ދުނިޔެ

ރަޝިޔާއިން ބޮން އަޅައި ސޫރިޔާގެ 44 މީހުން މަރާލައިފި

ސޫރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަވަރިންގެ ބާރުގެ ދަށުގައިވާ އިދުލީބު ޕްރޮވިންސްގެ އަވަށަކަށް ރޭގައި ދިން ވައިގެ ހަމަލާތަކެއްގައި 44 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ. މަރުވިމީހުންގެ ތެރޭފައި ހަ ކުޑަކުދިން ވެސް ހިމެނެއެވެ.

ސޫރިޔާގެ ހަތް އަހަރުވީ ހަނގުރާމަައިގައި އިދުލީބު ޕްރޮވިންސުގައި މިއަހަރު ، އެއް ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވީ ރޭގެ ހަމަލާގައެވެ. ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް)އިން ބުނީ ރޭގެ ހަމަލާއަކީ ސޫރިޔާ ސަރުކާރާ އެއްކޮޅަށް ހަނގުރާމަކުރަމުން އަންނަ ރަޝިޔާގެ މަތިންދާބޯޓުތުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

އިދުލީބުގެ ޒަރުދަނާ ނަމަކަށް ކިޔާ އަވަށަށް ދިން އެހަމަލާގައި މަރުވިމީހުންގެ އިތުރުން 60 މީހުން ޒަހަމްވެސް ވިއެވެ.

ސޫރިޔާހަނގުރާމައިގައި އެގައުމުގެ ބޮޑުބައެއްގެ ކޮންޓްރޯލް ސަރުކާރަށް ގެއްލިފައި އޮއްވާ ހަނގުރާމަައިގެ އޮއިވަރު ބަދަލުވީ ރަޝިޔާއާއި އީރާނުން ހަނގުރާމައިގެ ތެރެއަށް ވަދެ ސަރުކާރަށް ވާގިދޭން ފެށުމުންނެވެ. އެހަނގުރާމައިގައި މިހައިތަނަށް ބައިމިލިޔަނަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަ މީހުން މަރުވީ ސަރުކާރު ސިފައިންނާއި ސަރުކާރަށް މަދަދުކުރާ ރަޝިޔާ، އީރާނު އަދި އީރަނުން މަދަދުދޭ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ހިޒްބުﷲ އިން ދިން ހަމަލާތުގައެވެ.