ހަބަރު

ރައީސް އޮފީހުން ހުރިހާ ހަރަދުތަކެއް ކުރީ ރަނގަޅަށް: އޮޑިޓް

މިދިޔަ އަހަރުގެ ތެރޭގައި ރައީސް އޮފީހުން ހުރިހާ ހަރަދުތަކެއްކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަކަށް ކަމަށް އޮޑިތާ ޖެނެރަލްގެ އޮފީހުން އާންމުކުރެއްވި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުން އިއްޔެ އާންމު ކުރި ރައީސް އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ނިމުނު އިރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައިސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއާއި ނައިބުގެ ރަސްމިގޭގެ މާލީ އަހަރުގެ ހަރަދުތައްކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގްސަދު ހާސިލުވާ ގޮތަށް ކަމަށެވެ. އެގޮތުން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަކަށްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައިސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއާއި ނައިބުގެ ރަސްމިގޭގެ މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގައި ބަލަހައްޓާފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ހުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރައީސް އޮފީހަށް ފާސްކޮށްދިނީ 144.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން، 139.10 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެހެންކަމުން މިދިޔަ އަހަރު ނިމުނު އިރު ރައީސް އޮފީހުގެ ބަޖެޓްގައި ހަރަދު ނުކޮށް، 4.6 މިލިއަން ރުފިޔާ ބާކީ އޮތެވެ.