ކުޅިވަރު

ދަގަނޑޭ ނިއުއަށް ޗެމްޕިއަންކަން ހޯދައިދީފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކުން، ވެލެންސިއާގެ މައްޗަށް 5-0 ގެ ބޮޑު ނަތީޖާއަކުން ނިއު ރޭޑިއަންޓުން މާލޭ ލީގްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަށް އަހަރުގެ މެދު ކެނޑުމަކަށް ފަހު، މާލޭ ލީގް އަލުން ތާރަފު ކުރީ މިދިޔަ އަހަރު އެވެ. މިއީ ނިއު ރޭޑިއަންޓުން މާލޭ ލީގް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން މާލޭ ލީގް ކާމިޔާބު ކުރީ 2004 ވަނަ އަހަރު އެވެ.

އެފްއޭއެމުން ފޯމެޓަށް ބަދަލު ވެފައިވާ ގޮތުން ވެލެންސިއާ ވަނީ ރެލިގޭޓް ވެފަ އެވެ. ނިއުގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ދިހަ މިނެޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޕެއިންގެ ޑިފެންޑަރު ހޯޖޭ ގޯޓަރު އެވެ.

އަޝްފާގް އޭނާ ގެ ފުރަތަމަ ލަނޑު ޖެހީ، މެޗުގެ 82 ވަނަ މިނެޓްގަ އެވެ. ނިއުގެ ތިން ވަނަ ލނޑަކީ ވެލެންސިއާގެ މުހައްމަދު ޝިފާން (ކުޑައްޓޭ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނިއުގެ ހަތަރު ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭނާ ހެޓްރިކު ހެދީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ.

ލީގް ޗެމްޕިއަންކަން ނިއު އިން ހޯދިއިރު އެ ޓީމަށް ބާކީ ދެ މެޗު އެބައޮތެވެ. އެއީ ވާދަވެރި ޓީސީ އާއި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. ނިއު އެއް ވަނައިގައި އޮތީ 10 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ. ނިއު އަށް 31 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް މާޒިޔާއަށް 21 ޕޮއިންޓެވެ.