ހަބަރު

އީދަށް ހަނދު ބެލުން އަންނަ ހަފުތާ ބުދަ ދުވަހު!

Jun 4, 2018
2

މި އަހަރުގެ ފިތުރު އީދަށް ހަނދު ސާބިތު ކުރުން އަންނަ ހަފްތާ ބުދަ ދުވަހު އޮންނާނެ ކަމަށް ޑީޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑް މިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އިއުލްންކޮށްފި އެވެ.

ޑީޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެހެން އަހަރުތަކާ އެއްފަދައިން މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާ ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިމަަތީގައި ކަމަށާއި އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއް ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސް ހިންގުމާ ހަވާލުވެ ހުންނަވާ މީހެއްގެ ކުރިމަތީގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެގޮތުން އަންނަ ހަފްތާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓޫތަކާއި ސިޓީ ކައުންސިލް އިދާރާތަކާއި އަވަށު އޮފީސްތައް ހުޅުވާފައި ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ޝައްވާލު މަހުގެ ހަނދު ފެންނަ ބަޔަކު އެއިން ތަނަކަށް ހާޒިރުވުމަށް ފަހު ހަނދާ ބެހޭ މައުލޫމާތު ދޭން ޖެހޭނެ ކަމަށާއި އެގޮތުން ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތު ދޭން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ހެކި ބަސް އަދާ ކުރާ ފަރާތްތަކަށް އައުމާއި ދިޔުމުގެ ޓެކްސީ ހަރަދު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.