ކާނާ

ރޯދަވިއްލާ ވަގުތަށް ތި ގޯއްޗަށް ތަށިބަރިއެއް!

މީގެ މާ ދުރުނޫން ޒަމާނަކާއި ޖެހެންދެން ދިވެހިންގެ މެދުގައި އޮތް އޯގާތެރި ސަގާފަތެކެވެ. އަވައްޓެރި ގޯއްޗަކުން ކޮއްތު ތަށިބަރިއެއް ލިބިއްޖެނަމަ އެ ތަށިބަރި އެ ގޯއްޗަކަށް އަނބުރާ ގެންދަނީ ހަމަ މީރު ކޮއްތަކާއެކު އެވެ.

ތަށިބަރި ހުހާއި ގެންދިއުންހާއި ލަދުވެތިކަމެއް އޭރުގައި ނެތެވެ. ޒަަމާން މާރީވެ މި ރީތި ސަގާފަތް އަހަރެމެންގެ ތެރެއިން ވަނީ ފަނޑުވެފަ އެވެ. ހާއްސަކޮށް ރޯދަ މަހު އޮތް މި ސަގާފަތަކީ އޮތް އެއްޗެއްކަން އިނގޭ ކުދިންވެސް މިހާރު މަދެވެ.

މަޑުމަޑުން ނެތެމުން ދާން ފެށި މި ސަގާފަތް އަނެއްކާ ނަގައި ކޮޅަށް ޖެހުމަށް މި ފަހަރު މި ނިކުތީ ޒުވާނުންގެ ކުދި ބައެކެވެ. އިއްޔެ އިރުއޮސްނުއިރު ދިވެހިންގެ ޝޯޝަލް މީޑިއާގެ މުޖުރާ، ޓުވިޓާގައި އެންމެ ގަދައަށް ދުވީ މި ތަށިބަރުތަކުގައި ހުރި ކޮއްތުގެ މީރު ވަހެވެ.

#ތަށިބަރިމޫވްމަންޓް ގެ ނަމުގައި ނެތެމުންދިޔަ މި ސަގާފަތް އަނެއްކާ ދިރުވަން މަސައްކަތް ފެށުނީ އެވެ. މި ހަރަކާތަކީ ރާއްޖޭގެ މަޝްހޫރު މާކެޓިން ކުންފުންޏަކުން އެމީހުންގެ ކްލައިޓަކަށް ކޮށްދެން ފެށި ކަމެކެވެ. މަގުސަދަކީ މި އޯގާތެރި ހެޔޮ އާދަ އަލުން މުޖުތަމައުގައި ދިރުވުމެވެ.

ރޯދަވިއްލާ ވަގުތަށް މި ތަށިބަރިތައް ލިބެނީވެސް ޓުވިޓާގެ ތެރެއިންނެވެ. ތަށިބަރި ލިބޭ މީހަކަށް ޖެހެނީ އެ ދުވަހު އެ ގެއެއްގައި ރޯދަވިއްލަން ތައްޔާރުކޮށްފައި ހުރި އެއްޗެއް ތަށިބަރިއަށް އެޅުމަށްފަހު ރައްޓެއްސަކަށް ހަދިޔާކުރާށެވެ. ތަށިބަރި ދޭން ބޭނުންވާ މީހެއް ޓްވީޓަކުން އަންގާލަންޖެހެ އެވެ. ތަށިބަރި ލިބޭ މީހާއަށް ޖެހޭނީ ޖެހިގެން އަންނަ ދުވަހު ތަށިބަރި ފުރާފައި އެހެން މީހަކަށް އަނެއްކާ ހަދިޔާކުރާށެވެ.

މި ހަރަކާތުގައި އިއްޔެ ގިނަ ބަޔަކު ބައިވެރިވި އެވެ. މުޅި ޓުވިޓާ އޮތީ ތަށިބަރިތަކުން ފުރިފަ އެވެ. މީގެ ގާތްގަނޑަކަށް 30 ހަކަށް ތަށިބަރި ދައުރުވަމުންދާނެ އެވެ.

ގިނަ ބަޔަކަށް މިކަމުން ވަނީ އުފާވެރިކަން ގެނުވާފަ އެވެ. ތަަށިބަރިއެއް ނުލިބިގެން އެއް ބަޔަކު ދެރަވެފައި ތިބިއިރު މިހާރު އެންމެ އިންތިޒާރު ކުރެވެނީ މިއަދު މި ތަށިބަރިތަކުގެ ނަސީބު ލައްވާލަނީ ކޮން ބަޔަކަށްތޯ ބަލާލުމަށެވެ.