ހަބަރު

ރާއްޖޭން ވާދަކުރާ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އިންތިހާބު މިހަފުތާގައި

ޔޫއެން ސެކިއުރިޓީ ކައުންސިލަށް ނަން ޕާމަނެންޓް މެމްބަރަކު ހޮވަން ބާއްވާ އިންތިހާބު މިހަފުތާގައި ބާއްވާނެއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ ޔޫއެންގެ މައިމަރުކަޒުގައި އެ އިންތިހާބު އޮންނާނީ އަންނަ ހުކުރުދުވަހުއެވެ. އެ އިންތިހާބުގައި ހޮވާނީ 2019 ވަަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ނަންޕާމަނެންޓް މެމްބަރުކަން ކުރާނެ ގައުމެކެވެ.

އެމަގާމަށް ރާއްޖޭަން ވަރުގަދަ ކެމްޕޭނެއް ކޮށް ކުރިން ރާއްޖެއާ ސިޔާސީ ގުޅުން ގާއިމްކޮށްފައި ނުވާ ބައެއް ގައުމުތަކާ ގުޅުންވެސް ވަނީ ގާއިމްކޮށްފައެވެ.

ހުކުރު ދުވަހު ބާއްވާ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވެސް ގިނަ ބަހުސްތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އެއީ މިހާރު އޮތް ސަރުކާރަށް ކާމިޔާބުކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ އިރު ސަރުކާރުން ބުނެފައި ވަނީ އެކަން ކާމިޔާބުކުރާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރ.ފައިނަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ މުހާތަބުކުރައްވަމުން ރައީިސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރާ މަސައްކަތައް ދިވެހި ދައުލަތުން ރައްދު ދޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން، އެ ހައިސިއްޔަތުންް ކަމަށާއި އެ މަގާމަށް ވާދަކޮށް ކާމިޔާބު ކުރަން އުންމީދު ކުރައްވާ ކަމަށެވެ.

"ދިވެހި ދައުލަތުގެ ފަތިފުށް ކިޔާ ވެރިކަން ބަދަލު ކުރުމަށް ބޭރު ފަރާތްތަކުގެ މަދަދަށް އެދެނީ މިއަދު ވެސް ހަމަ ދިވެހި ދަރިން، އެހެންވެ ކޮބައިތޯ ނަސޯރާ ދީނަށް ވަތން ހަސަން ނުވައަކާއި ގޯދީ ރާޖާ އާއި ނޮވެމްބަރު ތިނެއްގެ ވާހަކަ މިއަދު ނުދައްކާންވީ ސަބަބެއް، އެހެންވެ މި ބޭފުޅުންގެ ޓްވީޓްތަކަށާއި މި ބޭފުޅުން ދޭ މެސެޖުތަކަށް އަޅުގަނޑުމެން ޖަވާބު ދޭން ބޭނުން ވަނީ ރާއްޖޭގައި ހައިބަތެއް ހުރި ހައިސިއްޔަތަކާއެކީގައި، އަޅުގަނޑުމެން އެ ބޭފުޅުންނަށް ރައްދު ދޭނީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ވެގެން،" ރައީސް ޔާމީން އޭރުގައި ވިދާޅުވި އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ހިމެނެނީ ދާއިމީ ފަސް މެންބަރު ގައުމަކާއި ވަގުތީ 10 މެންބަރު ގައުމެވެ. ދާއިމީ މެންބަރުނަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ފަސް ގައުމު ކަމަށްވާ، ޗަައިނާއާ، ރަޝިޔާއާ، ފްރާންސްއަ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ. އަނެއް 10 މެންބަރުންނަކީ ބޮލީވިއާ އާއި މިސްރާއި އިތިއޯޕިއާ އާއި އިޓަލީ އާއި ޖަޕާނާއި ކަޒަގިސްތާނާއި ސެނެގޯލާއި ސްވިޑްން އާއި ޔުކުރޭނާއި އުރުގުއާއީ އެވެ.