ދުނިޔެ

އުރުދުންއަށް އެހީވާން ސައުދީން ބައްދަލުވުމެއް ބާއްވަނީ

އުރުދުންއަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައިން ސަލާމަތްވާން އެހީތެރިވުމަށް މަޝްވަރާކުރަން ގަލްފު ގައުމުތަކުގެ ބައްދަލުވަކަށް ސައުދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.

ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ ( އެސްޕީއޭ)އާ ހަވާލާދީ އަރަބް ނިއުސް ބުނީ ޖޫންމަހުގެ 26 ވަނަ ދުވަހު ބާއްވަން ނިންމާފައިިވާ ބައްދަލުވުމަށް ދައުވަތު ދީފައި ވަނީ އުރުދުންގެ އިތުރުން ކުވައިތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަށް ކަމަށެވެ.

އުރުދުންއަަށްް އެހީވާން ބައްދަލުވުމެއް ބާއްވަން ސައުދީން ނިންމީ އުރުދުންގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރުމުންނެވެ. އާ އިންކަމް ޓެކްސްއެއް ތައާރަފްކުރަން ގާނޫނެއްގެ ދެލިކޮޕީއެއް އެކުލަވައިލުމާއި ތަކެތީގެ އަގުބޮޑުވުން ފަދަ ކަންތައްތަކާ ނުރުހިގެން ފެށި އެމުޒާހަރާތަކާ ހެދި އުރުދުންގެ ބޮޑުވަޒީރު ހާނީ މުލްކީ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އުރުދުން އަށް މިހާރު ކުރިމަތިވެގެން އުޅޭ މާލީ މައްސަލަތައް ކުރިމަތިވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެެފް) އިން 2016 ވަނަ އަހަރު ނެގި ލޯނަކާ ހެދިއެވެ. އެލޯނަށް ފައިސާ ދައްކަން އިތުރު ޓެކްސްތައް ނަގަން އައިއެމްއެފް އިން ވަނީ އުރުދުން ސަރުކާރަށް ބާރުު އަޅާފައެވެ.

އަވަށްޓެރި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އުރުދުންއަށް އެތެރެވާ މީހުންނަށް ހަރަދުކުރަން ޖެހުމަކީ ވެސް ދަތިކަން ކުރިމަތިވި ސަބަބެއް ކަމަށް އުރުދުން އިން ބުނެއެވެ. ރެފިއުޖީންގެ ކަންތައްތައް ހަަމަޖެއްސުމުގައި ބައިނަލް އަގުވާމީ އެހީ ނުލިބޭތީ އުރުދުން އިން ޝަކުވާ ކުރެއެވެ.