ކުޅިވަރު

ގައުމީޓީމު ޖޯޒީގެ ފަރުމާ ހުށަހެޅުމުގެ ފަހު ފުރުސަތު

ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީ ފަރުމާ ކުރުމަށް، ގައުމީ ޓީމުގެ ޕާޓްނާ ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލި ފުރުސަތު މާދަމާ މެންދުރު 12:00 ގެ ނިޔަލަށް ހަމަވާނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖޯޒީ ފަރުމާކޮށްގެން، އެއް ވަނަ އަށް ދާ ފަރުމާ އަކަށް 25000 ރުފިޔާ ދޭގޮތަށް، ޖޯޒީ ފަރުމާ ކުރުމުގެ ފުރުސަތު ބީއެމްއެލުން ހުޅުވާލީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. މާދަމާ މެންދުރު 12:00 ހަމަޔަށް ހުށަހަޅާ ހުރިހާ ފަރުމާތަކެއް ބީއެމްއެލުން އިވެލުއޭޓް ކުރާނެ އެވެ. ޖޯޒީ ފަރުމާގެ ޕީޑީއެފް ފައިލްގައި ހިމެނެން ޖެހޭނީ 10 އެމްބީ އެވެ. ޕީޑީއެފް ފައިލް އީމެއިލް ފޮނުވާނީ [email protected] އަށެވެ.

"މިހާރުވެސް ވަރަށް ގިނަ ޑިޒައިންތަކެއް ހުށަހެޅިފައި އެބަހުރި،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ. "މާދަމާ އަކީ އެންމެ ފަހު ފުރުސަތު، މާދަމާގެ މެންދުރު 12 ޖެހުމާ ހަމަޔަށް ހުށަހެޅޭ ހުރިހާ ހުށަހެޅުމެއް އަޅުގަނޑުމެން އިވެލުއޭޓް ކުރާނަން."

ގައުމީ ޓީމުގެ ޖޯޒީ ފަރުމާ ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ. ގައުމީ ޓީމު ކުރިއަށް އޮތް މުބާރާތްތަކުގައި ބޭނުން ކުރާނީ އާ ފަރުމާގެ ޖޯޒީ އެވެ. ސެޕްޓެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައިވެސް ސީނިއާ ގައުމީ ޓީމު ބޭނުން ކުރާނީ އާ ފަރުމާގެ ޖޯޒީ އެވެ.

ގައުމީ ޓީމުގެ ކިޓް ފޯރުކޮށް ދެނީ، ސްޕެއިންގެ ކުންފުންޏެއް ކަަމަށްވާ "ޖޯމާ" އިންނެވެ. ޖޯމާ އާއެކު އޮތް ކޮންޓްރެކްޓް މި އަހަރު ހަމަ ވުމުން ރާއްޖެއަށް ކިޓް ފޯރުކޮށްދޭން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓީމަށް އެންމެ އަވަހަށް އޮތް މުބާރާތަކީ އޯގަސްޓް މަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސް އެވެ. އެ މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ޓީމާއި ސީނިއާ އަންހެން ޓީމު ވާދަ ކުރާނެ އެވެ.