ހަބަރު

ޕްލާސްޓިކުން ވެށި ހިމާޔަތްކުރަން ސަރުކާރު ވަނީ ނުކުޅެދިފައި: ޖަމިއްޔާތައް

ތިމާވެށި ހިމާޔަތްކުރުމަށް ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ސިޔާސަތު ކަނޑައަޅާ ތަންފީޒު ނުކުރުމަކީ މުސްތަގުބަލުގައި ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކުން ބުނެފި އެވެ. އެ ޖަމިއްޔާތަކުން ބުނީ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.

ޖަމިއްޔާތަކުން މިހެން ބުނީ ނެރުނު ގުޅިފައިވާ ނޫސް ބަޔާނެއްގަ އެވެ. އެއީ 14 ޖަމިއްޔާއަކުން ނެރުނު ބަޔާނެކެވެ. އެ ޖަމިއްޔާތަކަކީ ބިލީފް، ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ، އުތެމާ، އެކޯކެއާ މޯލްޑިވްސް، އައްޑޫ ވިމެންސް ޑެވެލޮޕްމެންޓް އިނިޓިއޭޓިވް، ސްމޯލް އައިލެންޑް ރީސާރޗް ގްރޫޕް، ވޮއިސް އޮފް ވިމެންސް، މާޅޮސް އެވެއާނަސް އެންޑް ރެކްރިއޭޝަން ސޮސައިޓީ، މީދޫ އެކުވެނީ ޗޭނު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް، ސޭވް މޯލްޑިވްސް، ޓްރާންސްޕޭރެންސީ މޯލްޑިވްސް، މާޅޮސް އެވެއާނަސް އެންޑް ރެކްރިއޭޝަން ސޮސައިޓީ، އެންވާރަމަންޓަލް ޕްރޮޓެކްޝަން މޫވްމެންޓް އަދި މެރިން ޖާނަލް މޯލްޑިވްސް އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށިގެ ދުވަހާ ގުޅުވައިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގައި އިންތިހާއަށް ޕްލާސްޓިކް ކޮތަޅާއި އެނޫންވެސް ޕްލާސްޓިކް ކުނި ރައްކާތެރި ނޫންގޮތަށް އުކާލަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޕްލާސްޓިކްގެ ނުރައްކަލުން ތިމާވެށި ސަލާމަތްކުރުމަށް ކުރަންޖެހިފައިވާ ގިނަ މަސައްކަތްތަކެއް ހުރިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖެއަކީ އާދަޔާ ހިލާފަށް ޕްލާސްޓިކްގެ އުނދަގޫ ކުރިމަތިވެފައިވާ ގައުމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ސޭވް މޯލްޑިވްސްއިން ބުނީ، އެންމެ އާބާދީ ބޮޑު މާލެއިން ފެށިގެން އެންމެ ކުދި ރަށްރަށާ ހަމައަށް، ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ޕްލާސްޓިކު އަދި އެހެނިހެން ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުވެފައި ނެތްކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރިގޮތުން އަދިވެސް ދަނީ ޕްލާސްޓިކް އެތެރެކުރުމާއި ޕްލާސްޓިކް އުފައްދާ މިންވަރު އިތުރުވަމުން ކަމަށް ވެސް ބުންޏެވެ.

"ރާއްޖޭގައި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކުރުމާއި ޕްލާސްޓިކު ކޮތަޅު އާންމުކުރުމުގެ ވަބާއަކީ ފާހަގަކުރަންޖެހޭ ބޮޑު މައްސަލައެއް. ރާއްޖޭގެ ރަށްތަކުގައި މީހުންނަށް އިތުބާރުކުރެވޭ ސާފު ފެންލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ ބަދަލުގައި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބުއިމުގެ އާދައެއް ސަރުކާރުންނާއި ބޮޑެތި ވިޔަފާރިތަކުން ގާއިމުކޮށް ފުޅާކުރަމުންދާ ދިއުމަކީ ޕްލާސްޓިކް އާލާވެ ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ޕްލާސްޓިކުން އޮތްނުރައްކާ އެތައްގުނައެއް ބޮޑުވެގެންދާ ކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ކެފޭ ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ފްރެންޗައިސްތައް ތައާރަފް ކުރަމުންދާއިރު މިފަދަ ވިޔަފާރިތަކަކީ ގިނަ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާ ތަންތަންކަން އެ ބަޔާޏުގައި ވަނީ ފާހަގަކޮށްފަ އެވެ. މިފަދަ ވިޔަފާރިތަކުން ތިމާވެއްޓަށްކުރާ ނޭދެވޭ ގެއްލުންތައް ކުޑަކުރުމާއި ނައްތާލުމަކީ ކަމާބެހޭ މުއައްސަސާތަކުން، ތިމާވެށި ހިމާޔަތްކުރުމަށް ސިޔާސަތުކަނޑައަޅާ އެކަށީގެންވާ ފެންވަރަކަށް ތަންފީޒުކުރަންޖެހޭ، ނަމަވެސް މިހާތަނަށް ކޮށްފައިނުވާ ކަންކަން ކަމަށް ވެސް ބުންޏެވެ.

އެ ހަރަކާތުން ވަނީ ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ އެއްގޮތަށް އަމަލުކޮށް ޕޮލިސީ ލެވެލްގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މަސައްކަތްކޮށްދިނުމަށް ގޮވާލާފަ އެވެ.