ރިޕޯޓް

މި ރީތިކަން ފެންނާނެ އިތުރު ތަނެއް ނޯންނާނެ!

ހިތްގައިމުކަމާއި ރީތިކަމާއި އަޖައިބުކަން ހޯދަން އަހަރެމެން އެތައް ހަރަދެއްކޮށް ބޭރުގެ ކަރަކަރައަށް ފުރައިގެން ދަމެވެ. އެހެން ފުރައިގެން ދާއިރު ބޯޓުގައި އިނދެ ތިރި ބަލާލާއިރު ފެންނަނީ ދާން އޮތް ހިތްގައިމު ކަމަށްވުމަށް މާރީތީ ގުދުރަތީ ބަގީޖާތަކެވެ. އެ ބަގީޖާތައް މަތިން ފެންނައިރު މުތްތަކެއްހެން ހީވާއިރު އޭގެ ތެރޭގައި އެ އިހްސާސްތައް އަދި ކިހާ ފުރިހަމަވާނެ ހެއްޔެވެ؟

ކައިރީގައި ހުންނަ އެއްޗަކަށްދޭ ސަމާލު ކަމަށްވުމަށް ދުރުން ވިދާހެންހީވާ އެއްޗަކަށްދޭ ސަމާލުކަން ބޮޑުވާނެ މީހުން ބުނެ އުޅެ އެވެ. އަހަރެމެން، ދިވެހިންނަށް ވެފައި މިތިބީ މިހެނެވެ. ދިރިއުޅެމުން މިދާ ކުދި ޖަޒީރާތަކުގެ ހިތްގައިމުކަމުގެ މަތިން މިތިބީ ހަނދާން ނެތިފަ އެވެ. އެ ގުދުރަތީ ރީތިކަމުގެ އިހްސާސްކުރުމުގެ ވިސްނުމެއް ނެތެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މި ކުޑަ ރާއްޖޭގައި "އެކްސްޕްލޯ" ކުރާނެ އެތައް ތަނެއް އެތައް ރަށެއް އެބަ އޮތެވެ. އަންތަރީސްވެ ދެލޯ ބޮޑުވާފަދަ ގުދުރަތީ ޗާލުކަން އިންތިހާއަށް އެބަ އޮތެވެ.

ރަށްރަށުގައި ހުންނަ ކަނޑޫފާ، ކުޅި، ޗަސްބިން ފަދަ ތަންތަނަކީ އަހަރެންގެ ހިތް އަބަދުވެސް އެންމެ ބޮޑަށް އެއަށް ދަމައިގަންނަ ތަންތަނެވެ. އެ ތަންތަނަށް ގޮސް، އެ ގުދުރަތީ އަޖައިބާއެކު ވަގުތު ހޭދަކުރުން އެއީ އެންމެ ބޮޑު އުފަލެވެ. އެތައް ވަގުތެއް ހޭދަކުރިޔަސް އެއީ ފޫހިނުވާނެ ތަންތަނެވެ. ހޯދަންޏާ ހޯދާނެ އެތައް އެއްޗެކެވެ. އެތައް ބާވަތެއްގެ ގަސްގަހާ ގެއްސެވެ. ފެހިކަމުން ވަށާލާފައިވާއިރު ބޯމަތީ ދޫނިތަކެވެ. ހިނގަން އޮތް މަގުގައި ފެނެވެ. އެފަދަ ތަނެއްގައި ހުރެ ކުރެވޭ އިހުސާސް އެއީ ބަޔާންކުރަން ވަރަށް އުނދަގޫ އިހްސާސެކެވެ. އާޝޯހުވެފައި އަނގަ ހުޅުވިފަ ހުރުން ނޫން ކަމެއް ކުރަން ވަރަށް ދައްޗެވެ.

އެފަދަ ހިތްގައިމުކަމުގެ ތެރެއަށް ޒިޔާރަތްކުރުމުގެ ޝައުގު ބޮޑުކަމުން އަބަދުވެސް "ޓް ޑޫ ލިސްޓް" ގައި ދާން ބޭނުންވާ ރަށްތަކުގެ ނަންތައް ފަލަ އަކުރުން ލިޔެގެން ގެންގުޅެމެވެ. އެ ލިސްޓްގެ އެންމެ މަތީވާ ރަށްތަކުގެ ތެރެއިން މިހާތަނަށް ދެވުނީ ހދ. ކޭލަކުނަށް އެކަންޏެވެ.

