ކުޅިވަރު

ގައުމީ ޓީމުގެ އާ ޖޯޒީ ފަރުމާކޮށްގެން 25000 ރުފިޔާ ހޯދުމުގެ ފުރުސަތު

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖޯޒީ ފަރުމާކޮށްގެން، އެއް ވަނަ އަށް ދާ ފަރުމާ އަކަށް 25000 ރުފިޔާ ދޭން، ގައުމީ ޓީމުގެ ޕާޓްނާ ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި ކުރިއަށް އެހެން މުބާރާތްތަކުގައި ގައުމީ ޓީމުން ބޭނުން ކުރާނެ ޖޯޒީގެ ފަރުމާ، ބީއެމްއެލްއަށް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖޯޒީ ފަރުމާގެ ޕީޑީއެފް ފައިލްގައި ހިމެނެން ޖެހޭނީ 10 އެމްބީ އެވެ.

ގައުމީ ޓީމުގެ ކިޓް ފޯރުކޮށް ދެނީ، ސްޕެއިންގެ ކުންފުންޏެއް ކަަމަށްވާ "ޖޯމާ" އިންނެވެ. ޖޯމާ އާއެކު އޮތް ކޮންޓްރެކްޓް މި އަހަރު ހަމަ ވުމުން ރާއްޖެއަށް ކިޓް ފޯރުކޮށްދޭން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓީމަށް އެންމެ އަވަހަށް އޮތް މުބާރާތަކީ އޯގަސްޓް މަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ޓީމާއި ސީނިއާ އަންހެން ޓީމު ވާދަ ކުރާނެ އެވެ.

ސެޕްޓެމްބަރު މަހު ބަނަގުލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ އަވަށްޓެރި ލަންކާ އާއި އިންޑިއާއާ އެކު ގުރޫޕް "ބީ" ގަ އެވެ.