ހަބަރު

ނަމާދަށް ހުއްޓާ ދަބަސް ވަގަށް ނަގައިފި

މާލޭގެ މިސްކިތެއްގައި އަންހެނުންތަކެއް ރޭ ތަރާވީހް ނަމާދަށް ތިއްބާ މިސްކިތުގެ ތެރެއަށް ވަދެ އެތެރޭގައި ބަހައްޓާފައި ހުރި ދަބަހެއް ވަގަށް ނަގައިފި އެވެ.

ދަަބަހުގެ ވެރި ފަރާތުން ކުރި ޓްވީޓެއްގައި ބުނީ އޭނާ ތޮއިބާ މިސްކިތުގައި ތާރާވީހް ނަމާދު ކުރަން ހުއްޓާ މީހަކު މިސްކިތުގެ ތެރެއަށް ވަދެ އޭނާގެ ދަބަސް ނަގައިގެން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ދަބަހުގެ ތެރޭގައި އޭނާގެ ފޯނާއި ތަޅުދަނޑިފަތީގެ އިތުރުން ބައެއް މުހިއްމު ތަކެތި ހުންނާނެ ކަމަށެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރު، މިސްކިތްތަކުގެ އެތެރެ ވެސް ރައްކާތެރި ނޫން ކަމަށް ބުނެ އެ އަންހެން މީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްކިތުގެ ތެރެއިން ދަބަހެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ރޭ 8:35 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުންފަދަ ކުށްތަކުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިކަމުގައި އާންމުންގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑެވެ.