ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތު ދެނެގަތުމަށް ސައޫދީ އަރަބިއްޔާގެ އިންވެސްޓަރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތް ކުރަމުން އެބަދެ އެވެ.
މަހުޖަނުން ގިނަ އެއް ގައުމު ކަމަށްވާ ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ވަފުދުގައި އެ ގައުމުގެ އިސް ހަތް އޮފިޝަލަކު ހިމެނެ އެވެ. މި ޓީމުގައި އެ ގައުމުގެ ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވެ އެވެ.
ސައޫދީ ވިޔަފާރީގެ ވަފުދުން މިއަދު ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު ބޭއްވި މި ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ޑެޕިއުޓީ މިނިސްޓާ ފޯ ފޮރިން ޓްރޭޑް އަބްދުﷲ އަލް އުބައިދު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މަގުސަދަކީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުން ކަމަށެވެ.
"ރާއްޖެއަށް މި ކުރާ ޒިޔާރާތުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރާނެ. ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ބަލާނެ،" އުބައިދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ.
"ރާއްޖެއިން އަޅުގަނޑުމެންގެ ޓީމަށް ދެއްވަމުން ގެންދާ މެހުމާންދާރީއަށް ޝުކުރު ދަންނަވަން،" އުބައިދު ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާގެ ވަފުދުގައި ހިމެނޭ އިސް ބޭފުޅުންގެ ތެރޭގައި ސައޫދީ ފަންޑު ފޯ ޑިވްލޮޕްމަންޓުގެ ބޭފުޅުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ސައޫދީ ފިޝަރީޒް ކޮޕެނީ އާއި އެ ގައުމުގެ ޖެނެރަލް އިންވެސްޓްމަންޓްގެ ބޭފުޅުންވެސް ބައިވެރިވެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރީ ސައޫދީ ރަސްގެފާނުގެ އެދިލެއްވުމަށް ކަމަށެވެ.
"މި ބޭފުޅުންގެ ވިޒިޓް އައީ މި ވޭތުވެދިޔަ ދުވަސްތަކުގައި ރައީސް ޔާމީންއާ އެކު ދިޔަ މަޝްވަރާތަކުގެ ދަށުން. ރައީސުލް ޖުމްހޫރިއްޔާގެ އިގްތިސާދީ އެޖެންޑާއަށް އެހީތެރިކަން ދެވެން ހުރި ފުރުސަތުތައް މ ދަތުރުގައި ބަލާނެ،" ޝަހީމް ވިދާޅުވި އެވެ.