ރިޕޯޓް

ރޯދަ ވީއްލުމަކުން ހިތްފުރައިދިން އުފާވެރިކަން!

އޮމަދޫން: ނާޒިމް ހަސަން
Jun 6, 2018
4

ލޯންޗެއްގައި މާލެއިން ފުރައިގެން ގަޑިއެއްހާއިރުގެ ދިގު ރާސްތާއަކުން މި އާދެވުނީ އދ. އޮމަދޫއަށެވެ. ރަށަށް ފައިބައި އެއްގަމަށް ދެވޭ ވަރަކަށް ފެންނަމުން މިދަނީ ރަށްފުށު ކަމެވެ. ހިސާބަކަށް ފަޅު ކަމެކެވެ. އެކަމަކު، ގޭގެ ދޮރާށިތަކުގެ ފަހަތުން ފެނިލާ މޫނުތަކުންނާއި އަތިރިމަތީ ޖޯލިތަކުގެ ތިބި މީހުންގެ މޫނުމަތީން އުފާވެރި ކަމާއި އުއްމީދު ފެނެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެހީއަށް ބޭނުންވާ މީހުންނާ ހާއްސަ ގުޅުމެއް އޮންނަ އަހުމަދު ހިޝާން އެ ރަށަށް ދިޔައީ ވެސް ބައެއްގެ މޫނަށް ހިނިތުންވުން ގެނެސްދޭށެވެ. ދަތުރުގައި ބައިވެރިވާން އަވަސް އަށް ފުރުސަތު ލިބުނެވެ.

އެހީއަށް އެދޭ މީހުންގެ އެންމެ ގާތުގައި އަބަދުވެސް ހުންނަ ހިޝާންގެ މަސައްކަތަށް އެކި ގޮތްގޮތުން އެހީވާ މީހުން ވަރަށް ގިނަ އެވެ. ފަހަތުގައި ތިބެގެން ނިކަމެތިގެން ދިރިއުޅުން މުއްސަނދި ކޮށްދޭން މަސައްކަތްކޮށްދޭ މީހުން ގިނަ އެވެ. އޭގެ ތެރެއިން އެކަކީ ވިޔަފާރިވެރިއެއް ކަމަށްވާ ހުސެއިން އިރުފާނެވެ.

މީގެ ފަސް އަހަރު ކުރިން އިރުފާން ހާއްސަ ކަމެއް ފެށި އެވެ. ކޮންމެ ރޯދަ މަހެއްގައި ވެސް އެކަން އޭނާ އަންނަނީ ކުރަމުންނެވެ. ރޯދަ ވިއްލުމަކުން އުފާވެރި މާހައުލެއް ބަޔަކަށް ހޯދައިދިނުމަކީ އޭނާގެ ކޮންމެ އަހަރެއްގެ ވެސް އަމާޒެވެ. މި އަހަރު އެ ރޯދަ ވިއްލުން އިންތިޒާމްވީ އޮމަދޫގަ އެވެ. އޮމަދޫގެ ސްކޫބާ އިން ގެސްޓްހައުސްގެ ހިތްފަސޭހަ މާހައުލުގަ އެވެ.

އެ ގެސްޓްހައުސްއާ އެއް މަގެއްގައި ހުރީ އެ ރަށުގެ އެންމެ ނިކަމެތި އެއް އާއިލާ ދިރިއުޅެމުންދާ ގެ އެވެ. މުސްކުޅި މަންމައަކާއި އެތައް ދަރިންނެއް އުޅޭ ކުޑަކުޑަ ގެ އެވެ. އެމީހުންގެ ނިކަމެތިކަމާއެކު އެ ގޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ސިކުނޑީގެ އުނިކަން ވަރަށް ބޮޑަށް ހުންނަ މީހުންނެވެ. އެ ކުޑަ ގޭގެ ތެރޭގައި އެމީހުން އުޅެމުން ދަނީ އަބަދުވެސް އުފާވެރިކަމަށް އިންތިޒާރު ކުރަމުންނެވެ. އެ މުސްކުޅި މަންމަ ކުޑަކުޑަ ކޮޓަރިއެއްގެ ތެރެއިން ބޭރަށް ބޯ ދިއްކޮށްގެން އިންނަނީ ބޭރަށް ގެންގޮސްދީ، ސާފު ވައިގައި ޖައްސާލަދޭނެ މީހެއްގެ އިންތިޒާރުގަ އެވެ.

"ދައްތާ ހިނގާ ރޯދަ ވިއްލަން ދާން، ދާން ވާނެ ދައްތަ ވެސް،" ހިޝާން އެ ގެއަށް ވަދެ އެންމެ ފުރަތަމަ ވެސް ރޯދަ ވިއްލުމުގެ ދައުވަތު ދިނީ އެ މުސްކުޅި މަންމައަށެވެ.

ހިޝާންގެ ދައުވަތަށް އިޖާބަދީ، ފުރޮޅުލީ ގޮނޑީގައި މަންމަ ގެސްޓްހައުސްއަށް އަ އެވެ. އެކުގައި އައީ، އޭނާގެ އަންހެން ދަރިންނެވެ. ސިކުނޑީގައި އުނިކަން ހުރި އެ ދަރިންނަށް މިފަދަ މާހައުލަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ރެސްޓޯރެންޓެއް ފަދަ ތަނަކަށް ވަތް ފުރަތަމަ ފަހަރެވެ.

އެ އާއިލާ އެކަންޏެވެ. އޮމަދޫގެ އާބާދީއަށް ބަލާއިރު އެ ރަށުގައި އަޑުނީވޭ ވާހަކަ ނުދެއްކޭ ކުދިންނާއި ޒުވާނުން ގިނަ އެވެ. އެފަދަ ހަ ދަރިން ތިބި އާއިލާއެއް ވެސް ރޯދަ ވިއްލުމުގައި ބައިވެރިވި އެވެ. ހިޝާންގެ ފިރުމުންތަކާއެކު އެމީހުންގެ މޫނު މަތިން ފެނިގެން ދިޔައީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. އެފަދަ ތަނެއްގައި ހީ ސަކަރާތް ޖަހާލަން ލިބުމުން ކުދިން ވެސް ތިބީ އުފަލުން ފޮޅިފަ އެވެ.

މުޅި މާހައުލަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވި މި ރޯދަ ވިއްލުމުގައި އޮމަދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ. އަދި، އެކުގައި ވަގުތު ހޭދަކޮށް ހަނދާނުން ފިލައިގެން ނުދާނެފަދަ ފޮޓޯތަކާއި ސެލްފީތައް ނެގި އެވެ.

ތަނުގެ ހިތްފަސޭހަ މާހައުލުން ކޮންމެ މީހަކު ވެސް ނުކުމެގެން ދިޔައިރު ލޮލުން ފެންނަނީ ޝުކުރުވެރިވުމުގެ ކަރުނަ އެވެ. ހިތްހެޔޮކަމާއެކު ސަލާމްކޮށްލުމަށް ބުނެލަނީ "ޝުކުރިއްޔާ" އެވެ.