އެއީ އަޖައިބެއް ކަހަލަ ރަށެކެވެ. ބޮޑިމިނުގައި 80.23 ހެކްޓަރު ހުންނަ އެ ރަށަކީ ރާއްޖޭގައި ހަމައެކަނި "ޓްރޫ ފޮރެސްޓް"، ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ރަށަށެވެ. އެ ފޮރެސްޓަށް ގޮސް ކަނޑޫފަލުގައި ހިނގާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެއަށްވުރެ ވަރުގަދަ އެޑްވެންޗާއެެއް މި ރާއްޖޭގައި ނޯންނާނެ އެވެ. އެއީ ބަރު ގަހުގެ ބިޔަ ޖަންގައްޔެކެވެ. ފުޅާމިނުގައި 50 ސެންޓިމީޓަރު އަދި ދިގުމިނުގައި 15 މީޓަރު ހުރި ބަރު ގަސް އެތާ ހުރެ އެވެ. އެއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތިމާވެށީގެ މުހިންމު ތަނެކެވެ. މުޅި އެ ޖަންގަލީގެ ބޮޑުމިން 10 ފުޓްބޯޅަ ދަނޑުވަރުވެ އެވެ.

މިއީ އެ ރަށުގެ ހަމަ ވަރަށް ކުޑަ މިންވަރެކެެވެ. އައިޖެއް ނުވޭ ހެއްޔެވެ؟ މިއީ ހަމަ މި ރާއްޖޭގައި އޮތް ތަނެއްތޯ ހިތަށް ނާރާ ހެއްޔެވެ؟

ދެން އޮތީ ލިސްޓްގެ ދެވަނަ އެވެ. އަދި ދާން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ރަށުގެ ފޮޓޯތަކާއި ވީޑިއޯތަކުން މިހާރު ވެސް ވަނީ ހިތްފުރިފަ އެވެ. ދެވިއްޖެނަމަ އަދި ވާނެ ގޮތެއް ނޭނގެ އެވެ. އެ ރަށަކީ ގދ. ދިގު ލާބަދޫ އެވެ. އެ ރަށަކީ ގދ. ގައި އެއާޕޯޓެއް އެޅުމަށް ފުރަތަމަ އިހްތިޔާރުކުރި ރަށެކެވެ. އެކަމަކު އެ ރަށް ނެތިކޮށްލަން އެ އަތޮޅު މީހުން ވެސް ބޭނުން ނުވާތީ އެ ހިޔާލު ދޫކޮށްލީ އެވެ. ނަސީބެކެވެ.

ދިގު ލާބަދޫއަކީ ރާއްޖޭގައި ކުޅި އޮތް ރަށްތަކުގެ ތެރޭގައި އަދާޔާ ހިލާފަށް ރީތި ރަށެކެެވެ. އެ ރަށުގެ ކުޅިއަކީ ރީތި ކަމުގެ ނަމޫނާ އެކެވެ. ރަށުގެ ހިތްގައިމުކަން އަދި މާބޮޑެވެ. އެ ރަށުގައި ކޭމްޕްކޮށް ޕިކްނިކް ހެދުމަކީ ވަރަށް ގިނަ މީހުން ޝައުގުވެރިވާ ކަމެކެވެ.

ހއ. ކެލާ! ވަރަށް ޗާލު ބީޗެއް އޮންނަ ވަރަށް ޗާލު ރަށެކެވެ. އެވަރުގެ ބީޗެއް ހޯދަން ވަރަށް އުނދަގޫވާނެ އެވެ. އެހާ ހުދުކަން ބޮޑެވެ. ގޮސް ސަކަރާތް ޖަހާލަން އެއީ ހަމަ މަރެއް ފަދަ ބީޗެކެވެ. ބީޗްގެ ވާހަކައިން ކެލާގެ ވާހަކަ ނުނިމެ އެވެ. އެ ރަށުގެ ބޮޑު ކަނޑޫފާ ވެސް އަދި އޮތީ އެވެ.

އެއްވަރަކަށް ހެދިފައިހުރި ކަނޑޫފަލުގެ ގަސްތަކާއެކު އެއީ ހަމަ އަޖައިބެއްފަދަ ތަނެކެވެ. އެއް ފަހަރު ގޮސްފިތަ ދެވަނަ ފަހަރު ވެސް ދާނެ މުޖައްރިބެވެ.

