ހަބަރު

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި

ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަސް ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ. އިލެކްޝަން ކޮމިޝަނުން މި ތާރީހު އިއުލާން ކުރީ މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނެ ތާރީހު މިރޭ އިއުލާން ކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނެވެ. އެގޮތުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޕީޕީއެމްގެ މަންދޫބުން ބައިވެރިވަޑައިގަތެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް މިރޭ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ދަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންތިހާބާ ގުޅޭ ގައުމީ ލަފާދޭ ކޮމިޓީ މިހާރު ވަނީ އެކުލަވާލާފަ އެވެ.

އިންތިހާބަށް ލަފާދޭ ކޮމިޓީ އީސީން އެކުލަވާލާފައިވާއިރު އިންތިހާބަށް ތައްޔާރުވުމުގެ އެހެނިހެން މަސައްކަތްތައް ވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައަޅައި ވޯޓް ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ވެސް އެކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ.

އިންތިހާބު އޮންނާނެ ދުވަސް މިރޭ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ޕީޕީއެމްގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަށް ކުރިމަތިލައްވާނެކަން ވަނީ ހާމަކުރައްވާފަ އެވެ. އޭގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އަމިއްލަ ގޮތުން ކެމްޕެއިން ފައްޓަވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. އެމްޑީޕީއިން ވަނީ އެމަނިކުފާނަށް ޓިކެޓް ވެސް ދީފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ރައީސް ނަޝީދަކީ ހުކުމް ތަންފީޒު ކުރައްވަމުންދާ ބޭފުޅަކަށްވާތީ އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެފަ އެވެ.