ރިޕޯޓް

ރީތިކަން ވެލިން ފޮރުވައިގެން ލިބޭނެ ރީއްޗެއް ނެތް!

"ކުދި ޖަޒީރާ ރަށްތަކޭ މިއީ ދިރިއުޅޭ" އަހަރެމެން އަބަދުމެ ފަހުރާއެކު ބުނާ ވާހަކައެކެވެ. އެ ވާހަކައިން ބުނެދެނީ ކުދި ރަށްތަކެއްގައި އުޅެން ޖެހުމަކީ އަހަރެމެންގެ ފަހުރެއް ކަމެވެ. އެ ރަށްތަކަކީ އަހަރެމެންގެ ފަހުރު ކަމެވެ. އެ ރީތި ކަމަކީ އަހަރެމެންގެ ޝަރަފު ކަމެވެ. އެ ޖަޒީރާ ކަމީ އަހަރެމެންގެ އަސްލު ކަމެވެ. މި ޖަޒީރާކަން އިންޑިއާގެ މާސިންގާ ކަނޑުގައި އަތުރާލާފައިވަނީ ގުދުރަތުގެ އެންމެ ފުރިހަމަ ނިޒާމްގެ ތެރެއިންނެވެ. އެކަމަކު މިހާރު އަހަރެމެންނަށް އެންމެ ގަދައަށް ކުރެވޭ ކަމަކަށްވެފައި މިއޮތީ އެ ފުރިހަމަ ނިޒާމްގެ ތެރެއަށް ހައިމާކެއްގެ ދަތްގަނޑު ކޮށްޕާލުމެވެ. އަހަރެމެންގެ އަމިއްލަ އެދުމެއްގެ ބޮޑުކަމުންނެވެ.

އަހަރެމެން މިވަނީ ތަރައްގީ ބޭނުންވެފަ އެވެ. ޖަޒީރާކަން ދޫކޮށްލާފަ ވެސް ބޭނުން ވަނީ ކޮންކްރީޓް ތަރައްގީ އެވެ. އުޅެން ބޮޑެތި ބިންތަކެވެ. އަގު ބޮޑެތި ގިނަ ރިސޯޓްތަކެވެ. މިކަމަށް ގުރުބާން ކުރަން ޖެހެނީ ރަށްރަށުގެ ފަޅުތަކާއި އަތޮޅުތަކުގައި ރަށްތަކުގެ މެދުގައި ހުރި ޗާލު ބޮޑެތި ފަޅުތަކެވެ.

އެއާޕޯޓްތައް އެޅުމަށާއި ރިސޯޓްތައް ހެދުމަށް ރާއްޖޭގެ ފަޅުތައް ހިއްކާ މިންވަރު މި ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. ތިނަދޫ، މ. މުލި، ށ. ކޮމަންޑޫ، ކ. ހުރާ ފަދަ ރަށްތަކުގެ ފަޅަކީ މިހާރު ކުރީގެ ފޮޓޯގަނޑަކުން ނޫނީ ކުރީގެ ހަނދާނަކުން ނޫނީ އާވާނެ މަންޒަރެއް ނޫނެވެ. އެތައް ގިނަ ދިރޭ ތަކެއްޗެއްގެ ގެ ކަމަށްވާ އެ ފަޅުތަކަށް ވެލި އަޅާ ވަނީ ފޮރުވާފަ އެވެ. ރަށުގެ ބިން ފުރި އިތުރު ގެދޮރު އެޅުމަށް ބިން ހޯދުމަށެވެ. އަހަރެމެންގެ އަމިއްލަ ބޭނުމަށެވެ.

ދިރިއުޅޭނެ ގޮތް ހޯދުމާއި ދިރިއުޅޭނެ ތަން ހޯދުމަށް މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތައް ގުރުބާން ކުރަން ޖެހޭ ވާހަކައަކީ ކޮންމެ ވެސް ވަރަކަށް ފަރުޖައްސާލެވޭނެ ކަމެކެވެ. އެކަމަކު، ކ. ރަށްފަޅުހުރާގެ ފަޅު، އެނބޫދޫފަޅު، މަނިޔަފަރު ފަޅު، އަދިވެސް ވިޔަފާރީގެ ބޭނުމަށް އިތުރު 20 ފަޅެއް ހަމަ ހިއްކަން ޖެހޭބާވަ އެވެ؟ އަތު ޖެހުނު ފަޅެއް ވިއްޔާ ވެލި އަޅާ ފޮރުވާލުމަކީ ކިހާވަރެއްގެ ކަމެއްބާވަ އެވެ؟

ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ ޒުވާނެއް ކަމަށްވާ އާދަމް އަބްދުﷲ ބުނީ، ފަޅުތައް ހިއްކަމުން ދިޔުމަކީ އޭގެން އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ވަމުންދާ ކަމެއް ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު އެއްކޮށް ބައިޑައިވާސިޓީއަށް ބަރޯސާވެފައި އޮންނައިރު ފަޅުތައް ހިއްކުމާއެކު ބައިޑައިވާސިޓީ ގެއްލިގެންދާ ކަމަށެވެ. ފަޅުތައް ހިއްކާއިރު ވެސް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަމުން ނުދާތީ ހިއްކާ ފޮރުވާލާ ފަޅުގެ އިތުރުން ކައިރީގައި ހުރި އެހެން ފަރުތަކާއި ޑައިވިން ސައިޓްތަކަށް ވެސް ގެއްލުންވަމުންދާކަން އޭނާ ފާހަގަކުރި އެވެ. މިހާރު ވެސް ހިއްކާފައިވާ ބައެއް ފަޅުތައް ކައިރީގަ ހުރި ފަރުތަކުގެ މުރަކަތަކަށް ކިސަޑުގެ އަސަރުކޮށް އޭގެ ދިރުން ވަނީ ނެތިގޮސްފަ އެވެ.

ތިމާވެށީ ދާއިރާގެ ބޭފުޅެއް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގެ ފަޅުތައް ހިއްކަމުން ދަނީ އޭގެން އެންމެ ބޮޑު ގެއްލުން ކުރިއަށް އޮތްތާ ކުރާނެ ގޮތަށެވެ. ވިޔަފާރީގެ ގޮތުން ފައިދާވާނެތީ، މާލެ ކައިރީގައި އޮތް ހުރިހާ ފަޅެއް ހިއްކަމުންދާއިރު އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި ފަޅެއް ހިއްކަން ވާނީ އެ ނޫން އެހެން ގޮތެއް ނެތް ހާލަތެއްގަ އެކަންޏެވެ. ސަބަބުތައް ގިނަ އެވެ. މުހިންމެވެ.

ފަޅުތައް މި ހިއްކަނީ އެންމެ ބޭނުމެއްގަ އެވެ. ރިސޯޓް ހަދާ، ޓޫރިސްޓުން ގެންނާށެވެ. އެ ޓޫރިސްޓުން ރާއްޖެ އަންނަނީ މާލޭގެ މޫނު މަތި ބަލަން ތިބޭކަށް ނޫނެވެ. އެންމެ ބޮޑު ބޭނުމަކީ ކަނޑުއަޑީގެ ރީތި ކުލަވަރު ބެލުމެވެ. އެ ކުލަވަރު އަހަރެމެން ފުހެލާފައި ދެން ޓޫރިސްޓުންނަށް ދައްކާނީ ކޮން އެއްޗެއް ހެއްޔެވެ. ހުރިހާ ފަޅެއް ހިއްކައި، ކައިރީގައި އޮތް ފަރެއް ނޫނީ ޑައިވިން ސައިޓްތައް ކިސަޑުން ފުރިފައިވާ ތަން ހެއްޔެވެ؟

މި ކަންބޮޑުވުމަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ވެސް ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ. މަޓީން ބުނެފައިވާ ގޮތުގައި ފަޅުތައް ހިއްކުމަކީ ރާއްޖޭގެ ރީތިކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. ބައެއް ފަޅުތައް ހިއްކަމުންދާތީ އޭގެ ނޭދެވޭ އަސަރު މިހާރު ވެސް ކުރަމުންދާ ކަމަށެވެ. ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ފަޅު އެއްވެސް ބޭނުމެއް ނުކޮށް ބޭއްވުމުގެ މުހިންމުކަން ވެސް އެ ޖަމިއްޔާއިން މީގެކުރިން ފާހަގަކޮށްފައިވެ އެވެ.

ޓޫރިޒަމަށް ލިބޭނެ ގެއްލުން އެއްކައިރިކޮށްލައި މަސްވެރިކަމާ ބަލާއިރު ވެސް މުޅިން ގެއްލުމެވެ. ކަމުގެ ތަޖުރިބާކަރެއް ބުނި ގޮތުގައި ފަޅުތައް ހިއްކުމުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރެ އެވެ. އެތެރެވަރީގެ ކަނޑުތަކުން އެންވެރިކަން އިހުންސުރެ މަސްވެރިން ކުރަމުން އަންނައިރު އެފަދަ ބައެއް ސަރަހައްދުތައް ކިލަނބުވެ އެންވެރިކަން ނެތުމުންދާކަން މަސްވެރިން ފާހަގަކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކ. އަތޮޅުގެ އެތައް ފަޅެއް ފުނޑާލަމުންދާއިރު އެއީ ތިމާވެށީގެ ކިހާ ބޮޑު ތޫފާނެއްކަން މިހާރު ވެސް ދަނީ ސިފަވަމުންނެވެ. މާލޭ ކައިރި ސަރަހައްދުތައް ހިއްކުމަށް އެންމެ ގިނައިން ވެލި ނަގަމުން ދަނީ ގިނަ ޑައިވިން ސައިޓްތަކެއް ކައިރީގައި އޮންނަ ގިރާވަރު ސަރަހައްދުންނެވެ. މިކަމާހުރެ ވަރަށް ޗާލު، މަޝްހޫރު ޑައިވިން ސައިޓްތައް ކަމަށްވާ އެނބުދޫ އެކްސްޕްރެސް، ކުޑަހާ، ވާދޫ ކޭވްސް ފަދަ އެތައް އެތައް ޑައިވިން ސައިޓެއް ވަނީ މަރުގެ ތުންފަތްމަތީގަ އެވެ. މިއީ އަހަރެމެންނަށް މިބުނާ ތަރައްގީއަށްޓަކައި ގުރުބާން ކުރަން ހެޔޮވާވަރަށްވުރެ ގުދުރަތީ މާބޮޑު ނިއުމަތްތަކެވެ.

