ދުނިޔެ

ސަލާމަތީ މަޖިލީހަށް ހަތަރު ގައުމު ހޮވުނީ ވާދަވެރިކަމެއް ނެތި

އދ.ގެ ސަލާމަތީ މަޖިލީހުން އަންނަ ޖެނުއަރީ މަހު ހުސްވާ ދާއިމީ ނޫން ފަސް މެމްބަރުންގެ ޖާގައަށް މެމްބަރުން ހޮވަން މިއަދު ނެގި ވޯޓު އިންޑޮނޭޝިއާއާއި ޖަރުމަނާއި ބެލްޖިއަމާއި ސައުތު އެފްރިކާ އަދި ޑޮމިނިކަން ރިޕަބްލިކް އިން ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައިވާ އދ.ގެ މައިމަރުކަޒުގައި މިއަދު ނެގި ސިއްރު ވޯޓުގައި ފަސް ގައުމު އިންތިހާބު ކުރި ނަމަވެސް ވާދަވެރިކަމެއް އޮތީ ހަމަ އެކަނި އޭޝިއާ ޕެސިފިކް ސަރަހައްދުގައެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްފައިވާ ޖާގަ އިންޑޮނޭޝިއާއިން ކާމިޔާބުކުރީ ރާއްޖެއާ ވާދަކޮށް 144 ވޯޓު ހޯދައިގެންނެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ކުރިންވެސް ތިން ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ އިންޑޮނޭޝިއާއަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެގައުމުގައި 261 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ.


އެހެން ސަރަހައްދުތަކުން އިންތިހާބުކުރި ހަތަރު ގައުމަށް ވެސް މިއަދު ވޯޓުލީ ނަމަވެސް އެގައުމުތައް ތަމްސީލުކުރާ ސަރަހައްދުތަކުން އެހެން ބަޔަކު ވާދައެއް ނުކުރެއެވެ. އެގޮތުން ޖަރުުމަނާއި ބެލްޖިއަމާއި ޑޮމިނިކަން ރިޕަބްލިކްއާ ވާދަކުރާނެ ބަޔަމކު ނެެތެވެ. އެގައުމުތަކަށް ވޯޓުލީ ވާދަ ކުރާނެ ބަޔަކު ނެތަސް މެމްބަރަކަށް ވުމަށްޓަކައި އާއްމު މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާތީއެވެ. އާއްމު މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 193 އެވެ.

އދ. ސަލާމަތީ މަޖިލީހުގައި ތިބެނީ ދާއިމީ ފަސްމެމްބަރުންނާއި ދާއިމީ ނޫން 10 މެމްބަރުންނެވެ. ދާއިމީ މެމްބަރުންނަނީ ޔޫއެންގެ ފައުންޑާ މެމްބަރުންކަމަށްވާ އެމެރިކާ، ރަޝިޔާ،ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސެވެ.

އެމަޖިލީހުގެ ގެ މެމްބަަކަށް ވުމުން އެގައުމަކަށް އެ އާދެވުނީ ގިނަ ކަންކަމެއްގައި އަޑު އުފުލޭނެ މަގާމަކަށެވެ. އެއީ ބައިނަލް އަގުވާމީ ސުލްހައާއި ހަމަނުޖެހުންތަކުގެ ކަންކަމުގައި ވެސް އަޑު އުފުލޭނެ މަގާމެކެވެ. މިސާކަލަށް އުތުުކޮރެއާގެ ނިއުކްލިއަ ހަތިޔާރުގެ ކަންތަކުން ފެށިގެން ގޮސް ސޫރިޔާ ހަނގުރާމައާއި ޔަމަނާއި ސައުތު ސޫދާނުގެ މައްސަލައިގައި ވެސް ނިންމުންތައް ނިންމާނީ ސެކިއުރިޓީ ކައުންސިލުންނެވެ.

އެހެންވީމާ ގިނަ ގައުމުތަކަކުން އެގައުމެއްގެ މަދަަދަށް އެދެން ޖެހޭ ގައުމަކަށް ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ގައުމެއް ވާނެއެވެ. އެހެންވީމާ ބޮޑެތި މައްސަލަތަކުގައި ގައުމުތަކުން އެގައުމަށް ލޮބީކުރަން އަންނާނެއެވެ. އެގޮތުން ލޮބީކުރަން އަންނަ ގައުމުތަކުގެ މައްޗަށް މެމްބަރު ގައުމުގެ ނުފޫޒު ޔަގީނުންވެސް އޮންނާނެއެވެ.