ކުޅިވަރު

އަމީރީގެ މައްސަލަ ފީފާއަށް ހުށަހަޅަން ނިއު ތައްޔާރުވެއްޖެ

ނިއު ރޭޑިއަންޓްގެ ކޮންޓްރެކްޓްގައި ހުރެ ޓީމުގެ މެނޭޖްމެންޓަށް ނާންގައި، ޓީމު ދޫކޮށް ރާއްޖެއިން ފުރައިގެން ދިޔަ އަގްފާނިސްތާންގެ ޑިފެންޑަރު ޒާހިބް އިސްލާމް އަމީރީގެ މައްސަލަ ފީފާއަށް ހުށަހަޅަން ނިއު އިން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އަށް ކަށަވަރު ވެފައިވާ ގޮތުގައި، އަމީރީގެ މައްސަލަ ތައްޔާރު ކުރުމަށް ނިއު އިން ވަނީ ދެ ވަކީލުންނާވެސް ވާހަކަ ދައްކާފަ އެވެ. އަފްގާނިސްތާންގެ ގައުމީ ޓީމުގައި ހިންގި މެޗު ފިކްސިން މައްސަލައެއްގައި އަމީރީގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވިގެން މިހާރުވެސް ފީފާގައި އޭނާގެ މައްސަލައެއް ފައިލް ކޮށްފައިވާ އިރު، ނިއު އިން އޭނާއާ ދެކޮޅަށް ހުށަހަޅަން އުޅޭ މައްސަލައަކީ ޓީމުގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިޔެއްގެ ފަރާތުން ކޮންޓްރެކްޓްގެ އުސޫލާ ހިލާފަށް އަމަލު ކުރުމެވެ.

އަމީރީ ޓީމު ދޫކޮށް ރާއްޖެއިން ފުރީ ޓީމުގެ ކޮންޓްރެކްޓްގައި ހުއްޓަ އެވެ. އެހެންވެ ކޮންޓްރެކްޓްގައި ކުޅުންތެރިޔާގެ ފަރާތުން އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފު ވެފައިވާ ކަމަށް ނިއު އިން ހުށަހަޅާ މައްސަލައިގައި ހިމެނޭ ކަމަށް "އަވަސް" އަށް ވަނީ އެނގިފަ އެވެ.

އަމީރީ އާ ނިއުގެ މެނޭޖްމެންޓާ މެދު މައްސަލަ ޖެހިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ކޮންޓްރެކްޓްގެ ބޭރުން އޭނާގެ ކަންކަމަށް ޑިމާންޑް ކޮށްފައިވާ ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި އޭނާ ޑިމާންޑް ކުރީ، އޭނާ އަށް ވަކިން ލަގްޜަރީ އެޕާޓެމްންޓެއް ހަމަޖައްސައި ދިނުމަށެވެ.

ނިއުގެ ބިދޭސީ އަނެއް ދެ ކުޅުންތެރިން ކަމަށްވާ ހޯޖޭ ގޮޓާރް ކަންޑެލާ މިހާރު ތިބީ، ހުޅުމާލޭ އަމީން އެވިނިއުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގަ އެވެ. އެއީ ކުރިން ތިބި އިމާރާތް ހުސްކުރަން އިމާރާތުގެ ވެރިފަރަތުން އެ އިމަރާތުގައި ދިރިއުޅޭ އެންމެންނަށް އެންގުމުންނެވެ. އެ އިމާރާތުގައި ދިރިއުޅުނު އިރު، އަމީރީއަށްވެސް ވަނީ ވަކި އެޕާޓްމެންޓެއް ދީފަ އެވެ.

ނިއުގެ ލޯޔަރުން ފާހަގަ ކުރާ އަނެއް މައްސަލައަކީ، ޓީމުގެ މެނޭޖްމެންޓުން ވަކި ގޮތަކަށް އަންގާފައި ވަނިކޮށް ، އެގޮތާ ހިލާފަށް އަމަލު ކުރުމުންނެވެ. އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ބެންގަލޫރުގައި ކުޅުނު މެޗަށް ޓީމު ކުރި ދަތުރުގައި، ޓީމު ތިބޭ ހޮޓަލުން ބޭރަށް ނުދިއުމަށް ޓީމުގެ ކުޅުންތެރިންނާ ޓެކްނިކަލް ސްޓާފުންނަށް ޓީމުގެ މެނޭޖަރު އެންގި އެވެ. ނަމަވެސް ހޮޓަލުން ބޭރަށް ނުދިއުމަށް އަންގާފައި ވަނިކޮށް، އަމީރީ ހޮޓަލުން ބޭރަށް ގޮސް އެހެން ބަޔަކާ ބައްދަލު ކުރި ކަން ނިއުގެ އޮފިޝަލުންނަށް ވަނީ ފަޅާ އަރާފަ އެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އޭނާ އާ ނިއުގެ މެނޭޖްމެންޓުން ސުވާލު ކުރިކަމެއް އެނގިފަ އެއް ނުވެ އެވެ.

އަމީރީއަށް ދެ މަހުގެ މުސާރަ ނުދޭ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އޭނާއަށް ނުދީ ވާނީ މެއި މަހުގެ މުސާރަ ކަމަށާއި، މުސާރަ ހަވާލު ކުރަން މި މަހު ހަތް ވަނަ ދުވަހު ދިއުމުން، ކޮންޓްރެކްޓް އުވާލަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް "އަވަސް" އާ މައުލޫމާތު ހިއްސާ ކުރި ފަރާތުން ވަނީ ބުނެފަ އެވެ. އަދި ކޮންޓްރެކްޓް އުވާނުލައިފިނަމަ ފީފާއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ، މުސާރައާ ހަވާލުވާން އޭނާ ދެކޮޅު ހެދި ކަން ވަނީ އެނގިފަ އެވެ.

"އެއީ ފީފާއަށް މައްސަލަ ހުށަހެޅުމަށް ސަބަބެއް ދެއްކުމުގެ ގޮތުން އޭނާ ކުރި ކަމެއް." ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ނިއު އިން ފީފާއަށް ހުށަހެޅަން ތައްޔާރުވާ މައްސަލައާ ބެހޭގޮތުން ކޮމެންޓެއް ހޯދަން ގުޅުމުން، ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒް މޫސާ (ޓެޑް) ވަނީ ކުލަބުގެ އެތެރޭގެ ކަމަކާ ބެހޭގޮތުން މީޑިއާ އާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެ އޭނަ ވަނީ އެކަމާ ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ.