ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޖޯޒީން ޝާޒިފްގެ ދިވެހިވަންތަ މުއްސަނދި ހިޔާލު

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖޯޒީ ފަރުމާ ކުރަން، ގައުމީ ޓީމުގެ ސްޕޮންސާ ދިވެހި ގައުމީ ބޭންކުން ހުޅުވާލި ފުރުސަތުގައި، ހުށަހެޅިފައި އޮތް 100 ޑިޒައިންގެ ތެރެއިން، ދިވެހި ކްރިއޭޓިވް ޑިޒައިނާ ޝާޒިފްގެގެ ނަން އޭގެތެރެއިން ފުރޭނިގެން އައީ، އޭނާ ހުށަހެޅި ފަރުމާގައި އާދާޔާ ހިލާފު ކަންތައްތަކެއް ހުރުމުންނެވެ.

ހުށަހެޅި 100 ފަރުމާގެ ތެރެއިން ޝާޒިފް ހުށަހެޅި ފަރުމާގައި ހަމަ ހަގީގަތުގައިވެސް އާދާޔާ ހިލާފު ކަންތައްތަތަކެއް ހުއްޓެވެ. އެ ފަރުމާ ކުރަހަން ދެއްޔެއްގެ ގޮތުގައި އޭނާ ބޭނުން ކުރީ، އޭނާގެ ހިތުގައި ދިވެހި ގައުމާއި ދިވެހި ވަންތަކަމަށް އޮތް ވަތަނީ ލޯއްބެވެ. ގަލަމުގެ ތެރެއަށް އެ ލޯބި އަޅައިގެން އޭނާ ފައްދާލި ފަރުމާއިން ނިކުތީ ދިވެހި ސިފަތަކެވެ. އަދި އެ ސިފަތައް އިތުރަށް ފުރިހަމަ ކޮށްދިނީ ޝާޒިފްގެ މުއްސަނދި ހިޔާލު ތަކުންނެވެ.

ޓީމުގެ ހޯމް ޖޯޒީ ފަރުމާ ކުރުމުގައި އޭނާގެ ހިޔާލެއްގެ ގޮތުގައި ބޭނުން ކުރީ، ބޭރުގެ ކޮމަންޓޭޓަރުންނާއި ދިވެހި ސަޕޯޓަރުންވެސް ދިވެހި ގައުމީ ޓީމުގެ ތީމުގެ ގޮތުގައި ބޭނުން ކުރާ ރެޑް ސްނޭޕާސް އެވެ. މާނައަކީ "ދިވެހި ރަތް މަހެވެ." ޝާޒިފްގެ ފަރުމާއިން ސިފަ ކޮށްދެނީ ރަތް މަހުގެ ހުޅުނބުގައިވާ ބައްޓަމެވެ.

"ވަރަށް ގިނައިން އިވޭނެ ކޮމަންޓޭޓަރުން ކިޔާތަން ދަ ރެޑް ސްނޭޕާސް އާރް އޮން ދަ ފީލްޑް،" ހޯމް ޖޯޒީ ފަރުމާ ކުރުމަށް އޭނާ ގެންގުޅުނު ވިސްނުން ޝާޒިފް ކިޔައި ދިނެވެ. "އެއީ ރަތް ޖޯޒީ ޑިޒައިން ކުރުމުގައި އަސްލު އަހަންނަށް ލިބުނު މައިގަނޑު އިންޕްރޭޝަނަކީ، އޭގައި އެ ހުންނަނީ ރެޑް ސްނޭޕާސްގައި ހުންނަ ސްކޭލްތަކެއް، ދެން އަހަރެމެންނަކީ ޖަޒީރާ ގައުމަކަށް ވެފައި އަދި މަސްވެރި ބައެއް، (އެހެންވީމަ އެގޮތަށް ވިސްނީ."

ދެ ވަނަ ޖޯޒީ ނުވަތަ ފަރުމާ ކުރުމުގައި ޝާޒިފްގެ ވިސްނުން އޭނާ ދޫކޮށްލީ ދިވެހި ރަށްތަކުގެ ވަށައިގެންވާ ކަނޑުތަކަށެވެ. އެ ކަނޑުތަކުގެ ރަޅުތަކުގެ ތެރެއަށް އޭނާ ދޫކޮށްލި ވިސްނުން ބީއްސާލީ ދިވެހި ގައުމީ ޓީމުގެ ނޫ ޖޯޒީ އަށެވެ. ނޫ ޖޯޒީން ސިފަކޮށްދެނީ ދިވެހި ކަނޑުތަކުގެ ރަޅު ތަކެވެ.

"ދެ ވަނަ ޖޯޒީ ފަރުމާ ކުރުމުގައި ބެލީ އޭގެ ކުލަ [ނޫ ކުލަ] އަށް، އެއަށް ބާލާލާއިރު އަހަރެމެން ވަށައިގެން ވަނީ ކަނޑު، ކަނޑަށް ބާލައިރު ދެން ވިސްނީ އޭގެ އަސްލު ޕެޓާންއަށް، ވިސްނިއިރު އެއީ އޯޝަންގެ ވޭވްސް އަސްލު." ޝާޒިފް ކިޔައި ދިނެވެ.

ޖޯޒީ ފަރުމާކޮށްގެން އެއް ވަނައަށްދާ ފަރާތަކަށް 25000 ރުފިޔާ ދިނުމަށް ދިވެހި ގައުމީ ބޭންކުން އިއުލާން ކުރި އެވެ. އޭނާގެ ފަރުމާއަށް އެއްވަނަ އަށް ގޮސްގެން ލިބޭނެ އިނާމަކަށް ވުރެ އޭނާ އެކަމުން ހާސިލު ކުރަން ޝިފާޒު ބޭނުން ވަނީ އެ ޖޯޒީ ލައިގެން ރާއްޖެއަށް ކާމިޔާބު ލިބުމެވެ.

"ރާއްޖޭގެ އެހާ ގިނަ ބަޔަކު ސަޕޯޓް ކުރާ ކުޅިވަރަކަށް މި ފީލްޑުން ކޮންޓްރަބިޔުޓް ކޮށްދެވުނީމަ ވަރަށް އުފާވޭ،" ބީއެމްއެލްއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަށް ދިން އިންޓަވިއުގައި ޝާޒިފް ވާހަކަ ދެއްކި އެވެ. "އަޅުގަނޑު އުންމީދަކީ މި ޖޯޒީ ލައިގެން ދިވެހި ގައުމީ ޓީމު ވީހާވެސް ގިނަ ކާމިޔާބު ތަކެއް ހޯދުން."

ގައުމީ ޓީމުގެ އާ ޖޯޒީ، ފުރަތަަމަ ބޭނުންކުރާނީ ނޭޕާލްގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާ ދެކޮޅަށް ނިކުންނަ ދިވެހި އަންހެން ގައުމީ ޓީމެވެ.

ގައުމީ ޓީމްގެ އާ ޖާޒީ އާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ގައުމީ ޓީމުގެ އާ ޖޯޒީ އެންމެ ފުރަތަމަ ގައުމީ އަންހެން ޓީމުން ބޭނުންކުރަން ހަމަޖެހުމަކީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ. ކުރިއަށް އޮތްތާންގައިވެސް ދިވެހި ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް ބީއެލްއެލްގެ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމުގެ ޔަގީން ކަން އާއިޝަތު ވަނީ ދެއްވާފަ އެވެ.