ހަބަރު

ކޯލިޝަންގެ އެއްބަސްވުން ދަމެހެއްޓުން ރައީސަކަށް ވެސް ހައްލެއްނުވި: ގާސިމް

Jan 20, 2019
14

މަޖިލިސް އިންތިހާބާބެހޭ ގޮތުން ކޯލިޝަން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް އެމްޑީޕީން އެކަމަށް އެއްބަސް ނުވާނެ ކަމަށް އެމަނިކުފާނު ވެސް ވިދާޅުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ގުޅުމަށް މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގެ ތެރެއިން އަވަސްގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ތެރޭގައި މައްސަލަތައް ޖެހިގެން އުޅެނީ ރިޔާސީ އިންތިހާބުގެ ކުރިން ވެފައިވާ "ވައުދާއި އަހުދު" ވެރިކަމަށް އާދެވޭ ހިސާބުން ހަނދާން ނައްތާލުމުން ކަމަށެވެ.

އަދި ވިދާޅުވީ އިންތިހާބުގެ ކުރިން ޕާޓީތަކުން އަމަލު ކުރާނެ ފޯމިއުލާއެއް ހަދައި އެއަށް ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީން އެ އެއްބަސްވުމާ ހިލާފަށް މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އެންމެ ފަހުން ހަތަރު ލީޑަރުން ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ހަތަރު ޕާޓީން ވެސް ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިރު ކުރިން އޮތް އެއްބަސްވުމަށް އަމަލު ކުރަން އެމްޑީޕީން ބޭނުން ނުވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވި ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ.

"ރައީސް ސޯލިހު ވެސް ވިދާޅުވީ ތިމަންނަ އާއި މުހައްމަދު ނަޝީދާ ދެ ބޭފުޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް މިގޮތް ބަދަލު ކުރަން އެދުނަސް ނުކޮށްދޭނެއޭ. އެހެންވެ އެ ހިސާބުން އަޅުގަނޑު ދެންނެވީ އެހެންތޯއޭ. އެހެންކަމަށް ވަންޏާ ވަރަށް ދެރައޭ، އަޅުގަނޑުމެން ބޭނުންވަނީ އެއްބަސްވުމާ އެއްގޮތަށް ދާށޭ، އެހެން ނުދެވޭ ކަމަށް ވަންޏާ [އޮންނާނީ] އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކާ ދިމާލަށް އެއްޗެހި ގޮވުމާއި އަޅުގަނޑުމެން އެކަކު އަނެކަކާ ދިމާލަށް އެއްޗެހި ގޮވާ ޕާޓީތަކުގެ މެދުގައި ފަސާދަ އުފެދިގެން ދިޔުން ނޫންތޯއޭ، އެއެއް ނޫން ދެއްތޯއޭ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ، އަނެއްކާވެސް ކުރިން ޖެހުނުތާ ޖެހުނީ ނޫންތޯ އޭ އަޅުގަނޑޫ ދެންނެވިން،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހަށް ވާދަ ކުރުމާ ގުޅޭ ގޮތުން ޕާޓީން ވަކި ގޮތެއް ނުނިންމާ ލަސްކުރީ ޕާޓީތަކަށް ވަކި ގޮތަކަށް އެއްބަސް ނުވެވޭތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަހުން އެއްވެސް ބޭފުޅަކަށް އެކަމަށް ހައްލެއް ގެނެސް ނުގެނެވުމުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކަމަށެވެ. އަދި މި މަހު 25 ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ދެންނެވީ އެބައޮތް ހެއްޔޭ ކޯލިޝަން، އަޅުގަނޑު ނުދަންނަވަން މިހާރަކު ނެތެކޭއެއް. އަސްލަކީ އަޅުގަނޑުމެން ބިނާ ކުރި ލިޔުމުގެ މައްޗައް އަމަލުކޮށް ވެރިކަަން ކުރުން، ނަމަވެސް ވަކި ހިސާބަކަށް ދިޔުމުން އޭތި ކަނޑައި އެއްލާލީމަ ދެން ކޮބައިތޯ، އެބައޮތްތޯ؟" ގާސިމް ސުވާލު ކުރެއްވި އެވެ.

އެއްބަސްވުމާ ހިލާފަށް އަމަލުކޮށް ޖުމްހޫރީ ޕާޓީ "މަގުމައްޗަށް ނެރެ އެއްލާލުމުން" އެހެން ހުރިހާ ޕާޓީތަކެއްގެ ކައިރިޔަށް ވެސް ދާން ޖެހޭ ކަމަށް މިރޭ ވެސް ގާސިމް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ތަނުގައި އަމަލު ކުރާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.