ދެން ށ. މިލަންދޫގެ ވާހަކަ ދައްކަމާ ހެއްޔެވެ. މިއީ ވެސް "އެކްސްޕްލޯ" ކުރަން ހަމަ ވަރަށް ޗާލު ރަށެކެވެ. މިލަންދޫއަކީ ފާތަކާއި ކުޅިއެއް އޮންނަ ހިތްގައިމު ރަށެކެެވެ. ސިކުނޑި ކުޅި، ބަރަވެލި ފާ، މާ ފާ، ރަށް ކުޅި ފާ، މާކޯ ފާ ފަދަ ތަންތަނަށް ގޮސްލަން މި ރަށުގައި ލިބޭނެ އެވެ. އެނގޭ ހެއްޔެވެ؟ މިލަންދޫގެ ސިކުނޑި ކުޅީގައި ވަރަށް ތަފާތު ދިރޭ އެއްޗެއް އުޅެ އެވެ. އެ ރަށު މީހުން އެއަށް ކިޔަނީ ސިކުނޑި އެވެ. ކުޅީގެ ނަން ވެސް ނިސްބަތްވަނީ އެއަށެވެ. އެ ރަށު ބައެއް މީހުން ހިފައިގެން ގެއަށް އެ ގެންގޮސްގެން ވެސް އުޅެ އެވެ.

އެންމެފަހުން އުފެއްދި ސިޓީ، ފުވައްމުލައް ސިޓީއަކީ ދިޔުން މަޖުބޫރު ތަނެކެވެ. އެ ސިޓީގެ ބަންޑާރި ކުޅި އާއި ދަޑިމަގު ކުޅިއަކީ ގުދުރަތީ ޖާދޫއެކެވެ. ދެން ވެސް ރީތި ކުޅިއެއް ބަލާލަން ބޭނުންނަމަ ހއ. ބާރަށް، ހދ. ފިނޭ، ހދ. ނޭކުރެންދޫ، ކ. ހުރާ ފަދަ ރަށްތަކަކީ ހަމަ ލިސްޓްގައި ހިމަނަން ޖެހޭ ރަށްތަކެވެ.

އަދިވެސް ވަރަށް މުހިންމު ރަށެއް އެބަ އޮތެވެ. ހިޔާމަތްކޮށް ރައްކާތެރި ވެސް ކޮށްފައިވާ ރަށެކެވެ. އެއީ، ބ. އޮޅުގިރި އެވެ. ރަށަކީ ވަރަށް އަދާޔާ ހިލާފު ޗާލު ރަށެކެވެ. ތަފްސީލަށް ދާނަމެވެ. އޮޅުގިރިއަކީ އަދާޔާ ހިލާފަށް ގިނައިން ހޯރަ އަރާ ރަށެކެވެ. ކާށިދޫ ކަނޑު ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށެކެވެ. ޒަމާންވީ ބޮޑެތި ގަސްތައް ހުރި ރަށެކެވެ. ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮންނަ ރަށެކެވެ. ވެލާ ވެސް އެހާ ގިނައިން އަރާ ރަށެކެވެ. ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ކަމެއް ލިބިފައިވާ ރަށެކެވެ. މިވަރުން ދެން ފުއްދާލާނީ އެވެ. ދާހިތްވެއްޖެ ނޫން ހެއްޔެވެ؟

ގިނައިން ދޫނި ފެންނާނެ ރަށަކަށް ލ. ގާދޫ ވެސް ވާނެ އެވެ. އެ ރަށުގެ ހިތްގައިމު ކަމާއި ދޫނިތަކުގެ ފަރިކަން ދެކިލުން ވެސް ގޯހެއް ނުވާނެ އެވެ.

މިހެން ލިސްޓް ވަރަށް ދިގު ލައިގެން ދާނެ އެވެ. އެހެންވެ ލިސްޓްގެ އެންމެ ކުރީގަ ހުރި ރަށްތައް ފާހަގަކޮށް މިހާ ހިސާބުން ކުރުކޮށްލާނީ އެވެ. އޮތީ އެންމެ ވާހަކައެކެވެ. މިކަމާ އުޅެން ހިނގާށެވެ.