އޮފްބީޓް

"ޑާންސިން އަންކަލް" އިންޓަނެޓް ފަތަހަކުރަނީ

ދޭތެރެއަކުން ޝޯޝަލް މީޑިއާގައި ތަފާތު ވީޑިއޯތައް ވައިގައި ހިފަ އެވެ. އަނެއްކާވެސް މިވީ މި ކަހަލަ ކަމެކެވެ. މިހާރު ޝޯޝަލް މީޑިއާގައި ވަކިހިއްޕާލަމުން އަންނަނީ "ޑާންސިން އަންކަލް" އެކެވެ. ދެބައި އުމުރުގެ މި ފިރިހެން މީހާ ބޮލީވުޑްގެ ތަފާތު ލަވަތަކަށް ނަށާލާއިރު ލައްވާލާ ބަނޑިތަކުން މީހުން ވަނީ އާޝޯހުވެފަ އެވެ.

ސަންޖީވް ސްރިވާސްތާވް، 46، ކިޔާ މި މީހާއަކީ އިންޑިއާގެ ބޯޕާލްގެ ކޮލެޖެއްގެ ކަމަށްވާ ބާބާ އިންޖީނިއަރިން ރިސާޗް އިންސްޓުޓޫޓްގައި އެއިސްޓެންޓް އިލެކްޓްރޯނިކް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ވައިގައި ހިފާފައިވާ ސަންޖީވް ނަށާ ވީޑިއޯއަކީ އޭނާގެ އަންހެނުންގެ ކޮއްކޮގެ ކައިވެނީގެ ހަފްލާއެއްގައި ނަށާ ވީޑިއޯއެކެވެ.

އެންމެ ފުރަތަމަ ވައިގައި ހިފީ ގޯވިންދާގެ ލަވައަކަށް އޭނާ ނެށި ވީޑިއޯ އެވެ. ފަހުން ވަނީ އޭނާ އެކި ލަވަތަކަށް ނަށާފައިވާ ވީޑިއޯތައްވެސް ދައުރުވާން ފަށާފަ އެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކަކަށް މި ވީޑިއޯ ފެނި އެމީހުންގެ ތައުރީފުވެސް އޭނާއަށް އަންނަނީ ލިބެމުންނެވެ.

"ޑާންސިން އަންކަލް" އަށް އެންމެ ބޮޑު ސަމާލުކަން ލިބުނު ވީޑިއޯ.

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ގޯވިންދާވެސް ވަނީ ސަންޖީވްއަށް ތައުރީފުކޮށްފަ އެވެ. އޭނާއަށް ތައުރީފުކޮށްފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި އަނުޝްކާ ޝަރްމާ، އަރްޖުން ކަޕޫރް އަދި ޝިވްރާޖް ސިންހް ޗޯހާން ހިމެނެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސަންޖީވް ބުނީ މި ވީޑިއޯ ވައިގައި ހިފި ފަހުން އޭނާގެ ފޯނު ހުއްޓާނުލާ ރިންގުވަމުން އަންނަ ކަމަށެވެ. ތަފާތު ހަފްލާތަކަށް ނަށަންދިއުމަށް އޭނާއަށް ދައުވަތު ލިބެމުން އަންނަ ކަމަށްވެސް ބުންޏެވެ.