ރިޕޯޓް

ރައީސް ޔާމީން ދިއްކުރެއްވި ޒައިތޫނި ފަތްކޯޅީގައި އެމްޑީޕީ ނުހިފި!

May 26, 2015
6

ސަރުކާރުން "އަނިޔާވެރި"ވާ ކަމަށް ބުނެ، މަޝްވަރާ ކުރަން އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތުން ވެސް އެކި ފަހަރުމަތީން ސަރުކާރަށް ގޮވާލި އެވެ. އޭރުވެސް ސަރުކާރުން މައިގަނޑު ގޮތެއްގައި ބުނަމުން އައީ ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމުގެ އެއްވެސް ވާހަކަތަކެއް ދައްކަން ނުވަތަ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ވާހަކަ ދައްކަން ސަރުކާރުން ނުދާނެ ކަމަށެވެ. އެއީ ވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ސަރުކާރުން ބުނެފި އެވެ.

ނަމަވެސް މޭޑޭގެ މުޒާހަރާއަށް ފަހު ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާގެ މޭޒު ދޮށަށް އެއްވަން ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދައުވަތު ދިނެވެ. މިއީ ދުލެއް ދިނުމުގެ ނިޝާނެކެވެ. މަސްރަހު ފިނިކޮށްލަން ލިބުނު ކުޑަނަމަވެސް ފުރުސަތެކެވެ.

ރާއްޖޭގައި "އަނިޔާވެރިކަން" ބޮޑުވެގެން އެކަން ނައްތާލަން ނުވަތަ ސުން ޕަސެންޓަށް ގެންދަން ނުކުތް ޕާޓީތަކަށް ލިބުުނު ރަނގަޅު ދަނޑިވަޅެކެވެ.

ސިޔާސީ މައިދާނުގައި ވެސް އަދި އެހެން ކަންކަމުގައި ވެސް ލިބޭ ފުރުސަތުތަކަށް ނެގެޓިވްކޮށް 99 ޕަސެންޓް އޮވެފައި ޕޮޒިޓިވްކޮށް އެންމެ ޕަސެންޓެއް އޮތް ނަމަވެސް އެއް ޕަސެންޓްގައި ހިފައިގެން މަސައްކަތް ކުރަން ޖެހެނީ ކޮންމެހެން އެއީ ކުރަންޖެހޭ ކަމަކަށް ވަންޏާ އެވެ. ސަރުކާރުން "އަނިޔާވެރި" ވަންޏާ އެކަން ކޮންމެހެން ނިންމަންޖެހެ އެވެ. ވީމާ އެކަން ކާމިޔާބު ކުރެވޭނެ އޮތީ އެންމެ ޕަސެންޓެއް ކަމަށް ވިޔަސް އެކަމެއް ކުުރެވެން އޮތް ގޮތަކަށް ކުރަން ޖެހޭނެ އެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެ މަގަށް ދަތުރު ކުރަންޖެހެ އެވެ.

އެހެން ނަމަވެސް ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެބައި މީހުންގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ބޭއްވިދާނެތޯ ކުރިން ވެސް ލަފާ ކުރަމުން އައި ގޮތަށް މިހާރު ވަނީ ސުވާލެއްގެ ތެރެއަށް ވެއްޓިފައެވެ.

"މަޝްވަރާ ކޮށްގެން އޮއްޓަރެއް ފައިދާ ކުރުން އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެއްކަން އެކަން މިހާރު ވެސް ވަނީ ޔަގީނާ ގާތްވެފައި. އެ ބުނާ 'އަނިޔާ' ކުރުން ހުއްޓުވާން އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށް ވަންޏާ އެ ފުރުސަތުގެ ބޭނުން ހިފުން ނޫން ގޮތެއް ނެތް. އެކަމަކު އިދިކޮޅު ފަރާތްތައް ލީޑް ކުރަނީ އެހެން ބައެއް. އެކަމަށް ހަރަދު ކުރަނީ އެހެން ބައެއް. އެކަމާ ނުކުމެ އުޅެނީ އެހެން ބައެއް. ތިން ވައްތަރެއްގެ ބައެއް އުޅެނީ. އޭގެ ތެރެއިން ވެސް މައި ބަޔަކީ އެމްޑީޕީ. އެމީހުން އެތިބީ މަޝްވަރާ ކާމިޔާބުވިޔަ ނުދޭން އޮތް ހުރިހާ ބަހާނައެއް ދައްކައިގެން،،" ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު ވިދާޅުވި އެވެ.

އެމްޑީޕީއަށް ހުރިހާ ވެސް މައްސަލައަކީ އެ ޕާޓީގެ ރައީސް ކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއްގައި ޖަލުގައި ބަންދުވެފައި ހުންނެވުމެވެ. އެކަން ނުނިމެނީސް އެމްޑީޕީން މަޝްވަރާއަށް ދާކަށް ބޭނުމެއް ނުވެ އެވެ. ހަމަ އެގޮތަށް އަދާލަތު ޕާޓީން ވެސް ވަނީ ހައްޔަރުކޮށްފައި ހުރި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމީހުންގެ މަޝްވަރާ ޓީމްގެ އިސް ބޭފުޅެއްގެ ގޮތުގައި ހިމަނާފައެވެ. އެނާ ދޫކޮށް ނުލަނީ މަޝްވަރާ ކުރާކަށް ބޭނުމެއް ނުވެއެވެ.

އަދާލަތު ޕާޓީއަށް ވާހަކަ ދެއްކި ދާނެ ޕޮއިންޓެއް އެބަ އޮތެވެ. ސަބަބަކީ އިމްރާނަކީ އަދި ޝަރީއަތުން ކުށްވެރިވެ ހުކުމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. އޭނާއަށް ކުރެވެނީ އަދި ތުހުމަތެކެވެ. އެކަން އޮތީ ތަހުގީގެއްގެ ތެރޭގަ އެވެ. ވީމާ ސަރުކާރުން ބުނާ "ގާނޫނީ" ބަންދުގެ ތެރެއަށް އިމްރާން ވަދޭތޯ މިއީ ބަހުސްކޮށްލެވެން ޕޮއިންޓެކެވެ. އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަކީ ވެސް އެ ގޮޅީގައި ހުންނެވި ބޭފުޅެކެވެ. ސަރުކާރުން މިހާރު ވަނީ އޭނާ މިނިވަން ކޮށްފައެވެ. އެ ފުރުސަތު އިމްރާނަށް ވެސް އެބައޮތެވެ.

އެއާ ހިލާފަށް އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ނަޝީދު ހުންނެވީ ކުށް ސާބިތުވެގެން ޖަލުގަ އެވެ. ސަރުކާރު ބުނާ ގާނޫނީ ބަންދުގެ ތެރޭގައި ތާށިވެފައެވެ. އެހެން ކަމުން ޕާޓީތަކާއެކު ކުރާ މަޝްވަރާއަށް އެމްޑީޕީގެ ޓީމްގައި ހިމެނި ވަޑައިގެން ނަޝީދު ބައިވެރި ވަޑައިގަތުމަކީ ގާނޫނީ ގޮތުން ވާނެ ނޫނެވެ.

މަޝްވަރާތަކަށް ދާން ދައުވަތެއް އޮތް އިރު އިދިކޮޅުގެ ލީޑިން ޕާޓީއަކީ އެމްްޑީޕީއެވެ. އެ ޕާޓީގެ އޮތީ އެންމެ ޝަރުތެކެވެ. އެއީ ރައީސް ނަޝީދު މިނިވަން ވުމާއި މަޝްވަރާގެ ޓީމްގައި ހިމެނުމެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން އެ ޝަރުތު ކުރުމަތި ކުރުވާފައި ވަނީ މަޝްވަރާގެ މޭޒުދޮށަށް ދާނެ މާހައުލެއް ނެތްކަން ދައްކާށެވެ. ސުލްހައިގެ މޭޒު ދޮށަށް ދާން ކިތަންމެ ވަރަކަށް ގޮވިޔަސް ނަތީޖާއެއް ފެނިދާނެ ކަމާ މެދު ބޭރު ދުނިޔެއަށް ސުވާލު އުފައްދައިދޭށެވެ. ގޮތް ދޫކުރުމުގެ އެއްވެސް އަލާމާތެއް އެމްޑީޕީއަކުން ނުފެނެ އެވެ. މީގެ މާނައަކީ ސުލްހައަށްޓަކައި ރައީސް ޔާމީން ދިއްކުރެއްވި ޒައިތޫނި ފަތްކޮޅީގައި އެމްޑީޕީން ނުހިފުމެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކޮށް އިޖުތިމާއީ ގޮތުން ހަމަޖެހުން ގެނައުމުން ހުޅުވިފައިވާ ފުރުސަތާމެދު އެމްޑީޕީން ވެސް ދައްކަމުން ދާ ވާހަކައަކީ ބަހަނާއެކެވެ. މަޝްވަރާއެއް ކުރަން އެމްޑީޕީ ރުހޭނެ ގޮތެއް ސަރުކާރަކަށް ހަދައެއް ނުދެވޭނެ އެވެ. ކުށްވެރި ވެގެން ޖަލު ހައްޔަރުގައި ހުރި ބޭފުޅަކު މަޝްވަރާއަށް ގެނައުމަކީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެމްޑީޕީގެ މަޝްވަރާ ޓީމްގައި ކުރީގެ ރައީސް ނާސިރުގެ ނަންފުޅު ޖެހިއަސް ނުކުންނާނީ އެ ނަތީޖާ އެވެ.

