ފިނިޕޭޖް

ހުކުރުގައި ޝުވެކަށް: "ޖުރެސިކް ވޯލްޑް: ފޯލެން ކިންޑަމް"

"ޖުރެސިކް ވޯލްޑް" ގެ ސީކުއަލް ފިލްމު "ޖުރެސިކް ވޯލްޑް: ފޯލެން ކިންޑަމް" އަންނަ ހުކުރު ދުވަހު ޝުވެކް ސިނަމާގައި ޕްރިމިއާ ކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މިއަދު ފަށާނެ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމު ދައްކާނެ އެވެ.

ޔުނިވާސަލް ޕިކްޗާސް، އެމްބްލިން އެންޓަޓެއިންމަންޓް، ދަ މާޝަލް ކޮމްޕެނީ އަދި ލެޖެންޑްރީ ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ރާއްޖޭގައި ޕްރިމިއާ މިކުރަނީ އެމެރިކާގައި ފިލްމު ޕްރިމިއާކުރުމުގެވެސް ކުރިންނެވެ. އެމެރިކާގައި މި ފިލްމު ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މި މަހު 22 ގަ އެވެ.

ސައިންސް ފިކްޝަން އެންޑްވެންޗާ މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި އޮންނާނީ ފުރަތަމަ ފިލްމުގައި ދެއްކި ޖުރެސިކް ތީމް ޕާކް ވީރާނާ ވާތީ އެ ޕާކުގައި ބާކީ ތިބި ޑައިނޯސާތައް ސަލާމަތްކުރުމަށް އިންސާނުން ކުރާ މަސައްކަތަށެވެ. އެ ޕާކު ވީރާނާ ވަނީ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުންނެވެ. އެ ޑައިނޯސާތައް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމީހުނަށް އަލަށް ވިހާފައިވާ ޑައިނޯސާތަކެއްވެސް ދިމާވެ އެވެ.

މި ފިލްމުގެ ފުރަތަމަ ބަޔަށްވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފުރަތަމަ ފިލްމަށް ބިލިއަނަކަށްވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ. ކްރިސް ޕްރެޓް ލީޑުން ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރީ 2015 ގަ އެވެ.

ދެ ވަނަ ފިލްމުގައިވެސް ލީޑުން ފެނިގެންދާނީ ކްރިސް އެވެ. އޭނާއާއެކު މުހިންމު ރޯލުތަކުން ބްރައިސް ޓެލަސް ހޯވާޑް އާއި ބީ ޑީ ވޮންގް އަދި ޖެފް ގޯލްޑްބްލަމް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޖޭއޭ ބަޔޯނާ އެވެ. ސްކްރީޕްލޭ ތައްޔާރުކުރީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ކޯލިން ޓްރީވޯރޯ އަދި ޑެރެކް ކޮނޮލީ އެވެ.

މި ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމު އަދި ފަހު ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ފިލްމު ޑައިރެކްޓުކުރާނީ ކޯލިން އެވެ.