ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގު އުފުލިއްޖެ

Jun 9, 2018
2

ރާއްޖެއިން މަސް ބޭރު ކުރާ ދުނިޔޭގެ ހުރިހާ ބާޒާރުތަކެއްގެ އަގުތައް މިދިޔަ މަހު އުފުލިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ ޓޯކިއޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރާއި ތައިލެންޑުގެ ބާޒާރު އަދި ސްޕޭންގެ ބާޒާރުގައި ވެސް މަހުގެ އަގުތައް ވަނީ މަތިވެފަ އެވެ.

ތައިލެންޑުގެ ބާޒާރުގައި މިދިޔަ މަހު މަސް ޓަނެއް ހުރީ 23,130 ރުފިޔާ އަށެވެ. ނަމަވެސް 16.67 ޕަސެންޓުގެ މަތި ވުމަކާއެކު މިހާރު ހުރީ 27,756 ރުފިޔާ އަށެވެ. އަދި ޖަޕާނުގެ ބާޒާރުގައި މިދިޔަ ހަފުތާ ލޯބޮޑު ކަންނެލި ކިލޯއެއް 145.80 ރުފިޔާއަށް ހުރި ނަމަވެސް 5.64 ޕަސެންޓުގެ މަތިވުމަކާއެކު މިހާރު ހުރީ ކަންނެލި ކިލޯއެއް 154.52 ރުފިޔާ އަށެވެ.

މީގެ އިތުރުން ސްޕެއިންގެ މާކަމެޑްރިޓް މާކެޓުގައި މިދިޔަ މަހު ހަފުތާ ރީނދޫ އުރަހަ ކަންނެލި ކިލޯއެއް 154.73 ރުފިޔާއަށް ހުރިނަމަވެސް ކަންނެލީގެ އަގު ވަނީ މިދިޔަ ހަފުތާގައި 232.96 ރުފިޔާއަށް މަތިވެފަ އެވެ. މިއީ 33 ޕަސެންޓުގެ މަތިވުމެކެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް މަތިވިއިރު، ނިމިދިޔަ ހަފުތާގައި ރާއްޖޭގައި ކަންނެލި ގަންނަ އަގު ވަނީ ދަށްވެފަ އެވެ. މިދިޔަ ހަފުތާގައި ކަންނެލި ކިލޯއެއް ރާއްޖޭގައި ގަތީ 59.43ރ. އަށެވެ. ނަމަވެސް މި ހަފުތާ މި އަދަދު ވަނީ 47.70ރ. އަށް ދަށްވެފަ އެވެ. ރާއްޖޭގައި ފިނި ކުރި މަސް ކިލޯއެއް ގަންނަނީ 20ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް 18ރ. އަށް ގަނެ އެވެ.