އަހަރެމެންގެ އަމަލުތައް މިހެން ހުރިއިރު މިސްރާބު ހުރީ ތައިލެންޑް ދިޔަ މިސްރާބަށެވެ. ތައިލެންޑަށް ލިބުނު ބޮޑު ލަނޑު އަހަރެމެންނަށް ކައިރި މުސްތަގުބަލެއްގައި ލިބުން ވަރަށް ގާތެވެ. ތައިލެންޑަށް ގޮސް ޓޫރިސްޓުން އެތައް ހާސް ޑޮލަރެއް ހޭދަކުރަނީ މައިގަނޑު އެންމެ ސަބަބެއް އޮވެގެންނެވެ. އެ ގައުމުގެ ކުދި ޖަޒީރާ ރަށްތަކުގެ ސަބަބުންނެވެ. އެ ރަށްތައް ވަށައިގެންވާ މުރަކައިގެ ރީތިކަމުގެ ސަބަބުންނެވެ. އެތަނަށް ފީނާލައި އެ ގުދުރަތުގެ އަޖައިބު ދެކިލުމަށެވެ. އެކަމަކު ތަރައްގީއަށް ފެން ބޮވައިގަނެ، ފައިސާގެ ދަހިވެތިކަން އިންތިހާއަށް އިތުރުވުމުގެ ނަތީޖާއަކަށްވީ، ގުދުރަތުގެ އެ ރީތިކަމަށް ސަމާލުކަން ނުދެވުމެވެ. ނަތީޖާއަކަށްވީ، ރަށްތަކުގެ ވަށައިގެން ހުރި ރީތި މުރަކަތައް މަރުވެ ނެތިގެން ދިޔުމެވެ. ޔޫން އައިލެންޑް، މާޔާބޭ ފަދަ ރީތި ރަށްތައް ހިމާޔަތް ކުރެވޭނެ އިތުރު ގޮތެއް ނެތުމުން އެންމެފަހުން އެތަންތަން ޓޫރިސްޓުންނަށް ބަންދުކުރާ ހިސާބަށް ވެސް ކަންތައް ވަނީ ގޮސްފަ އެވެ.

އެ މަގުން އަހަރެމެން ވެސް ހިނގަމުން ގޮސް އިމާރާތްތަކުގެ ތަރައްގީގެ ތެރެއަށް ވެއްޓިގަނެ، ހިނދުކޮޅެއްގައި މާލީ ފައިދާއަށް އަހަރެމެންގެ ޝަރަފު ކަމުގައިވާ ޖަޒީރާވަންތަކަން ދޫކޮށްލުމަކީ ފަހުން ފުން ހިތާމަކުރަން ޖެހޭނެ ކަމެއްކަން ކަށަވަރެވެ. ޓޫރިސްޓު ކިތަންމެ ހިތްގައިމު ރިސޯޓްތަކެއް އެޅިޔަސް އެމީހުން ގަޔާވާ މަންޒިލުތައް ރޫޅާލައިފިނަމަ އެމީހުން ދޭނީ ފުރަގަހެވެ. އެންމެ ރަނގަޅު ގޮތަކީ ވަގުތު އޮތްވާ ވިސްނުމެވެ. ސަރުކާރަށް އާމްދަނީ ވަންނާނެ ގޮތެއް ނޫނީ ވިޔަފާރިވެރިންގެ ޖީބްތައް އަވަހަށް ފުރޭނެ ގޮތް ދޫކޮށް މުސްތަގުބަލްގެ ދިވެހިންނާމެދު ވިސްނާލުމެވެ. ތިމާވެށީގެ ދުވަހު މިއީ ވިސްނަން މިހާރު އޮތް އެންމެ ރަނގަޅު މައުލޫ އެވެ.