"އެމްޑީޕީން ބުނަނީ އަނިޔާ ކުރާތީއޭ މައްސަލައަކީ. އެހެންވެ އެކަންކަން ހައްލު ކުރަން މަޝްވަރާއަށް ދާއިރު ނަޝީދު ހައްޔަރުން ދޫކޮށްލުން ނޫން ކަމެއް ނެތް. ކޮބައިތޯ ހައްޔަރުވެފައި ތިބި އެހެން މީހުން ބަހަނާއެއްގެ ގޮތުން ހައްޔަރުގައި ތިބި އެންމެ ދޫކޮށްލަން ޝަރުތު ކުރިނަމަ މާ ހަމަޖެހޭނެ، އެއިން އެއްވެސް ވާހަކައެއް ނުދައްކާ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން މަޝްވަރާއަށް ގޮވާލީ އިހުލާސްތެރި ކަމާއެކު އެވެ. އެމްޑީޕީގެ އިހްލާސްތެރިކަން އޮތް ނަމަ، ހުކުމެއް ތަންފީޒު ކުރަން ޖަލުގައި ހުންނެވި ބޭފުޅަކު ހިމަނައިގެން މަޝްވަރާގެ ޓީމެއް އެކުލަވައެއް ނުލާނެ އެވެ.

"މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ އިހްލާސްތެރިކަން ހާމަކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މަޝްވަރާގެ ވާހަކަތައް ފެށުމުގެ ކުރިން ވެސް ވާހަކަތަކުން ފޮނި މީރު ކަމެއް ލިބޭނެ ކަމުގެ އުންމީދު ގެއްލިއްޖެ އެވެ. މަޝްވަރާއިން އިތުރު ފޮނި ކަމެއް ނުކުމެދާނެ ކަމަކަށް ދެނެއް ނުބެލެވެ އެވެ. އަދި އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.

"ސަބަބަކީ ސަރުކާރުގެ އިހުލާސްތެރިކަން ނެތީ. ސަރުކާރުން ބޭނުމެއް ނުވޭ. ރައީސް ނަޝީދު ބައިވެރި ކުރާކަށް. ސަރުކާރުން ބޭނުމެއް ނުވޭ ކުޑަކޮށް ވެސް ދުލެއް ދޭކަށެއް. އެހެންވީމާ ސަރުކާރުން ބޭނުން ނުވެ ތިބެގެން ކުރާ ކަމަކުން ނުކުންނާނެ ފައިދާ ވެސް ލިބޭނެ މީރު ކަމެއް ފޮނި ކަމެއް ނޯންނާނެ. ކޮންމެވެސް ސިފައެއްގައި މަޝްވަރާތަކެއް ހިނގާފާނެ. އެކަމަކު މިއީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ކަމަކަށް އެމްޑީޕީގެ ތެރޭގައި ތިބި މީހުނެއް ވެސް ނުދެކޭ. މައިގަނޑު ސަބަބަކީ ސަރުކާރުގެ ހަރުކަށިކަން ދޫދޭން ބޭނުން ނުވުން،" އެމްޑީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ޕީޕީއެމުންގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ހުރިހާ ޕާޓީތައް އެކުގައި ކުރާ މަޝްވަރާއަކަށް މަރުހަބާ ކިޔާ ކަމަކަށް އެމްޑީޕީ ބުނި ނަމަވެސް އެޕާޓީން ބޭނުންވާ ގޮތް ފިޔަވައި އެހެން ކަމެއް ކުރިޔަށް ނެރުމުގެ ވިސްނުމެއް ނެތެވެ. ރާއްޖެއަށްވުރެ އެމްޑީޕީއަށް ބޮޑީ ކުށްވެރިވެ ޖަލުގައި ހުންނެވި ކުރީގެ ރައީސް ނަޝީދެވެ.

