ރޭ ހުޅުމާލޭގައި ޒުވާނެއްގެ ފުރާނަ ގެއްލިގެން ދިޔައީ އަމިއްލައަށް ކޮންޓްރޯލް ނުވާ މިންވަރަށް ބަޔަކު ސައިކަލް ސްޕީޑް ގަދަކުރުމުންނެވެ. ރަނގަޅު ސިއްހަތެއް ހޯދުމަށް ދުވަން ނިކުތް 24 އަހަރުގެ ޒުވާނާއަށް އަނބުރާ ގެއަށް ނުވަދެވޭނެކަން އޭނާ ހިތަށް ވެސް ނުގެންނާނެ އެވެ. ކޮންޓްރޯލްނުވި ސައިކަލެއްގައި ޖެހި އޭނާގެ ހަޔާތް ނިމިގެންދާނެކަމާމެދު ފިކުރު ވެސް ނުކޮށްލާނެ އެވެ.
ރޭ 18 އަހަރުގެ ދެ ކުދިން ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑްގައި ކަމަށްވެ އެވެ. ކޮންޓްރޯލް ނުކުރެވި މަގުގައި ހިނގާފައި ދިޔަ ޒުވާނާގެ ގައިގާ ޖެހި އޭނާ މަރުވީ އެވެ. އާއިލާއަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ހިތާމައެކެވެ. ގެއްލިގެން ދިޔައީ ޒުވާނެކެވެ. އަނެއްކޮޅުން އިހަށް ދުވަހު ޒުވާން ކަމަަށް އަޅާލި ދެ ޒުވާނެއްގެ ހަޔާތް ވެސް ބަނަވެގެން ދިޔައީ އެވެ.
ސައިކަލް ދުއްވަން ތިބި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނެއްގެ ވެސް ހާލު ގޯސްއިރު އަނެއް ޒުވާނާގެ ހާލު ސްޓޭބަލް އެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އެ ހާދިސާ އެ ދެ ޒުވާނުންގެ މުސްތަގުބަލަށް އަބަދުމެ ހުރަސްއަޅާނެ އެވެ. މިފަދަ އެކްސިޑެންޓްތަކުގައި އިހުމާލުވި ކަމުގެ ކުށުގައި މިހާރު ވެސް ޖަލުގައި ޒުވާނުން ދުވަސްތައް ގުނަމުން އެބަދެ އެވެ. ކޯޓުތަކުގައި މައްސަލަތައް ދަނީ ކުރިއަށެވެ. އެހެންވީއިރު ހިތާމަ އޮތީ ހަމައެކަނި ވަކިވެގެންދާ މީހާގެ އާއިލާއަށް އެކަންޏެއް ނޫނެވެ.
މިފަދަ އެތައް ހާދިސާއެއް މި ރޯދަ މަހު ވެސް ވަނީ ހިނގާފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގި އެވެ. މަގުގައި ހިނގާފައި ދިޔަ ދުވަސްވީ މީހެއްގެ ގައިގާ ބާރްސްޕީޑްގައި ދިޔަ ސައިކަލަކުން ޖެހި އެމީހާގެ ހާލު ގޯސްވި އެވެ. ބާރު ސްޕީޑްގައި ދިޔަ ދެ ސައިކަލް ޖެހި އޭގައި ތިބި ޒުވާނުންތަކަކަށް ވެސް ބޮޑެތި އަނިޔާތައްވެ އަދިވެސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދެ އެވެ.
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި މޫދަށް ވެއްޓި ނ.ހޮޅުދޫގައި ވެސް މި ރޯދަ މަހު ދެ ޒުވާނުން މަރުވެފައިވެ އެވެ.
މި ހުރިހާ ހާދިސާތަކުގެ ފަހަތުގައި ވެސް ވަނީ އެއް ކަމެކެވެ. ސްޕީޑް އިންތިހާއަށް ބާރު ކުރުމެވެ. ސްޕީޑް ބާރު ކުރަމުންދާއިރު އެ ކޮންޓްރޯލްވާނެ ކަމަށް ހީކުރުވުނު ނަމަވެސް ކުރިއަށް ދިމާވާން އޮތީ ކޮން ކަމެއް ނޭނގޭނެ އެވެ. ކުއްލިއަކަށް ކުރިމައްޗަށް ނުކުންނަ މީހަކުން ނުވަތަ އެއްޗަކުން ކޮންޓްރޯލް ގެއްލި ގިނަ ފަހަރަށް ނުރައްކާތެރި އެކްސިޑެންޓް ހިނގަނީ އެވެ.
މާލޭ ސަރަހައްދަކީ މީހުން މަރުވާފަދަ އެކްސިޑެންޓް މީގެކުރިން މަދު ސަރަހައްދެއް ނަމަވެސް ހުޅުމާލޭގައި މިފަހުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގާފައިވުމަކީ މިކަމާމެދު ވިސްނަންޖެހިފައިވާ ކަމެވެ. ހުޅުމާލޭގައި މަދު އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ސިޓީގައި އުޅޭ މީހުން މިހާރު ގިނަ އެވެ. ދުއްވާލައި މަޖާކޮށްލަން ހުޅުމާލެއަށް އަރާ ޒުވާނުން ވެސް ގިނަ އެވެ. ފުލުހުން ވެސް ހުޅުމާލެ ބެލެހެއްޓުން މިއަށްވުރެ ހަރުކަށި ކުރަން ވަނީ ޖެހިފަ އެވެ.
އަނެއްކޮޅުން ހުޅުމާލޭގެ މަގުތައް އަނދިރިވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ވެސް މަދު ނޫން ކަމަށް މީހުން ބުނެ އެވެ. ހުޅުމާލޭގެ ގިނަ މަގުތަކުގައި ބޯކޮށް ގަސް ހެދި، އެކަށީގެންވާ ވަރަށް ބައްތި ބެހެއްޓިފައިނުވާތީ މަގުތައް އޮންނަނީ އަނދިރިކޮށެވެ. އެއީ ވެސް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމެކެވެ.
ޓްރެފިކް ފުލުހުން މަދުވުމާއި މަގުތައް އަނދިރުވުމަކީ ހަގީގަތުގައި ބަހަނާއެއް ނޫނެވެ. ބަހަނާއަކީ ސްޕީޑް ބާރުވުމެވެ. އެއީ ސައިކަލް ނުވަތަ ކާރު ދުއްވާ ކޮންމެ މީހެއްގެ ވެސް އަތް މަތީ އޮންނަ ކަމެވެ. އެމީހަކަށް ކޮންޓްރޯލް ނުވާ މިންވަރަށް ސްޕީޑް ބާރު ނުކުރުމަކީ އޮތް ހައްލެވެ. ތިމާގެ ފުރާނައަށް އިހްތިރާމް ނުކުރި ނަމަވެސް މަގުގައި އުޅޭ އެހެން މީހުންގެ ފުރާނައަށާއި އެމީހުންގެ އާއިލާތަކާމެދު ވިސްނާލައިގެން ދުއްވުމަކީ އޮތް ހައްލެވެ.