އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބު ވެއްޖެ އެވެ.
އަންނަ 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުންގެ ގޮތުގައި ތިބޭނެ މެމްބަރުން ހޮވުމަށް އދ.ގެ އާއްމު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށް އޮތް ޖާގަ ކާމިޔާބު ކުރީ އިންޑޮނޭޝިއާއިންނެވެ. ކުރިންވެސް ތިން ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އެ ގައުމުން ކޮށްފައިވެ އެވެ.
ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް މިރޭ އދގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120 ގައުމުގެ ވޯޓް ލިބިގެން އެވެ.
އދ. ސަލާމަތީ މަޖިލީހުގައި ތިބެނީ ދާއިމީ ފަސްމެމްބަރުންނާއި ދާއިމީ ނޫން 10 މެމްބަރުންނެވެ. ދެން އެ ކައުންސިލަށް މިރޭ އިންތިހާބުވި މެންބަރުންނަކީ، ދެކުނު އެފްރިކާ އާއި ޑޮމިނިކަން ރިޕަބްލިކާއި ޖަރުމަން ވިލާތް އަދި ބެލްޖިއަމް އެވެ. އެ ގައުމުތައް އިންތިހާބު ކާމިޔާބު ކުރީ ވާދަވެރިކަމެއް ނެތި އެވެ.
ސަލާމަތީ މަޖިލީހަށް ހޮވުނު ގައުމުތައް
- ސައުތު އެފްރިކާ - އެފްރިކާ ބައްރުން : 183 ވޯޓް
- ޑޮމިނިކަން ރިޕަބްލިކަށް - ލެޓިން އެމެރިކާ/ ކެރީބިއަން : 184 ވޯޓް
- ޖަރުމަނުވިލާތް - ޔޫރަޕް ބައްރުން : 184 ވޯޓް
- ބެލްޖިއަމް - ޔޫރަޕް ބައްރުން : 181 ވޯޓް
- އިންޑޮނޭޝިޔާ - އޭޝިޔާ ބައްރުން : 144 ވޯޓް
އެ ކައުންސިލްގައި ތިބޭ ދާއިމީ މެމްބަރުންނަނީ ޔޫއެންގެ ފައުންޑާ މެމްބަރުންކަމަށްވާ އެމެރިކާ، ރަޝިޔާ،ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސެވެ.
އެމަޖިލީހުގެ ގެ މެމްބަަކަށް ވުމުން އެގައުމަކަށް އެ އާދެވުނީ ގިނަ ކަންކަމެއްގައި އަޑު އުފުލޭނެ މަގާމަކަށެވެ. އެއީ ބައިނަލް އަގުވާމީ ސުލްހައާއި ހަމަނުޖެހުންތަކުގެ ކަންކަމުގައި ވެސް އަޑު އުފުލޭނެ މަގާމެކެވެ. މިސާކަލަށް އުތުުކޮރެއާގެ ނިއުކްލިއަ ހަތިޔާރުގެ ކަންތަކުން ފެށިގެން ގޮސް ސޫރިޔާ ހަނގުރާމައާއި ޔަމަނާއި ސައުތު ސޫދާނުގެ މައްސަލައިގައި ވެސް ނިންމުންތައް ނިންމާނީ ސެކިއުރިޓީ ކައުންސިލުންނެވެ.
އެހެންވީމާ ގިނަ ގައުމުތަކަކުން އެގައުމެއްގެ މަދަަދަށް އެދެން ޖެހޭ ގައުމަކަށް ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ގައުމެއް ވާނެއެވެ. އެހެންވީމާ ބޮޑެތި މައްސަލަތަކުގައި ގައުމުތަކުން އެގައުމަށް ލޮބީކުރަން އަންނާނެއެވެ. އެގޮތުން ލޮބީކުރަން އަންނަ ގައުމުތަކުގެ މައްޗަށް މެމްބަރު ގައުމުގެ ނުފޫޒު ޔަގީނުންވެސް އޮންނާނެއެވެ.