެ ގާޒީންނަކީ ވެސް އެމީހުން ކޮށްފައިވާ ހުވާއާ ހިލާފުވެފައިވާ ދެ ގާޒީންނަށް ނުވާއިރު ޖިނާއީ ކުށެއް ވެސް ސާބިތުވެފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ކުރިމިނަލް ކޯޓުގައި ހެކި ބަސް ދެއްވި އެއް ގާޒީއަކު ވަނީ ސިޔާސީ ތިން ބޭފުޅެއް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތަކެއް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ބާތިލުކޮށްދޭން އެންގި ކަމަށް ވިދާޅުވެފަ އެވެ. އެ އަމުރުތައް ބާތިލުކުރީ ދެ ފަނޑިޔާރުން އަންގަވައިގެން ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އެ ގާޒީ ވިދާޅުވެފައިވީ ނަމަވެސް ހެކި ބަސް ދެއްވަމުން އެކަމަށް އިންކާރު ކުރެއްވި އެވެ. ގާޒީ ވިދާޅުވެފައިވަނީ އަމުރުތައް ބާތިލުކުރީ އެ މައްސަލަ ދިރާސާކުރުމަށްފަހު އަމުރުތައް ދެމެހެއްޓުމުގެ ބޭނުމެއް ނެތްކަން އޭނާއަށް ގަބޫލުކުރެވުމުންނެވެ.

ދެން ހެކި ބަސް ދެއްވާފައިވާ ގާޒީ ވަނީ އަލީ ހަމީދުގެ ނުފޫޒުގައި ގިނަ ހުކުމްތަކެއް ނެރުއްވި ކަމަށް އިއުތިރާފުވެފަ އެވެ. އަދި އެއް ހުކުމަކީ އަލީ ހަމީދު ލިޔެދެއްވި ހުކުމެއް ކަމަށް ވެސް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ އަލީ ހަމީދުގެ ޗެމްބަރުގައި އޭނާ ލިޔުއްވި ހުކުމް އެގޮތަށް އިއްވާފައުވާނެ ކަމަށް އެ ގާޒީ ވަނީ އެއްބަސްވެފަ އެވެ. އެ ގާޒީ އެއްވެސް ކަމަކަށް އިންކާރު ކޮށްފައިނުވާއިރު އޭނާގެ ހެކި ބަހުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވައިގެން އެ ބޭފުޅުން ބޭނުންވި ކަންތައްތަކެއް އެ ގާޒީ މެދުވެރިކޮށް ކުރައްވާފައިވާކަން ސާބިތުވެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވި ކަމަށް ބުނާ ބަޔާންތަކެއް މީގެކުރިން ސޯޝަލް މީޑިއާގައި ލީކްވެފައިވެ އެވެ. އޭގެ ތެރޭގައި ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ބަޔާން ހިމެނެ އެވެ.