ރިޕޯޓް

ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް މުހިންމީ ކީއްވެ؟

ޔޫއެން ސެކިއުރިޓީ ކައުންސިލަށް ނަަންޕާމަނެންޓް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި މިއަދު ވޯޓުލާއިރު ބައެއް ގައުމުތަކަށް އެވޯޓު ވަނީ ކާމިޔާބުވެ ނިމިފައެވެ. އެއީ ވާދަކުރާނެ އެހެން ބައެއް ސަރަހައްދީ ގްރޫޕުގައި ނެތީމައެވެ. އެގޮތުން ހުޅަނގުގެ ގައުމުތައް ހިމެނޭ ގްރޫޕުން ހޮވާ ދެގޮނޑިއަށް ޖަރުމަނާއި ބެލްޖިއަމް އިންތިހާބުވާނެކަން މިހާރު ވަނީ ކަށަރުވެފައެވެ. އެއީ އެ ސަރަހައްދަށް ވާދަ ކުރަން އުޅުނު ތިން ވަނަ ގައުމުކަމަށްވާ އިޒްރޭލުން މިހާރު ނަން އަނބުރާ ގެންގޮސްފައި ވާތީއެވެ.

ވާދަވެރިކަން މިހާރު އޮތީ އޭޝިއާ ޕެސިފިކް ސަރަހައްދުގައެވެ. މި ސަރަހައްދުން އެންމެ ގޮނޑިއަކަށް ގައުމެއް އިންތިހާބު ކުރާ އިރު ދެ ގޮނޑިއަށް ވާދަކުރަނީ މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާއާއި ކުޑަޔަކަސް އަޑުގަދަ ދިވެހިރާއްޖެ އެވެ.

މެމްބަރުން އިންތިހާބު ކުރަނީ ކިހިނެތް؟

ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ތިބޭނީ ދާއިމީ ފަސްމެމްބަރުންނާއި ދާއިމީ ނޫން 10 މެމްބަރުންނެވެ. ދާއިމީ މެމްބަރުންނަނީ ޔޫއެންގެ ފައުންޑާ މެމްބަރުންކަމަށްވާ އެމެރިކާ، ރަޝިޔާ،ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސެވެ.
ދާއިމީ ނޫން 10 މެމްބަރުން ހޮވަނީ ޔޫއެންގެ އާއްމު މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. ދާއިމީ ނޫން މެމްބަރުން އިންތިހާބުކުރާނީ ވެސް ދެއަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއަދު ބާއްވާ އިންތިހާބުން ހޮވާނީ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހރުގެ ނިޔަލަށް މެމްބަރުކަންކުރާނެ ގައުމުތަކެކެވެ. އާއްމު މަޖިލީހުގައި ޔޫއެންގެ މެމްބަރު 193 ގައުމު ތިބޭނެއެވެ. އެކަމަކު ސެކިއުރިޓީ ކައުންސިލަށް މެމްބަރަކު ހޮވަން ވޯޓުލާނީ އެގައުމެއް ވާދަކުރާ ސަރަހައްދުގެ ގައުމުތަކުން އެކަންޏެވެ.

އެހެންވީމާ ރާއްޖެ ވާދަކުރާ އިންތިހާބުގައި ވޯޓުލާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން އެކަންޏެވެ.

ވާނީ ކޮން ފައިދާއެއް؟

ޔޫއެން ސެކިއުރިޓީކައުންސިލްގެ މެމްބަަކަށް ވުމުން އެގައުމަކަށް އެ އާދެވުނީ ގިނަ ކަންކަމެއްގައި އަޑު އުފުލޭނެ މަގާމަކަށެވެ. އެއީ ބައިނަލް އަގުވާމީ ސުލްހައާއި ހަމަނުޖެހުންތަކުގެ ކަންކަމުގައި ވެސް އަޑު އުފުލޭނެ މަގާމެކެވެ. މިސާކަލަށް އުތުުކޮރެއާގެ ނިއުކްލިއަ ހަތިޔާރުގެ ކަންތަކުން ފެށިގެން ގޮސް ސޫރިޔާ ހަނގުރާމައާއި ޔަމަނާއި ސައުތު ސޫދާނުގެ މައްސަލައިގައި ވެސް ނިންމުންތައް ނިންމާނީ ސެކިއުރިޓީ ކައުންސިލުންނެވެ.

އެހެންވީމާ ގިނަ ގައުމުތަކަކުން އެގައުމެއްގެ މަދަަދަށް އެދެން ޖެހޭ ގައުމަކަށް ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ގައުމެއް ވާނެއެވެ. އެހެންވީމާ ބޮޑެތި މައްސަލަތަކުގައި ގައުމުތަކުން އެގައުމަށް ލޮބީކުރަން އަންނާނެއެވެ. އެގޮތުން ލޮބީކުރަން އަންނަ ގައުމުތަކުގެ މައްޗަށް މެމްބަރު ގައުމުގެ ނުފޫޒު ޔަގީނުންވެސް އޮންނާނެއެވެ.

ރާއްޖެއާ މިފަހަރު ވާދަކުރާ އިންޑޮނޭޝިއާއަކީ އެއްގައުމެެއްގައި މުސްލިމުންގެ އާބާދީ އެންމެ ގިނަ ގައުމެވެ. އަދި އެއީ ސެކިއުރިޓީކައުންސިލްގެ މެމްބަރުކަން ކުރިންވެސް ކޮށްފައިވާ ގައުމެކެވެ. އެގައުމުން ވަނީ އެކައުންސިލްގެ މެމްބަރުކަން ތިން ފަހަރު ކޮށްފައެވެ.