ހަބަރު

އިންޑިއާ ހެލިކޮޕްޓަރުތަކުގެ ބަދަލުގައި ބޭނުމީ ސާވައިލަންސް އެއާކްރާފްޓެއް: ޑިފެންސް މިނިސްޓަރު

އިންޑިއާ ސިފައިން ދިވެހި ސިފައިންއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ބަދަލުގައި ސާވައިލަންސް އެއާކްރާފްޓެއް ހޯދުމަށް ކުރިން ވެސް އެދިފައިވާނެ ކަމަށާއި ދެ ހެލިކޮޕްޓަރު ފޮނުވާލަން އެދިފައި ވަނީ އެހެންވެގެން ކަމަށް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރި ދެވަނަ ހެލިކޮޕްޓަރު ވެސް އަނބުރާ ފޮނުވާލަން އަންގާފައިވާ ކަމަށް ބުނެ އިންޑިޔާގެ ނޫސްތަކުގައި މިއަދު ހަބަރުތައް ފެތުރިފައި ވަނިކޮށެވެ. އެގޮތުން ލ. އަތޮޅުގައި އޮންނަ ހެލިކޮޕްޓަރުގެ ލެޓާ އޮފް އެކްސްޗޭންޖުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރު ނުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށާއި ދެ ހެލިކޮޕްޓަރު ވެސް ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދިޔުމަށް އަންގާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އިންޑީޔާގެ ހެލިކޮޕްޓަރުގެ ބަދަލުގައި ޑޯނިއާ މެރިޓައިމް ސަވައިލެންސް މަތިންދާ ބޯޓެއް ހޯދުމަށް ކުރިން ވެސް ރާވާފައިވާ ކަމަށެވެ. އަދި ލެޓާ އޮފް އެކްސްޗޭންޖުގެ މުއްދަތު އިތުރު ނުކުރީ ވެސް އެ ސަބަބާ ހެދި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ދިވެހި ސަރުކާރުން އެކަމާ މެދު ވަނީ ކަންބޮޑުވެފަ އެވެ. އެ މީހުން އަންނަނީ ދިވެހި ސިފައިންއަށް ވެސް ހެލިކޮޕްޓަރުގެ ތަމްރީންތައް ދެމުން އެވެ.

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ބޭނުން ކުރަމުން އަންނަނީ އަތޮޅުތަކުން ބަލިމީހުން މާލެ ގެނައުމަށާއި ގެއްލޭ ދޯނިފަހަރު ހޯދުމަށް، އަދި ބައެއް ފަހަރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ.