ރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ޖާގައެއް ނެތް ކަމަށް ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ކެޝަޕް ވިދާޅުވީ، އިދިކޮޅު ފަރާތްތަކެއް ވަނީ ޖަލުގައި ބަންދު ކުރެވިފައި ނުވަތަ އެފަރާތްތަކުގެ މައްޗަށް ޝަރީއަތްތައް ދަނީ ހިނގަމުން ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ޖާގައެއް ނެތް ކަމަށެވެ.
ކެޝަޕް ވިދާޅުވީ، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މީޑިއާގެ މިނިވަންކަން ވަރަށް މުހިންމު ކަމަށާއި މީޑިއާއަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސް ކަމަށެވެ. އަދި މީޑިއާ ތަކަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތް ކަމަށާއި މީޑިއާގެ ސަބަބުން ރައްޔިތުންނަށް އަމިއްލައަށް ކަންކަން ނިންމުމަށް އެހީތެރިކަން ލިބިގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ޑިމޮކްރަސީ ނެތި ދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. އަދި ޕާޓީތަކުން ކެމްޕޭނު ހިންގުމަށާއި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް މިނިވަންކަމާއެކު ކެމްޕޭނު ކުރުމުގެ ޖާގަ ދޭން ޖެހޭ ކަަމަށެވެ. އެކަންކަން ކުރުމަށްޓަކައި އެމެރިކާއިން އެހީތެރިވުމަށް އޮތީ ތައްޔާރަށް ކަމަށްވެސް ކެޝަޕް ވިދާޅުވި އެވެ.
"ރާއްޖެ ރަނގަޅު މިސްރާބަށްދާތަން ދެކެން ބޭނުން، ރަނގަޅު ޑެމޮކްރެޓިކް ނިޒާމަކާއި ދިމާލަށް ގެންދަން ޖެހޭ، މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފައިވާނެ، ހާއްސަކޮށް ޑިމޮކްރަސީގެ ކަންކަމާއި ގުޅިގެން،" ކެޝަޕް ވިދާޅުވި އެވެ.
ކެޝަޕް ވިދާޅުވީ، ރިޔާސީ އިންތިހާބު ފެށުމަށް މިވަނީ ކުޑަދުވަސް ކޮޅަކަށްވެފައި ކަމަށާއި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވަންޖެހޭ ކަމަށާއި އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް މިނިވަންކަމާއެކު އެމީހުންނަށް ލިބިފައިވާ ހައްގުގެ ބޭނުންކޮށް ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ދޭން ޖެހޭ ކަމަށެވެ.
"މި ކަންކަމަކީ ހަމައެކަނި އެމެރިކާއިން ކަންބޮޑުވާ ކަންކަމެއް ނޫން، ރާއްޖެއަށް ހެޔޮއެދޭ އެތައް ގައުމެއްގެ ކަންބޮޑުވުންތަކެއް މިއީ، މިނިވަން ކަމާއެކު ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރުމަކީ އެންމެންވެސް އެންމެ ބޮޑަށް އެދޭ ކަންތައް،" ކެޝަޕް ވިދާޅުވި އެވެ.
ކެޝަޕް ވިދާޅުވީ، ފެނިގެން މިދަނީ މިގައުމުގެ ރައްޔިތުންނަށް މިހާރު ލިބިފައިވާ މިނިވަންކަން ނިގުޅައިގަންނަ މަންޒަރު ކަމަށެވެ. ވާހަކަ ދެއްކުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިންތިހާބުގައި ބައިވެރިވުމުގެ ހައްގާއި ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް ހުރަސް އަޅަމުންދާ މަންޒަރު ކަމަށެވެ. މި ކަންކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި މި ކަންކަމަކީ ހަމައެކަނި އެމެރިކާގެ ކަންބޮޑުވުން ނޫން ކަމަށާއި މިއީ ރާއްޖެއަށް ހެޔޮއެދޭ ހުރިހާ ގައުމެއްގެވެސް ކަންބޮޑުވުން ކަމަށް ކެޝަޕް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި އެކި އެކި ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރެވިފައިވާނެ، އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ފަރާތްތަކާވެސް ބައްދަލު ކުރެވިފައިވާނެ، އެފަރާތްތަކަކީ ޓެރަރިސްޓުންކަން ގަބޫލެއް ނުކުރަން، އެއީ ޓެރަރިސްޓުންނަމަ އެމެރިކާ ސަފީރު އެބޭފުޅުންނާއި ބައްދަލެއް ނުކުރާނެ،" ކެޝަޕް ވިދާޅުވި އެވެ.
ކެޝަޕް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރުމަށް ރައްޔިތުން ކެނޑިނޭޅި އެތައް މަސަައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަންކަމުގައި އެހީތެރިވުމަށް އެމެރިކާއިން އަބަދުވެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ކެޝަޕް އިތުރަށް ވިދާޅުވީ، މި ދަތުރުގައި ބައެއް ފަރާތްތަކާއި ބައްދަލު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނުވަތަ ޕްރޯސެސްގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރި ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތަކާއި ބައްދަލު ކުރުމަށް އެދުނު ނަމަވެސް އެއްވެސް ފަރާތަކާއި ބައްދަލުވެފައިނުވާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ސަރުކާރާއި ބައްދަލު ކުރަން އެދުނު ނަމަވެސް އެކަން ކާމިޔާބުވާގޮތްވަނީ ނުވެފައި ކަމަށް ކެޝަޕް ވިދާޅުވި އެވެ.