އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރާއްޖެއަށް ލިބުނު ނަތީޖާއިން ދައްކުވައިދެނީ އިސްލާހުތައް ގެންނަން ފަށަން ވެއްޖެ ކަމަށް ކުރީގެ ދެ ފޮރިން މިނިސްޓަރުން ކަމަށްވާ ދުންޔާ މައުމޫން އާއި އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް މިރޭ އދގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120 ގައުމުގެ ވޯޓް ލިބިގެން އެވެ. ބޮޑު ތަނުން ރާއްޖެ ބަލިވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އެކަމަށް އިޝާރަތް ކުރައްވާ ދުންޔާ މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ދެ ފަހަރަކަށް އިންތިހާބުވި ކަމަށާއި ނަމަވެސް މިރޭ ސަލާމަތީ މަޖިލީހުގެ ވޯޓުން ލިބުނު ނަތީޖާއިން އެނގެނީ އިސްލާހުތައް ގެންނަން ވަރަށް މަަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިނިވަން އަންސާފުވެރި އަދުލްއިންސާފުގެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ އަގު އަލުން އުފުލަން މަސައްކަތް ކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރުގެ އިތުރުން މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2008 ވަނަ އަހަރު ފޮރިން މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން 2019 - 2020 ވަނަ އަހަރަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމަށް ހުށަހެޅީ ވަރަށް ފަހުރުވެރިކަމާއެކުގައި ކަމަށެވެ. ނަަމަވެސް އެންމެ 46 ގައުމުގެ ތާއީދާއެކު ވޯޓުން ނާކާމިޔާބުވުމުން މި ސަރުކާރާ ހެދި ރާއްޖެ ވެއްޓިފައިވާ ދަރަޖަ އެނގިގެންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރި އިރު މި ސަރުކާރުން އެތަށް ކަމެއް އިސްލާހު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކަންކަމަށް ރާއްޖެއިން އަމަލު ނުކޮށް ވަނީ ދެކޮޅު ހަދައިފަ އެވެ.