"ރައީސް ނަޝީދު ދޫކޮށްލުން އެއީ މަޝްވަރާއަކީ. އެގޮތެއް ސަރުކާރަކުން ބަލައެއް ނުގަންނާނެ. ދެން އޮތީ ރައީސް ޔާމީން ވެރިކަން ވެސް ދޫކޮށްލުން އެކަމެއް ވެސް ނުވާނެ. މި ދެ ކަމުން ކުރެ އެއްވެސް ކަމަކީ މިވަގުތަށް ހިނގާނެ ކަމެއް ނޫން. އެހެންވީމާ ނުވާނެ ހުރިހާ ކަމެއްގެ ބަހާނާ އެމްޑީޕީން އެވަނީ ކުރިޔަށް ނެރެފައި. އެމީހުންނާއެކު އެކަމެއް ނުވާނެ،" ލަތީފު ވިދާޅުވި އެވެ.

މަޝްވަރާ ކުރަން ސަރުކާރުން ދިން ފުރުސަތު ގެއްލިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ. ނޫނީ މުޅީންހެން އެ ފުރުސަތު ވަނީ މިހާރު ބަންދުވެފައެވެ. ސަބަބަކީ އެމްޑީޕީގެ ގޮތް ދޫނުކުރުމެވެ. ޒައިތޫނު ފަތްކޯޅީގައި އެމްޑީޕީން ހިފަން ބޭނުން ނުވުމެވެ.

ކީރިތި ރަސޫލާ ރަސޫލުގެ ޒަމާނުގައި މައްކާގެ މުސްރިކުން އެކަލޭގެފާނަކީ ރަސޫލެއްކަން ދޮގު ކުރި އެވެ. އެކަން ގަބޫލު ކުރަން އެތައް ބަހާނާތަކެއް ދެއްކި އެވެ. އެމީހުންގެ ލީޑަރުން ޝަރުތުތަކެއް ރަސޫލާއަށް ކުރިމަތި ކުރި އެވެ. ރާސޫލާގެ ބަސްފުޅު ގަބޫލު ކުރާނީ މަރުވެ ގޮސްފައިވާ އެމީހުންގެ ކާބަފައިން ދިރިގެން އައުމުން ކަމަށް ބުންޏެވެ. އަދި މަރުވެފައިވާ ކާބަފައިން ދިރިގެން އައި ނަމަވެސް އޭގެ ތެރޭގައި ގުސައްޔު ހުންނަން ޖެހޭނެ ކަމަށް ބުންޏެވެ. އަދި އޭގެ ތެރޭގައި ގުސައްޔު ހުރި ނަމަވެސް ރަސޫލާގެ ބަސްފުޅު ގަބޫލު ކުރާނީ އެމީހުން ފެންނަ ނަމަ ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ބަސް މަގާ ރާގު ހުރީ ގާތްތަނޑަކަށް މި ގޮތަށެވެ. މަޝްވަރާ ނުކުރެވޭނެހާ ބަހަނާ ދައްކައިގެން ފޭލްކޮށްލައި ސިޔާސީ ގޮތުން ބޭނުންވާ ފައިދާއެއް ހާސިލް ކުރުމެވެ. އެމީހުން ބޭނުން ވަނީ ނަޝީދެވެ. އެ ޕާޓީއަށް "އަނިޔާ" އަކަށް ވަނީ އޭނާ ހައްޔަރުވުން އެކަންޏެވެ. އެ ޕާޓީއަކަށް "ނިޔާ" އަކަށް ވަނީ އޭނާ މިނިވަން ވުން އެކަންޏެވެ.