ނުވަދިހައިގެ ފަހުކޮޅުން ފެށިގެން މަޝްހޫރުވި އެމެރިކާގެ ސިޓްކޮމް ސީރީޒް "ފްރެންޑްސް" ގައި މޮނިކާ ގެއްލާގެ ރޯލުން ފެނިގެންދިޔަ ބަތަލާ ކޯޓްނީ ކޮކްޒް އާއި ލަވަކިޔުންތެރިޔާ ޖޯނީ މެކްޑެއިޑް އަންނަ ޖުލައި މަހުގެ ފަހުކޮޅު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބްރިޓެއިންގެ ހީޓް މެގަޒިނުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ޓެބްލޮއިޑް ޑެއިލީ މެއިލް އިން މިއަދު ރިޕޯޓް ކުރި ގޮތުގައި ކޯޓެނީގެ ކައިވެނީގައި އޭނާގެ ބްރައިޑް އޮފް އޮނާއަކަށް ހުންނާނީ ޖެނިފާ އެނިސްޓަން އެވެ. ޖެނިފާއަކީ "ފްރެންޑްސް" ސީރީޒްގައި ކޯޓެނީއާކެކު ރޭޗަލް ރޯލުން ފެނިގެންދިޔަ ބަތަލާ އެވެ. އެ ސީރީޒް ފެށުނު ހިސާބުން ފެށިގެން ވެސް އެ ދެ މީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.
ކޯޓެނީ ވަނީ ޖެނިފާގެ ކުރިން ކުރި ކައިވެންޏެއްގައި އޭނާގެ މެއިޑް އޮން އޮނާކަން ކޮށްދީފަ އެވެ. އެއީ 2011 ވަނަ އަހަރު ޖެނިފާ، އެކްޓަރު ޖަސްޓިން ތޫރެކްސްއާއި ކައިވެނި ކުރިއިރުގަ އެވެ.
ކޯޓްނީ އާއި ޖޯނީ ރައްޓެހިވީ 2013 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އެ ދެ މީހުން ވަނީ އެންޖޭޖުވެސް ވެފަ އެވެ. ކައިވެނި ކުރަން ނިންމާފައި މި ވަނީ އޭގެ ހަތަރު އަހަރު ފަހުންނެވެ. ރިޕޯޓުތައް ބުނާގޮތުން މި ދެމީހުން ކައިވެނި ކުރާނީ އުތުރު އައިލޭންޑުގައި އެ ދެމީހުން މިހާރު ގަނެފައިވާ ގެއެއްގަ އެވެ.
މީގެ ކުރިން އެހެން މީހަކާއި އިނދެގެން ކޯޓެނީގެ އަންހެއް ކުއްޖެއްވެސް އެބަހުއްޓެވެ. އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނީ އެކްޓާ ޑޭވިޑް އާކެޓްއާ އެވެ. އެއްކޮށް 12 އަހަރު އުޅުމަށްފަހު އެ ދެމީހުން ވަރިވީ 2011 ވަނަ އަހަރު އެވެ. ޑޭވިޑްގެ ކުރިންވެސް ކޯޓްނީ ހަތަރު މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ.