ކުޅިވަރު

އެމެރީ ގެންދިޔަ ފުރަތަމަ ކުޅުންތެރިޔަކަށް ލިޗްސްޓެއިނާ

ހިލޭ ޓްރާންސްފާއެއްގެ ދަށުން، ޔުވެންޓަސްގެ ޑިފެންޑަރު ސްޓެފަން ލިޗްސްޓެއިނާ އާސެނަލްއަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ލިޗްސްޓެއިނާ އަކީ، އާސެނަލްގެ އާ ކޯޗް އުނައި އެމެރީ އެ ޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ ޔުވެންޓަސްގައި ހޭދަ ކުރި ހަތް ސީޒަންގައި އޭނާ ވަނީ ޔުވެންޓަސްއާއެކު މުބާރާތްތައް ކާމިޔާބު ކޮށްފަ އެވެ. ޔުވެންޓަސްގެ ޖޯޒީގައި ލީގްގައި އޭނާ ކުޅުނީ 27 މެޗުގަ އެވެ. އޭނާ އަށް ފުރުސަތު ލިބުން ހަނިވީ މިދިޔަ އަހަރު އޭސީ މިލާނުން ޑިފެންޑަރު މަޓިއާ ޑި ޝީލިއޯ ޔުވެންޓަސްއަށް ބަދަލު ވުމުންނެވެ.

ސްވިޒަލޭންޑްގެ ކެޕްޓަންކަން ކުރަމުން އަންނަ، ލިޗްސްޓެއިނާ ވަނީ ގައުމީ ޓީމަށް 100 އާ ގާތް ކުރާ އަދަދަކަށް މެޗު ކުޅެފަ އެވެ. އޭނާ މިވަގުތު ހުރީ ވޯލްޑްކަޕަށް ތައްޔާރުވާ ސްވިޒަލޭންޑްގެ ގައުމީ ޓީމާއެކު އެވެ. މިފަހަރުގެ ވޯލްޑްކަޕު ވެގެންދާނީ އޭނާ ކުޅޭ ދެ ވަނަ ވޯލްޑްކަޕަށެވެ.

"ސްޓެފަން [ލިޗްސްޓެއިނާ] ގެ ސަބަބުން ތަޖުރިބާ އާއި ލީޑާޝިޕް އަހަރެމެންގެ ޓިމަށް ގެނެސް ދޭނެ." އެމްރީ ބުންޏެވެ. "އޭނާ އަކީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިޔެއް، އަދި އަހަރެމެންގެ ޓީމު ދަނޑު މަތީގަޔާއި ދަނޑުން ބޭރުގައިވެސް ކުރިއެރުން ގެނެސްދޭނެ ކުޅުންތެރިޔަކަށް އޭނާ ވާނެ."

އާސެނަލްގެ ވެބްސައިޓަށް ލިޗްސްޓެއިނާ ބުނެފައި ވަނީ ޔުވެންޓަސްއަށް ފަހު އާސެނަލްއަށް ބަދަލުވުމަކީ އޭނާ އަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

ފުލަހަމްގެ ޑިފެންޑަރު ރަޔަން ފްރެޑްރިކްސް ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމް އަށް ސޮއި ކޮށްފަ އެވެ. އޭނާ އަކީ ވެސްޓްހަމްގެ އާ ކޯޗް މެނައުލް ޕްލެގްރިނީ އެ ޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.