ކުޅިވަރު

ޓީސީއާ ދެކޮޅަށް ތަފާތަކަށްވީ ދަގަނޑޭ

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ލަނޑުން ޓީސީގެ މައްޗަށް 2-0 ނިއު ރޭޑިއަންޓް ކާމިޔާބު ހޯދައިފި އެވެ.

މެޗަށް ނިކުތް އިރު މާލޭ ލީގް ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ނިއު ރޭޑިއަންޓް މެޗަށް ނިކުތީ ގިނަ ބަދަލު ތަކާއެކު އެވެ. ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ވަނީ، އާންމު ކޮށް ފުރަތަމަ 11 އިން ފުރުސަތު ނުދޭ ކުޅުންތެރިންނަށް ޓީސީއާ ދެކޮޅަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ. އަދި މެޗުގައި އެއްވެސް ބިދޭސީ ކުޅުންތެރިޔަކަށްވެސް ފުރުސަތު ދީފައެއް ނުވެ އެވެ.

ފުރަތަމަ 11 އިން އާންމުކޮށް ފުރުސަތު ދޭ ކުޅުންތެރިންގެ ތެރެއިން ފުރުސަތު ދީފައި ވަނީ އަޝްފާގް އާއި ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން މުހައްމަދު އުމޭރު އަށެވެ. އެޓޭކިން މިޑްފީލްޑާ ހަމްޒާ މުހައްމަދު (ހަމްޕް) އަށްވެސް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ނިއުގެ ފުރަތަމަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ މެޗުގެ 24 ވަނަ މިނެޓްގަ އެވެ، ނިއު އިން ލީޑް ނެގި ނަމަވެސް ޓީސީން ވަނީ ރަނގަޅަށް ކުޅެ ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ހެދޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ، މެޗުގެ 92 ވަނަ މިނެޓްގަ އެވެ. އޭނާ ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ މިހާތަނަށް މިސީޒަންގައި 20 ލަނޑު ޖަހާފަ އެވެ. މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ނިއު ވަނީ 13 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގާފަ އެވެ.

ވިކްޓަރީ އާ ދޮކޮޅަށް މާޒިޔާ، މިރޭ ކުޅޭ މެޗުން މޮޅުވެގެން، މާޒިޔާ އަށް ނިއު އާ ދެމެދު އޮތް ފަރަގު އަލުން 10 ޕޮއިންޓަށް ބަދަލު ކުރެވޭނެ އެވެ.