ވިޔަފާރި

ރާއްޖޭގައި އާ ބައިނަލްއަގުވާމީ އެއާލައިނެއް އުފައްދަނީ

ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރާއްޖޭގެ އާ ބައިނަލްއަގުވާމީ އެއާލައިނެއް އުފައްދަން، ހުއްދަ ހޯދަން ސަރުކާރަށް ހުށަހަޅައިފި އެވެ.

"އަވަސް" އަށް ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ދިވެހި ބަޔަކާއި ބޭރުގެ އިންވެސްޓަރެއް ގުޅިގެން ހަދާ ބައިނަލްއަގުވާމީ އެއާލައިން ހެދުމުގެ މަސައްކަތްތަކުގެ ލިޔެކިއުންތައް ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ. އަދި އެކަމަށް ބައެއް ހުއްދަތައް ވަރަށް އަވަހަށް ދޭނެކަން ވެސް އެނގިފައިވެ އެވެ.

"ވަރަށް ގިނަ ޕްރޮސީޖާއެއް އޮންނަ ކަމެއް މިއީ. ނަމަވެސް މިހާރު ސީޒިބިލިޓީ ހުށަހަޅަން ވަނީ އަންގާފަ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭން ސީދާ ޔޫރަޕާއި ޗައިނާ ފަދަ މަންޒިލްތަކަށް ދަތުރުކުރެވޭ މި އެއާލައިންގެ މައި ބޭހަކަށް ވާނީ ރާއްޖެ އެވެ.

ރާއްޖޭގައި ބޭސް ވެގެން މީގެ ކުރިން "މެގަ މޯލްޑިވްސް" ގެ ނަމުގައި އެއާލައިނެއް ހިންގި އެވެ. އަދި މި އެއާލައިން ޗައިނާގެ ގިނަ ސަރަހައްދުތަކަށް ދަތުރުކުރި އެވެ. އަދި މި އެއާލައިންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ފައިދާތަކެއް ކޮށްފައިވެ އެވެ. ނަމަވެސް މާލީ މައްސަލަތަކެއް ދިމާވެ، އެއާލައިންގެ ދަތުރުތައް މި އަހަރު ވަނީ ހުއްޓާލާފަ އެވެ.

ރާއްޖޭގެ އެއާލައިނެއްގެ ގޮތުގައި އެތެރެ އާއި ބޭރުގައި މިހާރު ދަތުރުކުރަނީ ހަމައެކަނި މޯލްޑިވިއަން އެވެ. ރާއްޖޭގެ ގައުމީ އެއާލައިންގެ ގޮތުގައި ބަލާ މޯލްޑިވިއަންއިން ޗައިނާގެ ގިނަ މަންޒިލްތަކާއި އިންޑިޔާ އަދި ތައިލެންޑާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ދަތުރުކުރެ އެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު އެއާލައިނެއް ހަދަން އަމިއްލަ ކުންފުންޏަކުން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.

ސީ ޕްލޭންގެ ހިދުމަތާއެކު "މަންޓާ އެއާ" އުފައްދަނީ މަޝްހޫރު ޓޫރިޒަމް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ ހިއްސާ އޮންނަ ރިއޮލޯ ކުންފުނިންނެވެ. މި އެއާލައިން މި އަހަރު ދަތުރު ފަށާއިރު މޫދައްޖައްސާ ހަތަރު ސީ ޕްލޭން އަދި އޭޓީއާރު މަރުކާގެ ތިން ބޯޓު ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.