ހަބަރު

ރޯދައިގެ ފުރަތަމަ 15: ވައްކަން ގިނަ

Jun 9, 2018
1

މިދިޔަ އަހަރުގެ ރޯދަމަހާ އަޅާ ބަލާއިރު މި ރޯދަމަހުގެ ފުރަތަމަ ފަނަރައިގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި ވައްކަމުގެ މައްސަލަތައް އިތުރު ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. މި ރޯދަ މަހު އެންމެ ގިނައިން ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ވެސް ވައްކަމުގެ މައްސަލަ އެވެ.

ރޯދަމަހުގެ މިހާތަނަށް ފުލުހަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު ދައްކާގޮތުން ފުރަތަމަ 15 ދުވަހު ޖުމްލަ 556 މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ތަންކޮޅެއް ދަށް އަދަދެކެވެ. ނަމަވެސް މިއަހަރު ވައްކަމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ވައްކަމުގެ 127 މައްސަލަ މިއަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 109 މައްސަލަ ހުށަހެޅިފައިވެއެވެ. ވައްކަމުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ކުދި ވައްކަމުގެ މައްސަލަތަކެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ވައްކަމުގެ މައްސަލަތައް އިތުރުވެ އެވެ. ހާއްސަކޮށް ކުދި ވައްކަންތައް އަހަރެއް އަހަރަކަށް އިތުރުވަމުންދާއިރު ވައްކަން ކުރުމުގެ ފުރުސަތު ވަގުންނަށް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ނިދާއިރުއާ ތަންތަނަށް ދާއިރު ގެއާ އެޕާޓްމަންޓްތައް ރަނގަޅަށް ތަޅުލައި، މިހާރަށްވުރެ ބޮޑަށް ވަގުންނަށް ސަމާލުވާން ވަނީ އަންގާފަ އެވެ. އަދި ފޯނާއި ޓެބްލެޓް، ޕާސްޕޯޓްފަދަ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް ވަނީ އަންގާފަ އެވެ.

ހާމަ ތަންތަނުގައި ތިބެ ކެއުމަކީވެސް ރޯދަމަހު ގިނައިން ރިޕޯޓްކުރާ މައްސަލައެކެވެ. ދުވާލު ކައިގެން މިދިޔަ އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މިއަހަރު މިއަދަދު ވަރަސް ބޮޑުތަން ދަށެވެ. ދުވާލު ކައިގެން ފުރަތަމަ ފަނަރައިގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ ހަތް މީހެކެވެ.