ހަބަރު

އެމްޑީޕީ ގޮތް ދޫކޮށް، ސާފު ކެންޑިޑޭޓަކަށް އެއްބަސްވާން ޖެހޭ: ގާސިމް

Jun 10, 2018
10

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޝަރުއީ އެއްވެސް މަރުހަލާއެއްގައި މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ނެރެން ޖެހޭ ކަމަށާއި އެކަމަށް އިދިކޮޅު އެމްޑީޕީ އިން ވެސް އެއްބަސްވާން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެއް ކެންޑިޑޭޓެއްގެ މައްސަލާގައި ދެކިވަޑައިގަންނަވާ ގޮތް ގުޅިފައިވާ ކޯލިޝަންގެ ބައިވެރިންނަށް ހިއްސާ ކުރައްވަމުން ގާސިމް ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަދު އޮތް ހާލަތުން ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއްވެސް ރިސްކެއް އޮތް ބަޔަކު އިންތިހާބަށް ނެރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ރިސްކު ނެގެން އޮތް ނަމަ ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ނައިބު ކަމަށް ރައީސް ނަޝީދާއި މަޖިލީހުގެ ރައީސް ކަމަށް ގާސިމްއާ، ނައިބަކަށް އިބްރާހިމް މުހައްމަދު ސޯލިހުއާ، ހޯމް މިނިސްޓަރު ކަމަށް ޝޭހް އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު ކަމަށް ކާނަލް ނާޒިމް އިބްރާހިމް އައްޔަން ކުރަން ނިންމުން މާ ރަނގަޅުވާނެ ކަމަށެވެ.

ނަމަވެސް މިއަދުގެ ހާލަތެއް ބަދަލެއް ނުކުރެވޭނެ ކަމަށާއި ގަބޫލު ކުރަން ދައްޗަސް އެއީ ހަގީގަތް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ބައެއް ގައުމުތަކުން ލީޑަރުންގެ ޑްރައިވަރުންނަށް ކެންޑިޑޭޓުކަން ދީގެން ވެސް ހާލަތު ބަދަލު ކުރަން ޖެހުނީ ވެސް އެހެންވެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ހާލަތު އެގޮތަށް އޮތް ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް އެމްޑީޕީ ނޫން ބަޔަކަށް ހައްގު ކަމަކަށް އެ ޕާޓީ ގަބޫލު ކުރާތަން ނުފެންނަ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓެއް ނެރެން ހުށަހަޅާ ވާހަކަތައް ވެސް އެ ޕާޓީ އިން ގަބޫލު ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެމްޑީޕީ ނޫން ބަޔަކަށް އެ ޕާޓީ އިން އެއްވެސް ދުލެއް ނުދީ އަދި ސާފު ކެންޑިޑޭޓަކާއި ރަނިން މޭޓަކަށް ޖާގަ ނުދީ ނުވަތަ ދެ ޕާޓީއެއްގެ ނަމުގައި ކުރިމަތިލުމަށް ފަހު ހުރިހާ ކަމެއް ސާފުވުމުން އެއް ޕާޓީއަކަށް އެއްބަސްވާ ގޮތަށް އެއްބަސް ނުވެވެނީ ނަމަ ދައްކަން އޮތީ އިތުރު ކޮން ވާހަކައެއްތޯ،" ކޯލިޝަންގެ ބައިވެރިންނާ ސުވާލު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޖޭޕީ އިން އަދިވެސް ހުރީ އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއެކު ކުރިޔަށް ދާ ގޮތަށް ކަމަށެވެ. އެގޮތުން އެމްޑީޕީ އިން ވެސް ކޯލިޝަންއަށް ހުށަހަޅަން ވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއް ނެތް، އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓީޒަންޝިޕެއް ނެތް ކެންޑިޑޭޓެއްގެ ނަން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ކެނޑިޑޭޓަކާ އެކުގައި އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާއެކުގައި ވެސް މަސައްކަތް ކުރުމަށް ޖޭޕީ އިން ތައްޔާރަށް ހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަންޑައަޅާފައި ވަނީ ޝަރުތު ހަމަ ނުވާ ކެންޑިޑޭޓެއް ކަމަށާއި އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަންކަން ރައްޔިތުންނަށް ހާމަ ކުރަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ދެ ސަރުކާރެއް އެކުލަވާލުމާއި ބޭރު ބައެއް ލައްވާ ވެރިކަން ބަދަލު ކުރުމަކީ ޖޭޕީ އިން އެއްގޮތަކަށް ވެސް ތާއީދު ނުކުރާ ކެމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.